ރަޝިއާގެ އެތުލީޓުން ސަސްޕެންޝަން އެޕީލްކުރަނީ
ރަޝިއާގެ އެތުލީޓުން ސަސްޕެންޝަން އެޕީލްކުރަނީ

ރިއޯ ޑި ޖެނީރޯ (އޮގަސްޓް 27) - އަންނަ މަހު ހަތް ވަނަ ދުވަހު ބްރެޒިލްގައި ފަށާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އޮލިމްޕިކްސް "ޕެރަލިމްޕިކްސް" ގައި ބައިވެރިނުވެވޭ ގޮތަށް އިންޓަނޭޝަނަލް ޕެރަލިމްޕިކް ކޮމިޓީ (އައިޕީސީ) އިން ރަޝިއާ އަށް ދީފައިވާ ސަސްޕެންޝަން އެޕީލްކުރަން އެ ގައުމުގެ އެތުލީޓުން ނިންމައިފި އެވެ.

ގޭމްސްތަކުގައި ރަޝިއާ އެތުލީޓުންނާއި ސަރުކާރުގެ އޮފިޝަލުންނާ ގުޅިގެން މަނާ ބޭސް ބޭނުންކުރާ ކަމަށް ބުނެ، ވޯލްޑް އެންޓި ޑޯޕިން އެޖެންސީ (ވާޑާ) އިން މިދިޔަ ޖޫން މަހު ނެރުނު ރިޕޯޓާ ގުޅިގެން ދާދި ފަހުން ނިމުނު އޮލިމްޕިކްސް އިން ވެސް ރަޝިއާ ސަސްޕެންޑް ކުރުމަށް ނިންމި އެވެ. އެހެން ނަމަވެސް ފަހުން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ނިންމީ ރަޝިއާ އެއްކޮށް ސަސްޕެންޑް ނުކޮށް، މަނާބޭހަށް ޕޮޒިޓިވްވި އެތުލީޓުން ސަސްޕެންޑް ކުރުމަށާއި ކުޅުންތެރިން ސަސްޕެންޑް ކުރުމުގެ ބާރު ވަކިވަކި ކުޅިވަރު ފެޑެރޭޝަންތަކަށް ދިނުމަށެވެ. އެކަމަކު މި ނިންމުމާ ހިލާފަށް އައިޕީސީން ވަނީ ޕެރަލިމްޕިކްސް އިން ރަޝިއާ އެއްކޮށް ސަސްޕެންޑް ކޮށްފަ އެވެ.

ރަޝިއާ އިން ވަނީ މި މައްސަލަ ކޯޓު އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އަށް ހުށަހަޅައިގެން ހައްލެއް ހޯދަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ސީއޭއެސް އިން ނިންމީ އައިޕީސީގެ ނިންމުމަށް ތާއީދުކޮށް ރަޝިއާގެ ސަސްޕެންޝަން ދެމެހެއްޓުމަށެވެ.

ރަޝިއާގެ ޕެރަލިމްޕިކް ކޮމިޓީން މިހާރު ނިންމާފައިވަނީ އެ ގައުމުގެ 266 އެތުލީޓުންގެ ނަމުގައި މި ވަކިވަކިން ސަސްޕެންޝަން އެޕީލްކުރުމަށެވެ.

ރަޝިއާގެ ޕެރަލިމްޕިކް ކޮމިޓީން ސަސްޕެންޝަން އެޕީލްކުރުމުގައި ފާހަގަކޮށްފައިވަނީ އައިޕީސީގެ މި ސަސްޕެންޝަނުގެ ސަބަބުން މަނާބޭހަށް މީގެ ކުރިން ޕޮޒިޓިވްވެފައިނުވާ ބަޔަކަށް ނުހައްގުން އަދަބުލިބޭނެ ކަމަށެވެ. އަދި މީގެ ކުރިން ޕެރަލިމްޕިކްސްގައި ބައިވެރިވި އެއްވެސް ރަޝިއާގެ އެތުލީޓަކު މަނާބޭހަށް ޕޮޒިޓިވްވެފައިނުވާކަން ފާހަގަކޮށްފައިވެ އެވެ.

ރަޝިއާގެ ރައީސް ވްލަޑިމިއޭ ޕޫޓިން މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ އައިޕީސީން އެ އެގައުމަށް ދީފައިމިވާ އަދަބު އިންސާނިއްޔަތާ ވެސް ހިލާފުކަމަށެވެ. އަދި އުއްމީދު ކުރަނީ ސަސްޕެންޝަން އުވާލައި ރަޝިއާ އަށް ޕެރަލިމްޕިކްސްގައި ބައިވެރިވެވޭނެ ކަމަށެވެ.