ހެލިކޮޕްޓަރު ވެއްޓި ނޭޕާލްގެ ޓޫރިޒަމް މިނިސްޓަރު އަވަހާރަވެއްޖެ
ހެލިކޮޕްޓަރު ވެއްޓި ނޭޕާލްގެ ޓޫރިޒަމް މިނިސްޓަރު އަވަހާރަވެއްޖެ

ކަތުމަންޑޫ (ފެބްރުއަރީ 27) - ނޭޕާލުގެ އިރުމަތީގެ ހިސާބަކަށް ހެލިކޮޕްޓަރު ވެއްޓި ޓޫރިޒަމް މިނިސްޓަރު ރަބިންދުރަ އަދިކަރީ މިއަދު އަވަހާރަވެފައިވާ ކަމަށް އެ ގައުމުގެ ހޯމް މިނިސްޓްރީން ބުނެފި އެވެ.

އެ ހާދިސާގައި ވަނީ އިތުރު ހަ މީހަކު މަރުވެފަ އެވެ. ހެލިކޮޕްޓަރު ވެއްޓިފައި ވަނީ ޖަންގައްޔެއްގެ ތެރެއަށެވެ.

ނޭޕާލުގެ ބައެއް ނޫސްތަކުން ބުނެފައި ވަނީ އިރުމަތީގެ ހިސާބަށް ޓޫރިޒަމް މިނިސްޓަރު ވަޑައިގެންނެވީ އެ ސަރަހައްދުގައި ހަދަމުންދާ އެއާޕޯޓެއް ބައްލަވާލެއްވުމަށް ކަމަށެވެ. ހެލިކޮޕްޓަރު ވެއްޓިފައި ވަނީ ވެރިރަށް ކަތުމަންޑޫގެ އިރުއުތުރުން 240 ކިލޯ މީޓަރު ދުރު ސަރަހައްދަކަށެވެ. މިނިސްޓަރު ދަތުރު ކުރެއްވީ ޕްރައިވެޓް ހެލިކޮޕްޓަރެއްގަ އެވެ.

ނޭޕާލުގެ މެދުތެރޭގެ ޖަންގަލީ ސަރަހައްދަކަށް މިދިޔަ ސެޕްޓެމްބަރު މަހު ހެލިކޮޕްޓަރެއް ވެއްޓި ވަނީ ހަ މީހުން މަރުވެފަ އެވެ. މިދިޔަ އެޕްރީލް މަހު ވަނީ މެލޭޝިއާގެ ޖެޓެއް ކަތުމަންޑޫ އެއާޕޯޓުގެ ރަންވޭ އިން ކަހާލައިފަ އެވެ. އެ ބޯޓުގައި 139 މީހުން ތިއްބެވެ. އޭގެ އެއް މަސް ކުރިން ވަނީ ޔޫއެސް-ބަންގްލާ އެއާލައިންސްގެ ބޯޓެއް ކަތުމަންޑޫ އަށް ވެއްޓި 51 މީހުން މަރުވެފަ އެވެ. އެ ބޯޓުން ސަލާމަތްވި މީހުންގެ ތެރޭގައި ނޭޕާލްގައި ޑޮކްޓަރުކަން ކިޔާ ދިވެހި ކުއްޖަކު ވެސް ހިމެނެ އެވެ.

ނޭޕާލްގެ އެއާލައިންތަކުން ޔޫރަޕިއަން ޔޫނިއަންގެ ވައިގެ ސަރަހައްދުގައި ދަތުރު ކުރުން ވަނީ މަނާކޮށްފަ އެވެ.