28 ފެބުރުއަރީ 2019 - 14:37

ފެން ބިލްތަކަށް ފައިސާ ނުދައްކާ ގިނަ އަދަދެއްގެ ކަސްޓަމަރުން އެބަތިބި ކަމަށާއި އެގޮތުން ކަސްޓަމަރުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ގަވައިދުން ބިލް ނުދައްކާ ގިނަ ދުވަސްތަކެއް ވަންދެން ތިބޭ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފި އެވެ.
އެމްޑަބްލިއުއެސްސީން މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވި އިރު ފައިސާ ނުލިބި ގިނަ އަދަދެއްގެ ބިލް ހުރި ނަމަވެސް މިހާރު އެ އަދަދު މަދުކުރެވިފައިވާ ކަމަށެވެ. ނަމަވެސް ބިލްތައް ނުދެއްކުމުގެ ސަަބަބުން ނުލިބި ހުރީ ކިހާ ފައިސާއެއްކަން އޭނާ ވިދާޅެއް ނުވެ އެވެ. ވިދާޅުވީ ގިނަ އަދަދެއްގެ ފައިސާ ކަމަށެވެ.
"ބޮޑު އަދަދެއްގެ ފައިސާ އިނގޭތޯ ހަމަ. އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ތެރެއިން އަޅުގަނޑަށް ފާހަގަ ކުރެވުނު އެއް މަހަށް ވުރެ ގިނަ ދުވަހު ފައިސާ ނުދައްކާ ހުރި ކަސްޓަމަރުންގެ އަދަދު 50 ޕަސެންޓްކަން ފާހަގަ ކުރެވިގެން ދިޔަ. އެހެން ނަމަވެސް މިހާރު އަޅުގަނޑުމެން މި ކުރި މަސައްކަތުން އަދަދު ވަރަށް ބޮޑަށް ތިރިކުރެވިފައި ވަނީ،" އޭނާ ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ފެނުގެ ހިދުމަތަށް ދައްކަން ޖެހޭ ފައިސާ އަވަހަށް ދައްކައިދޭން ކުންފުނިން އެދޭ ކަމަށާއި ނުދައްކާ ހުރުމަކީ ރައްޔިތުންނަށް ވެސް ލިބޭނެ ގެއްލުމެއް ކަމަށެވެ. އެގޮތުން ސާ ޗާޖާއި ޖޫރިމަނާ އިތުރުވަމުން ދާނެ ކަމަށާއި އެއީ ކުންފުނިން ބޭނުންވާ ގޮތެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ
"އެހެންވީމާ ހަނދާންކޮށް ބިލަށް، ގަޑިއަށް ފައިސާ ދައްކަވައިދެއްވާށޭ. އޭރުންނޭ އަޅުގަނޑުމެންނަށް ވެސް ފަސޭހަވާނީ އެބޭފުޅުންނަށް ހިދުމަތްތައް މެދު ނުކެނޑި ދޭން،" އޭނާ ވިދާޅުވި އެވެ.
އެމްޑަބްލިއުއެސްސީގެ ހިދުމަތް ރަނގަޅު ކުރަން ފަށާފައިވާ ގިނަ ކަންތައްތަކެއް ވެސް އާޒިމް މިއަދު ހާމަކުރެއްވި އެވެ. އެގޮތުން ބާވެފައިވާ ފެންމީޓަރުތައް އާކުރުމާއި ފެނުގެ ޕްރެޝަރު ރަނގަޅު ކުުރުމަށް ވިއުގަ ބަދަލު ކުރުމަށް ކުރާ މަސައްކަތް އޭނާ ފާހަގަ ކުރެއްވި އެެވެ.
އާޒިމް ވިދާޅުވީ މީޓަރުތައް ބަދަލު ކުރުމަކީ ގަވައިދުން ހިނގަމުން ދާން ޖެހޭ ކަމެއް ކަމަށާއި އެހެން ނަމަވެސް މީޓަރުތައް ބަދަލުނުކުރާތާ އަހަރުތަކެއް ވެފައިވާ ކަމަށެވެ.