ތާރީޚަކީ ކިޔަވާ ހިތްވާ މާއްދާއަކަށް ހަދަން ޖެހޭ: ޔުމްނާ
ތާރީޚަކީ ކިޔަވާ ހިތްވާ މާއްދާއަކަށް ހަދަން ޖެހޭ: ޔުމްނާ

ދިވެހިންގެ ތާރީޚަކީ ދަރިވަރުން ކިޔަވާ ހިތްވާ ފަދަ މާއްދާއަކަށް ހަދައި، ތާރީޚު ދިރާސާކުރަން ޒުވާނުންގެ ވެސް ޝައުގުވެރިކަން އިތުރުކުރަން ޖެހިފައިވާ ކަމަށް އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫން މިރޭ ވިދާޅުވެއްޖެ އެވެ.

ގައުމީ ތާރީޚު ދުވަސް ފާހަގަކުރަން އިސްލާމިކް ޔުނިވާސިޓީގައި ބޭއްވި ޚާއްސަ ޖަލްސާގައި ޔުމްނާ ވިދާޅުވީ ގައުމީ ތާރީޚު ދުވަސް ފާހަގަކުރަން ޖެހެނީ ތާރީޚުގެ މުހިއްމު ކަމާ މެދު މީހުން ހޭލުންތެރި ކުރަން ކަމަށެވެ. ތާރީޚުން އަންގައިދެނީ ދިވެހިންނަކީ ކޮން ބައެއްތޯ އާއި ދިރިއުޅުމުގެ ވައްޓަފާޅި އާއި ހަޟާރާތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ތާރީޚަށް ޝައުގުވެރިވާ ޒުވާނުން އުފައްދައި، ތާރީޚަކީ ކިޔަވާ ހިތްވާ ފަދަ މާއްދާ އަކަށް ހަދަންޖެހޭ. ތާރީޚު ކިޔަވައިދޭންވީ ކުދިން ޝައުގުވެރިވާ ފަދަ ގޮތަކަށް،" ޔުމްނާ ވިދާޅުވި އެވެ.

ތާރީޚު ދިރާސާކުރުމަކީ ދަރިވަރުންގެ މައުލޫމާތު މުއްސަނދިވެ ވިސްނުން ތަރައްގީވެ، ތަފާތު ކަންކަމަށް ލޯ ހުޅުވި މައްސަލަ ހައްލުކުރަން ދަސްވާ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ލިއުންތެރިކަން ކުރިއަރައި، ބަސް ރަނގަޅު ގޮތުގައި ބޭނުންކުރަން ދަސްވާ ކަން ފާހަގަކުރެއްވި އެވެ.

ގައުމެއްގެ ވެސް ހަނދާންތަކެއް ހުންނަ ކަން ފާހަގަކުރައްވައި، އެ ހަނދާން ދިރުވުމަކީ މުހިއްމު ކަމެއް ކަމަށް ޔުމްނާ ވިދާޅުވި އެވެ. މިސާލެއް ޖައްސަވައި ވިދާޅުވީ އިންސާނަކު ވެސް ކުރިއަރަމުން އަންނަ އިރު އޭނާގެ ކުރީގެ ތަޖުރިބާތައް މުހިއްމު ކަމަށެވެ.

"ކުރީގެ ތަޖުރިބާތަކާއި ހަނދާންތައް އަޅުގަނޑުމެންނަށް މުހިއްމުވޭ. ހަމައެހެންމެ ގައުމެއްގެ ހަޔާތުގައި ވެސް ގައުމެއްގެ ހަނދާންތައް މުހިއްމު،" ޔުމްނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ގައުމުގައި ހިނގާފައިވާ ހާދިސާތަކާއި ދިރިއުޅުއްވި މުހިއްމު ޝަހުސިއްޔަތުތަކާ ބެހޭ މައުލޫމާ އެއްކޮށް، އިބުރަތް ހާސިލްކޮށް، ފިލާވަޅު ލިިބިގަންނަން ޖެހެ އެވެ.

އެ ޖަލްސާގައި ސަރުކާރުގެ އިސް ބޭފުޅުންނާއި ސްކޫލްތަކުގެ ދަރިވަރުން ވެސް ބައިވެރިވި އެވެ.