ސްޓާ ޕްލަސްގެ ސިލްސިލާ "އިޝްގްބާޒް" ހުއްޓައިލަނީ
ސްޓާ ޕްލަސްގެ ސިލްސިލާ "އިޝްގްބާޒް" ހުއްޓައިލަނީ

ސްޓާ ޕްލަސް އިން ދައްކަމުން އަންނަ ސިލްސިލާ "އިޝްގްބާޒް" ގެ މަގުބޫލުކަން ދަށްވާތީ މި ސިލްސިލާ ހުއްޓާލަން ނިިންމައިފި އެވެ.

މީގެ ތިން އަހަރު ކުރިން ފެށިގެން ދައްކަމުން އަންނަ "އިޝްގްބާޒް" ނިންމައިލަން ހަމަޖެއްސީ މުހިއްމު ބައެއް ތަރިންތައް ވެސް މިދިޔަ އަހަރުގެ ތެރޭގައި ޝޯ އިން ވަކިވެފައި ވަނިކޮށެވެ. އޭގެ ތެރޭގައި ނަކުލް މެހެތާ (ޝިވާއޭ ސިންގް އޮބެރޯއީ) އާ އެކު ބަތަލާގެ ރޯލް ކުޅެމުން ދިޔަ ސުރްބީ ޗަންދުނާ (އަނިކާ ތުރިވޭދީ) ހިމެނެ އެވެ.

އޭނާ ސިލްސިލާ އިން ވަކިވުމުން ބަތަލާއަކަަށް ގެނެސްފައި ވަނީ ނިކީ ޓޭލާ އެވެ.

"އިޝްގްބާޒް" ހުއްޓައިލާކަން ކަށަވަރުކޮށް ދެމުން އޭގެ ޕްރޮޑިއުސަރު ގުލް ހާން ބުނި ގޮތުގައި މި މަހުގެ މެދުތެރޭގައި ސިލްސިލާ ނިންމައިލާނެ އެވެ.

ބެލެވޭ ގޮތުން "އިޝްގްބާޒް" ހުއްޓައިލުމާ އެކު، އެ ސިލްސިލާ ފުރަމުން ދިޔަ ގަޑި ދެން ފުރާނީ މި މަހުގެ ތެރޭގައި ދައްކަން ފަށާ "ޔޭ ރިޝްތޭ ހޭ ޕިޔާރް ކޭ" އެވެ. މި ސިލްސިލާއަކީ ސްޓާ ޕްލަސް އިން މިހާރު ދައްކާ އެންމެ ދުވަސްވީ ސިލްސިލާ ކަމަށްވާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިން ކުރިފަޅުގައިގެން ގެނެސްދޭ އެއްޗެކެވެ.

ޖޫން، 27، 2016 ގައި ދައްކަން ފެށި "އިޝްގްބާޒް" ގެ 750 އަށް ވުރެ ގިނަ އެޕިސޯޑް މިހާތަނަށް ވަނީ ގެނެސް ދީފަ އެވެ.

ސްޓާ ޕްލަސް އިން މިދިޔަ ހަފުތާގައި ވަނީ "ދިވްޔާ-ދުރިޝްތީ" ކިޔާ އައު ސުޕަނެޗަރަލް ސިލްސިލާއެއް ވެސް ދައްކަން ފަށައިފަ އެވެ. މި ސިލްސިލާ ދައްކާނީ ކޮންމެ ހޮނިހިރަކާއި އާދީއްތައިގަ އެވެ.