ޝާހްރުކް ހާނާއި އަކްޝޭ ކުމާރު އެކީގައި އަލުން ފެނިދާނެ
ޝާހްރުކް ހާނާއި އަކްޝޭ ކުމާރު އެކީގައި އަލުން ފެނިދާނެ

ބޮލީވުޑްގެ ދެ ސުޕަސްޓާރުން ކަމަށްވާ ޝާހްރުކް ހާނާއި އަކްޝޭ ކުމާރު މިހާތަނަށް އެކީގައި ކުޅުނީ އެންމެ ފިލްމެކެވެ. އެއީ 1997 ގައި ޔާޝް ޗޯޕްޅާ ގެނެސް ދިން ލޯބީގެ ފިލްމު "ދިލް ތޯ ޕާގަލް ހޭ" އެވެ. މަދޫރީ ޑިކްސިޓާއި ކަރިޝްމާ ކަޕޫރް ބަތަލާއިންގެ ރޯލު ކުޅުނު އެ ފިލްމުގައި އަކްޝޭ ކުޅުނީ ވަރަށް ކުރު ސަޕޯޓިން ރޯލެކެވެ.

"ދިލް ތޯ ޕާގަލް ހޭ" ގެ ފަހުން 2007 ގައި ރިލީޒްކުރި އަކްޝޭގެ "ހޭ ބޭބީ" ގެ ލަވައަކުން ޝާހްރުކް ފެނިފައިވެ އެވެ.

މި ދެ ތަރިން އެކީގައި އަލުން ސްކްރީނުން ދެކިލަން ބޭނުންވާ ފޭނުން ވަރަށް ގިނަ އެވެ.

ދާދި ފަހުން ޝާހްރުކް ބުނި ގޮތުގައި އަކްޝޭއާ އެކު އޭނާ އަށް މަސައްކަތް ކުރުމަކީ މިހާރު ފަސޭހަ ކަމަކަށް ނުވާނެ އެވެ. ސަބަބަކީ އަކްޝޭއަކީ އޭނާ ކުޅޭ ފިލްމުތަކުގެ ޝޫޓިން ނިންމާފައި ރޭގަނޑު އެންމެ ލަސްވެގެން ވެސް 10:00 ޖަހާ އިރު ނިދާފައި ފަތިހު 4:00 ގައި ހޭލާ ތަރިއެއްގެ ގޮތުގައި މަޝްހޫރުވެފައި އޮތުމެވެ.

ޝާހްރުކް ބުނި ގޮތުގައި އޭނާގެ މަސައްކަތުގެ އަހުލާގު އޭގެ އިދިކޮޅެވެ. އަކްޝޭ ނިދަން އަރާ އިރު، މަސައްކަތުގައި އުޅެފައި، ނިދަން އެރެނީ އަކްޝޭ ހޭލާ ވަގުތު ކަމަށް ޝާހްރުކް ބުންޏެވެ. އެހެންވެ ދެ މީހުންނަށް އެއް ފިލްމެއްގައި މަސައްކަތް ކުރެވޭނީ ކިހިނެއްތޯ އޭނާ ވަނީ ސުވާލު އުފައްދައިފަ އެވެ.

މި ދެ ތަރިން ފިލްމަކުން ފެނިދާނެ ކަމުގެ އިޝާރާތެއް މިހާރު ވަނީ ދީފަ އެވެ.

މިދިޔަ މަހު ރިލީޒް ކުރި މަލަޔާޅަމް ފިލްމު "ކޮޑަތި ސަމަކްޝަން ބަލަން ވަކީލް" ގެ ޑައިރެކްޓަރު ބީ އުއްނިކްރިޝަން ބުނި ގޮތުގައި އެ ފިލްމު ޕްރޮޑިއުސް ކުރި ވަޔަކޮމް 18 އިން ވަނީ ފިލްމުގެ ހިންދީ ރިމެކެއް ހަދަން ނިންމައިފަ އެވެ.

އޭނާ ބުނީ ފިލްމު ކުޅެދޭން އަކްޝޭ އާއި ޝާހްރުކްއާ ވަޔަކޮމުން މިހާރު ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

"ޝާހްރުކާއި އަކްޝޭއާ އެކު މަޝްވަރާތަކުގެ ތެރޭގައި މިހާރު މި އުޅެނީ،" އުއްނިކްރިޝަން ބުންޏެވެ. "ވަރަށް އަވަހަށް ފިލްމާ ބެހޭ އަޕްޑޭޓެއް ދެވޭނެ ކަމަށް މި ބަލަނީ."

"ކޮޑަތި ސަމަކްޝަން ބަލަން ވަކީލް" ގެ ހިންދީ ރިމެކަށް ޝާހްރުކާއި އަކްޝޭ އެއްބަސްވެއްޖެ ނަމަ، މިއީ ދެ ތަރިންގެ ފޭނުން ލައްކަ އުފާވާނެ ކަމަކަށް ވާނެ އެވެ.

މިދިޔަ މަހުގެ 21 ގައި ރިލީޒް ކުރި "ކޮޑަތި ސަމަކްޝަން ބަލަން ވަކީލް" ގައި ކިޔައި ދެނީ ވާހަކަ ދެއްކުމުގައި ހުންނަ އުނދަގޫ ކަމަކާ ހެދި ވަކީލެއްގެ ގޮތުގައި ކުރިއަށްދާން ހުރަސް އެޅިފައިވާ މީހަކާއި ވިޔަފާރީގެ މައްސަލައެއްގެ ތެރޭގައި ތާށިވާ އޭނާގެ ޅިޔަނަކަށް ދިމާވާ ހާދިސާތަކެކެވެ.