ކޮފީ ބޯހިތްވަނީ ޑީއެންއޭގެ މައްސަލަޔަކުން ކަމަށް ވެދާނެ
ކޮފީ ބޯހިތްވަނީ ޑީއެންއޭގެ މައްސަލަޔަކުން ކަމަށް ވެދާނެ

ކޮފީ ބޯހިތްވުން ބިނާވެފައި އޮންނަނީ އެ މީހެއްގެ ޑީއެންއޭއާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ދިރާސާ ޓީމުން ވަނީ އިޓަލީގެ 1200 މީހަކާ ސުވާލުކޮށް އެ މީހުން ދުވާލަކު ބޮނީ ކިހާ ކޮފީއެއްތޯ ބަލައިފަ އެވެ. މި މީހުންގެ ތެރެއިން "ޕީޑީއެސްއެސް2" ގެ ނަން ދީފައިވާ ޖީން ވޭރިއަންޓެއް ހުރި މީހުން ކޮފީ ބޯ މިންވަރު، މި ވޭރިއޭޝަން ނެތް މީހުންނާ އަޅާބަލާއިރު އެއް ތަށި މަދެވެ.

ދިރާސާ ޓީމުން ބުނެފައި ވަނީ ނެދަލެންޑްސްގައި 1700 މީހަކު ބައިވެރިކޮށްގެން ކުރި ދިރާސާއަކުން ވެސް ނިކުމެފައި ވަނީ ހަމަ މި ނަތީޖާ ކަމަށެވެ.

ދިރާސާގައި ލަފާކޮށްފައި ވަނީ ޕީޑީއެސްއެސް2 އިން، ހަށިގަނޑުން ކެފެއިން ނައްތާލުމުގެ ގާބިލްކަން ކުޑަކުރަނީ ކަމަށެވެ. މާނަ އަކީ ކެފެއިން ނެތިގެން ނުގޮސް ގިނައިރު ހަށިގަނޑުގައި ހުރުމެވެ.

އެހެންވެ، މި ޖީން ވޭރިއޭޝަން ހުންނަ މީހުން ކޮފީ ބޭނުންވާ މިންވަރު އެހެން މީހުންނާ އަޅާބަލާއިރު މަދުވާނެ ކަމަށް ދިރާސާ ޓީމުން ބުނެ އެވެ.

"ކޮފީއަށް ބޭނުންވުމަކީ ޖީންއާ ގުޅުން ހުރި ކަމެއްގެ ގޮތުގައި މީގެ ކުރިން ފާހަގަވެފައިވާ ދިރާސާތަކުގެ ތެރެއަށް މިއީ އިތުރުވެގެން ދާނެ ދިރާސާއެއް،" ދިރާސާގައި އިސްކޮށް ހުންނެވި ސްކޮޓްލެންޑުގެ ޔުނިވަސިޓީ އޮފް އެޑިންބާގްގެ ނިކޮލާ ޕިރަސްޓޫ ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވެފައި ވަނީ ޕީޑީއެސްއެސް2 އާ ކޮފީއާ ގުޅެނީ ކީއްވެގެންތޯ ބެލުމަށް އަދި ފުޅާ ދާއިރާއެއްގައި ދިރާސާތައް ކުރަންޖެހޭ ކަމަށެވެ.

އާ ދިރާސާ ވަނީ "ސައިންޓިފިކް ރިޕޯޓްސް"ގެ މި މަހުގެ 25 ވަނަ ދުވަހުގެ އަދަދުގައި ޝާއިއުކޮށްފަ އެވެ.