01 މާޗް 2019 - 08:35

ބޮލީވުޑްގެ އެންމެ މޮޅެތި ކޮމެޑީ އެކްޓަރުންގެ ތެރޭގައި ހިމެނޭ ޖޯނީ ލީވާ، އޭނާގެ އަންހެން ދަރިފުޅު ޖެމީ ލީވާ ބޮޑު ސްކްރީންގައި ދެބަފައިންގެ ހުނަރު ދައްކައިލަން ތައްޔާރުވެއްޖެ އެވެ.
މި ދެ މީހުން އެކީގައި ފެނިގެން ދާނީ މި އަހަރުގެ އޮކްޓޯބަރު 25 ގައި ރިލީޒް ކުރާ ކޮމެޑީ ފިލްމު "ހައުސްފުލް 4" އިންނެވެ. މުމްބާއީ މިރާ އިން ބުނި ގޮތުގައި ޖޯނީ އާއި ޖެމީ ފިލްމުން ފެނިގެން ދާނީ ވެސް އެކީގަ އެވެ. އަދި ބައްޕަ ޖައްސާ ވައްތަރު ޖެމީ ވެސް ޖައްސާނެ އެވެ.
ޖެމީ މީގެ ކުރިން ވަނީ "ކޮމެޑީ ސާކަސް" ކަހަލަ ބައެއް ކޮމެޑީ ޝޯތަކުގައި އޭނާގެ މަޖާ ހަރަކާތްތައް ދައްކާލައި ބެލުންތެރިންގެ ލޯބި ވަރަށް ބޮޑަށް ހޯދައިފަ އެވެ. އެކަމަކު "ހައުސްފުލް 4" ވެގެން ދާނީ އޭބާ ބައްޕައާ އެކު ފިލްމެއްގައި މަސައްކަތް ކުރާ ފުރަތަމަ ފަހަރަށެވެ.
ޖެމީ، 31، ފާހަގަ ކުރެވެނީ ބައްޕަ ޖޯނީ، 61، ފިލްމުތަކުގައި ކުޅެފައިވާ ހެއްވާ މަޖާ ކެރެކްޓާތައް ކޮޕީ ކުރުމުގެ އިތުރަށް މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ ވެސް ކޮޕީކޮށްގެން ބެލުންތެރިން ހެއްވައިލާ ފަންނާނެއްގެ ގޮތުގަ އެވެ.
"ހައުސްފުލް 4" ގެ ކާސްޓާ ޖޯނީގެ ދެބަފައިން ގުޅިފައިވާ އިރު، މިއީ ބޮޑު ކާސްޓެއް ފެނިގެން ދާނެ ފިލްމެކެވެ. އޭގެ ތެރޭގައި އަކްޝޭ ކުމާރު، ކްރިތީ ސެނަން، ބޮބީ ޑިއޯލް، ކްރިތީ ކަރްބަންދާ، ރިތޭޝް ދޭޝްމުކް، ޕޫޖާ ހެގްޅޭ، ރާނާ ދަގޫބަޕީ، ޗަންކީ ޕާންޑޭ އަދި ބޮމަން އިރާނީ ހިމެނެ އެވެ.
ސާޖިދު ނަދިއަދުވާލާ ގެނެސްދޭ "ހައުސްފުލް" ފްރެންޗައިޒްގެ ހަތަރު ބައިގެ ޑައިރެކްޝަނާ ކުރިން ހަވާލުވީ މީގެ ފުރަތަމަ ބަޔާއި ދެވަނަ ބައި ވެސް ހެދި ސާޖިދު ހާނެވެ. ނަމަވެސް އޭނާގެ މައްޗށް ޖިންސީ ގޯނާގެ މައްސަލަތަކެއް ތުހުމަތު ކުރުން، ޑައިރެކްޝަނުން ވަނީ ވަކިކޮށްފަ އެވެ.
"ހައުސްފުލް 4" މިހާރު ޑައިރެކްޓް ކުރަނީ މީގެ ސްކްރީންޕްލޭގައި ވެސް ހިއްސާވާ ފަރުހާދު ސަމްޖީ އެވެ. ދެހާސް ސޯޅަ ވަނަ އަހަރު "ހައުސްފުލް 3" ގެ ޑައިރެކްޝަނުގައި ވެސް އޭނާ ސާޖިދު ސަމްޖީއާ އެކު ހިއްސާވި އެވެ.