27 އޯގަސްޓް 2016 - 09:10

ލަންޑަން (އޮގަސްޓް 27) - ޓީމު ވަރުގަދަ ކުރަން ގެންނަން ބޭނުންވާ ކުޅުންތެރިން ނުލިބޭތީ ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ކަންބޮޑުވެއްޖެ އެވެ.
މިފަހަރުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީން ވަނީ މާސޭ އަށް ކުޅުނު ބެލްޖިއަމްގެ ފޯވާޑް މިޝީ ބަޓްޝުއާޔީ އާއި މިދިޔަ ސީޒަނުގައި ލެސްޓާ ސިޓީ އަށް ތަފާތު މޮޅު ކުޅުމެއް ދެއްކި އެންގޯލޯ ކާންޓޭގެ އިތުރުން ޕޯޗުގަލްގެ ކީޕަރު އެޑުއާޑޯ ގެނެސްފަ އެވެ. އެހެން ނަމަވެސް ޓީމުގެ ޑިފެންސްލައިން ވަރުގަދަކުރުމުގެ މަސައްކަތަށް ކުރިއެރުމެއް ނުލިބެ އެވެ.
ޗެލްސީން ފާރަލުން އަންނަ ތިން ޑިފެންޑަރުންނަކީ ޔުވެންޓަސްގެ ލިއަނާޑޯ ބޮނޫޗީ އާއި ނަޕޯލީގެ ކަލިދޫ ކުލިބަލީގެ އިތުުރުން އޭސީ މިލާންގެ އަލެސިއޯ ރޮމަނޯލީ އެވެ. ކަލުބަލީ އަށް ކުރި ފުރަތަމަ ބިޑް ނާކާމިޔާބުވިއިރު، ރޮމަނޯލީ އަށް ކުރި ދެ ބިޑަށް ވެސް މިލާނުން ވަނީ ފުރަަގަސްދީފަ އެވެ.
"އަހަރެން އޮޅުވާލަން ނެތިން. ބޭނުންވާ ކުޅުންތެރިން ހޯދަން އުނދަގޫ. މިއީ ބޮލުރިހުމެއް. އެކަމަކު އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ޓީމު ވަރުގަދަ ކުރުމަށް ކުޅުންތެރިން ހޯދަން މަސައްކަތް ކުރާނަން،" ކޮންޓޭ ބުންޏެވެ.
ކޮންޓޭގެ އިރުޝާދުގެ ދަށުން ލީގުގައި ޗެލްސީ ކުޅުނު ފުރަތަމަ ދެ މެޗުން ވަނީ މޮޅުވެފަ އެވެ. ލީގުގައި މިރޭ އެ ޓީމު ނުކުންނާނީ އަމިއްލަ ދަނޑުގައި ބާންލީއާ ދެކޮޅަށެވެ. ކޮންޓޭ ބުނީ ބާންލީއާ މެދު ސަމާލުވާނެ ކަމަށެވެ.
"މިއީ ވާދަވެރި ލީގެއް. ބާންލީ އަކީ އާދައިގެ ޓީމެއް ކަމަށް ބެލެން ނެތް. އެ ޓީމު އެންމެ ފަހުން ކުޅުނު މެޗުގައި ލިވަޕޫލް އަތުން މޮޅުވިއިރު ބޯލް ޕޮސެޝަން އަކީ 25 ޕަސެންޓް. ނަތީޖާ އަކީ ބާންލީ 2-0. އަހަރެމެން ސަމާލުވާން ޖެހޭ،" ކޮންޓޭ ބުންޏެވެ.
ބާންލީ އާއި ޗެލްސީ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 7 ޖަހާއިރު އެވެ.