ސީފުޑަށް އެލާޖިކްވެ ހާލު ސިރިއަސްވި ޒުވާނާ މިއަދު ހަވީރު މަރުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގއ. ދާންދޫ ދާއިރާގެ މެމްބަރު، އަހުމަދު އައްސަދުގެ ދަރިފުޅު ފާތިމަތު ހަނާ، 24، ގެ ހާލު ގޯސްވީ ސީފުޑް ހުރި އެއްޗެއް ރެސްޓޯރަންޓަކުން ކޭ ފަހުންނެވެ. ހަނާއާ އެކު ކެއުމުގައި ބައިވެރިވި އެހެން އެއްވެސް މީހަކަށް އެލާޖީގެ މައްސަލަ ދިމައެއް ނުވެ އެވެ.

ހަނާގެ ހާލު ގޯސްވެ، މިދިޔަ ހުކުރު ދުވަހުގެ ރެއިން ފެށިގެން އޭނާ އަށް އައީ އޭޑީކޭގެ އައިސީޔޫ ގައި ފަރުވާ ދެމުންނެވެ.

އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވަނީ ހަނާ މަަރުވިކަން ކަށަވަރުކޮށްދީފަ އެވެ.

އައްސަދު ކުރިން ވިދާޅުވި ގޮތުގައި ހަނާ އަބަދުވެސް ސީފުޑަށް އެލާޖިކްވެ އެވެ.

ރަހުމަތްތެރިންނާއެކު ގޮސް ކެއުން ނިންމާލާފައި، ހާލު ގޯސްވާތީ އޭނާ އެންމެ ފުރަތަމަ ދިޔައީ އައިޖީއެމްއެޗަށެވެ. އަދި ބޭސް ފިހާރައަކުން ގަތް ބޭހެއް ކައިގެން ގެއަށް އައިފަހުން ހާލު ގޯސްވާން ފެށީ ކަމަށް އައްސަދު ވިދާޅުވި އެވެ.