ޕާކިސްތާނުގެ ވެސް ބައެއް އެއާޕޯޓްތައް ބަންދުކޮށްފި
ޕާކިސްތާނުގެ ވެސް ބައެއް އެއާޕޯޓްތައް ބަންދުކޮށްފި

އިސްލާމްއާބާދު (ފެބްރުއަރީ 27) - އިންޑިއާ އާއި ޕާކިސްތާނުން އެއްގަމު އަނެއް ގައުމަށް ވައިގެ ހަމަލާތައް ދެމުންދާތީ ޕާކިސްތާނުގެ ބައެއް އެއާޕޯޓްތައް މިއަދު ބަންދުކޮށްފި އެވެ.

ޕާކިސްތާނުން ބަންދުކޮށްފައި ވަނީ ޕަންޖާބާއި ޚައިބަރު ޕަޚްތުންކުވާ ޕްރޮވިންސްގެ އެއާޕޯޓްތަކެވެ.

ޕާކިސްތާނުގެ ޖިއޯ ނިއުސް އިން ބުނީ ލާހޯރް، މުލްތާން، ފައިސަލްއާބާދު އަދި އިސްލާމްއާބާދުގެ އެއާޕޯޓްތައް ވެސް ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށެވެ.

އިންޑިއާ އިން ވެސް މިއަދު ވަނީ އުތުރުގެ ތިން ސްޓޭޓެއްގެ އަށް އެއާޕޯޓެއް ބަންދުކޮށްފި އެވެ. ވެރިރަށް ނިއު ދިއްލީގެ އުތުރުގެ ވައިގެ ސަރަހައްދު ވެސް މިހާރު ވަނީ ބަންދުކޮށްފަ އެވެ. ޕާކިސްތާނުން ދޭ އިންޒާރުތަކާ ގުޅިގެން އެ ސަރަހައްދު ވަނީ ކުއްލި ހާލަތަށް ގެނެސްފަ އެވެ. އެއާޕޯޓްތައް ބަންދުކޮށްފައި ވަނީ ޖައްމޫ އެންޑް ކަޝްމީރާއި ޕަންޖާބް އަދި ހިމާޗަލް ޕްރަދޭޝްގަ އެވެ. މި ތިން ސްޓޭޓުގައި ހިމެނޭ އަމްރިތުސާ، ޖައްމޫ، ސްރީނަގަރު، ކުއްލު-މަނާލީ، ކަންގްރާ، ޝިމްލާ އަދި ޕަތަންކޮޓް އެއާޕޯޓް ވަނީ ބަންދުކޮށްފަ އެވެ.

އިންޑިއާގެ އެއާ ޓްރެފިކް ކޮންޓްރޯލުން މިހާރު ވަނީ އުތުރުގެ ސަރަހައްދުގައި ދަތުރު ނުކުރަން ބައެއް އެއާލައިންތަކަށް އަންގައިފަ އެވެ.

އިންޑިއާގެ އެއާފޯސް އިން ބުނީ ޕާކިސްތާނުގެ އެފް-16 ގެ ހަނގުރާމަ މަތީ ޖެޓެއް ލާމް ވެލީ އަށް މިއަދު ވެއްޓިފައިވާ ކަމަށެވެ. ނަމަވެސް ޕާކިސްތާނުން އެކަމާ ގުޅޭ އެއްވެސް އެއްޗެއް ނުބުނެ އެވެ. ޖައްމޫ އެންޑް ކަޝްމީރުގެ ބުޑްގަމް އަށް މިއަދު ވަނީ އިންޑިއާގެ އެއާ ފޯސްގެ ހެލިކޮޕްޓަރެއް ވެސް ވެއްޓިފަ އެވެ.