ޖޭޕީގެ ނައިބު ރައީސްގެ މަގާމުން މައުސޫމް އިސްތިއުފާ ދެއްވައިފި
ޖޭޕީގެ ނައިބު ރައީސްގެ މަގާމުން މައުސޫމް އިސްތިއުފާ ދެއްވައިފި

ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. އަބްދުﷲ މައުސޫމް، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ނައިބު ރައީސްގެ މަގާމުުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއިން ބޭރުގައި ހުންނަވައިގެން ޕާޓީގެ މަސްއޫލިއްޔަތު އެންމެ އެދެވޭ ގޮތުގައި އަދާކުރައްވަން ދަތިވާނެ ކަމަށެވެ. އަދި ކޯލިޝަން ސަރުކާރެއްގައި ސަފީރެއްގެ މަގާމާ ހަވާލުވެ ހުންނަ މީހަކީ ކޯލިޝަންގެ ވަކި ޕާޓީއެއްގެ އިސް މަގާމެއް އަދާކުރާ މީހެއް ނަމަ މަސްލަހަތު ފުށުއެރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެންކަމަށް ވުމާއެކު ޖުމްހޫރީ ޕާޓީގެ ނައިބު ރައީސްކަމުން މިއަދުުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފީމެވެ،" ޓޫރިޒަމް މިނިސްޓަރުކަމާއި ކެލާ ދާއިރާގެ މެމްބަރުކަން ކުރެއްވި މައުސޫމް ކުރެއްވި ޓްވީޓުގައިވެ އެވެ.

މިިދިޔަ އަހަރުގެ ޖޫން މަހު ބޭއްވި ކޮންގްރެސްގެ ތެރެއިން ޕާޓީގެ ނައިބު ރައީސްގެ މަގާމަށް އައްޔަންކުރެއްވި މައުސޫމް ޖޭޕީއާ ގުޅިވަޑައިގަތީ 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބަށްފަހުގަ އެވެ. އެއަށްފަހު ސިޔާސީ މަސައްކަތުގައި އިސް ދައުރެއް އަދާކުރައްވާފައިވެ އެވެ.

އެ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަދި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވި ގޮތުގައި މައުސޫމް މަގާމުން އިސްތިއުފާ ދެއްވީ ލީޑަރު ގާސިމް އިބްރާހީމާ މަޝްވަރާކުރެއްވުމަށްފަހުގަ އެވެ. އަލީ ސޯލިހް ވިދާޅުވީ މައުސޫމްގެ އެހީތެރިކަން އަބަދުވެސް ޕާޓީއަށް ލިބޭނެ ކަމަށް ވިދާޅުވި ކަމަށެވެ.

ޖޭޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވެސް ވަނީ މި މަހު އިސްތިއުފާ ދެއްވައިފަ އެވެ.