27 އޯގަސްޓް 2016 - 08:07

ޒަމާނީ އެންމެ ފަހުގެ ސީޓީ މެޝިނާއެކު ސީޓީ ސްކޭންގެ ހިދުމަތް އޭޑީކޭއިން ރޭ އަލުން ފަށައިފި އެވެ.

މީގެ 10 އަހަރު ކުރިން އޭޑީކޭއިން ދޭން ފެށި ސިޓީ ސްކޭންގެ ހިދުމަތް މިދިޔަ މާޗު މަހު މެދުކަނޑައިލިއިރު، 17،785 މީހުން ވަނީ ހިދުމަތް ހޯދައިފަ އެވެ. އެ ހިދުމަތް މެދެކަނޑައިލީ ވެސް މެޝިން އަޕްގްރޭޑް ކުރުމަށެވެ. އެ މަސައްކަތަށް އޭޑީކޭއިން ގާތްގަނޑަކަށް 25 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

އޭޑީކޭގައި ސީޓީ ސްކޭންގެ ހިދުމަތް އަލުން ފެށުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ ރާއްޖެއިން ލިބޭ ސިއްހީ ހިދުމަތްތައް ހޯދަން ރާއްޖެއިން ބޭރަށް ދާންޖެހޭ ކަމަށް ވިސްނާ ވިސްނުން މިހާރު ދޫކޮށްލަންޖެހޭ ކަމަށެވެ. އަދި އޭގެ ސަބަބުން ދިވެހިން ބޭރުކުރާ ބޭރު ފައިސާ ގިނަވެ އިގުތިސާދަށް ވެސް އަސަރުތަކެއް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ހުރިހާ ގައުމެކޭ އެއްގޮތަށް ރާއްޖޭގައި ވެސް އަމިއްލަ ފަރާތްތަކުން ދޭ ސިއްހީ ހިދުމަތުގެ ފެންވަރުގެ ރަނގަޅު ކަމަށެވެ. އަދި ސަރުކާރުން ދެމުން އަންނަ ސިއްހީ ހިދުމަތްތައް ވެސް ރަނގަޅުވަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
ސިއްހީ ދާއިރާ ތަރައްގީކުރަން އޭޑީކޭ ހޮސްޕިޓަލުން ކުރަމުން އަންނަ މަސައްކަތްތަކަށް މިނިސްޓަރު އަޒްލީން ވަނީ ޝުކުރު ދަންނަވައިފަ އެވެ.
ރޭގެ ރަސްމިއްޔާތަށް ފަހު "މިހާރު"އާ ވާހަކަދައްކަވަމުން އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ކޮންމެ ދުވަހަކު ވެސް ސީޓީ ސްކޭންގެ ހިދުމަތް ލިބޭނެ ކަމަށެވެ.
އޭޑީކޭގައި ކުރިން ބޭނުންކުރީ 16 ސްލައިސް ނަގާލެވޭ މެޝިނަކަށް ވިޔަސް އާ މެޝިނާއެކު އެ އަދަދު މިހާރު އުޅެނީ 128ގަ އެވެ.
"އެއީ ވަރަށް ބޮޑު ކުރިއެރުމެއް. 30 ވަރަކަށް ސިކުންތުގެ ތެރޭގައި މީހާގެ ސްކޭން އެބަ ނިންމައިލާ. ކުރިން ސްކޭން މި ހެދެނީ 10 ވަރަކަށް މިނެޓު ތެރޭގައި. ވަގުތު ސަލާމަތްވެގެން ދިއުމުން ބަލިމީހުންނަށް ވަރަށް ފަސޭހަވަގެންދާނެ،" އަފްއާލް ވިދާޅުވި އެވެ.
އެންމެ ޒަމާނީ މެޝިނެއް ބޭނުންކުރި ކަމުގައި ވިއަސް އެ ހިދުމަތަށް ނަގަމުން ދިޔަ އަގަކަށް ބަދަލެއް ނާންނާނެ ކަމަށާއި ނަގާނީ 500-2000ރ. ގެ އަގެއް ކަމަށް އަފްއާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފަހުން ތައާރަަފްކުރި މެޝިނުން ހަށިގަނޑުގެ އެކި ލޭޔަރުތަކާއި ނާރުތައް ވެސް ވަކިވަކިން ބަލާލެވޭނެ ކަމަށާއި އޭގެ ސަބަބުން ބަލިތައް ދެނެގަންނަން ފަސޭހަވާނެ ކަމަށެވެ.