އުރީދޫން ތަފާތު ދެ ހިދުމަތެއް ތައާރަފްކޮށްފި
އުރީދޫން ތަފާތު ދެ ހިދުމަތެއް ތައާރަފްކޮށްފި

އުރީދޫން އަނެއްކާވެސް ވަރަށް ތަފާތު ދެ ހިދުމަތެއް ދިވެހި ކަސްޓަމަރުންނަށް މިއަދު ތައާރަފް ކޮށްފި އެވެ.

ސްޕެއިންގެ ބާސެލޯނާގައި ކުރިއަށް ގެންދާ މޯބައިލް ވޯލްޑް ކޮންފަރެންސްގައި މި ދެ ހިދުމަތް ތައާރަފް ކޮށްދެއްވީ އެ ކުންފުނީގެ ސީއީއޯ ނަޖީބު ހާނެވެ.

އަލަށް ތައާރަފްކޮށްފައި ވަނީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އުފައްދާފައިވާ ޑިޖިޓަލް އެސިސްޓެންޓް "އެވީ" އާއި އޮންލައިން ވިޔަފާރިތަކަށް ހާއްސަ އީ-ކޮމާސް މާކެޓް ޕްލޭސް ޕްލެޓްފޯމެއް ކަމަށްވާ "މޫލީ" އެވެ.

އުރީދޫގެ ސީއީއޯ ނަޖީބު ވިދާޅުވީ، ޓެކްނޮލޮޖީގެ ދާއިރާ އިން ކަންތައްތައް ތައާރަފް ވެގެން ދިޔުމުން ކަސްޓަމަރުންނަށް ބޮޑު ފަސޭހަ ކަމެއް ލިބޭނެ ކަމަށެވެ. އުރީދޫން ތައާރަފްކޮށްފައިވާ އެވީގެ ބޭނުން ކުރަން ފެށުމުން، ކޯލް ސެންޓަރަށް ގުޅުމުގެ ބަދަލުގައި ކަސްޓަމަރުން ބޭނުންވާ ސުވާލުތަކަށް ފަސޭހަ ކަމާ އެކު ޖަވާބު ދޭނެ ކަމަށެވެ.

މީގެ އިތުރުން މޫލީގެ ބޭނުން ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިވެހިރާއްޖެ ތަމްސީލުކޮށް، އުރީދޫ މޯލްޑިވްސްގެ ޑިވެލޮޕަރުންގެ އަމިއްލަ އުފެއްދުންތައް މިފަދަ ބާރުގަދަ ޕްލެޓްފޯމެއްގައި ދައްކާލުމަކީ އަޅުގަނޑުމެންނަށް ލިބިގެންދާ ނުހަނު ބޮޑު ޝަރަފެއް، އަދި އުފަލެއް،" އޭނާ ވިދާޅުވި އެވެ.

އެވީ އިން އާޓިފިޝަލް އިންޓެލިޖަންސް އާއި ޑީޕް ލާނިން ބޭނުންކުރާ ޗެޓްބޮޓުތަކެއްގެ އެހީގައި ކަސްޓަމަރުންގެ ތަޖުރިބާތައް ފުރިހަމަކޮށްދޭނެ އެވެ. އެވީ އިން އާންމުކޮށް ކަސްޓަމަރުން އޮޅުން ފިލުވަން ބޭނުންވާ މައުލޫމާތުތައް ސުވާލުކޮށްލުމުން ކިޔައިދޭނެ އެވެ. އެގޮތުން ވޮއިސް ކޯލް އަދި އެސްއެމްއެސް މެދުވެރިކޮށް، އަދި ފޭސްބުކް މެސެންޖާ، ޓްވިޓާ، ވައިބާ، ޓެލެގްރާމް، ވަޓްސްއަޕް ފަދަ އެޕްތަކުން ވެސް މީގެ ހިދުމަތް ލިބޭނެ އެވެ.

އެލެކްސާ އަދި ގޫގުލް އެސިސްޓެންޓް މެދުވެރިކޮށް ސްމާޓް ހޯމް ވަސީލަތަކުން ވެސް "އެވީ" ގެ ހިދުމަތްތައް ބޭނުންކުރެވޭނެ އެވެ. ދިވެހި ބަހާއި އިނގިރޭސި ބަހުން ސުވާލު ކުރެވޭ ގޮތަށް އުފައްދާފައިވާ "އެވީ" ގެ ސަބަބުން ކަސްޓަމަރުން ކޯލް ސެންޓަރަށް ގުޅައިގެން ކިއުގައި ހުންނަން ޖެހޭ ވަގުތު ކުޑަ ވެގެންދާނެ ކަމަށް އުރީދޫ އިން ބުނެ އެވެ.

އުރީދޫ އިން މިއަދު ތައާރަފްކޮށްފައިވާ "މޫލީ" ޕްލެޓްފޯމް ބޭނުންކޮށްގެން ގަނެވިއްކުމުގެ ހުރިހާ މަރުހަލާއެއް އޮންލައިންކޮށް ކުރިއަށް ގެންދެވޭނެ އެވެ. އެގޮތުން ޕްރޮޑަކްޓްތައް އޯޑަރު ކުރުމާއި އޮންލައިންކޮށް ފައިސާ ދެއްކުމާއި ވިޔަފާރި ކުރުމާއި މުދާ ރާއްޖޭގެ ކޮންމެ ހިސާބަކަ ށްވެސް ފޮނުވައިދިނުން ހިމެނެ އެވެ. މޫލީ މެދުވެރިކޮށް ފުރަތަމަ ފިޔަވަހީގައި ފޯރުކޮށްދޭނީ އުރީދޫގެ ހުރިހާ ޕްރޮޑަކްޓުތަކާއި ރާއްޖޭގެ ތަފާތު ޔޫޓިލިޓީ ޚިދުމަތްތަކެވެ.

އުރީދޫން ބުނީ ކުރިއަތް އޮތް ތަނުގައި މި ޕެލްޓްފޯމް ވެގެންދާނީ ތަރުކާރީ އާއި ގޭތެރޭގެ ސާމާނުން ފެށިގެން، އިލެކްޓްރޯނިކްސް، ކާބޯތަކެތި، ސިއްހީ އަދި ތައުލީމީ ހިދުމަތް ފަދަ ތަފާތު ވިޔަފާރިތައް ތަމްސީލުކުރެވޭނެ އީ-ކޮމާސް މާކެޓް ޕްލޭސް އަކަށް ކަމަށެވެ.

މި ދެ ހިދުމަތް ވެސް އަންނަ މާޗު މަހުގެ ތެރޭގައި ކަސްޓަމަރުންނާ ހަމަޔަށް ގެނެސް ދެވޭނެ ކަމަށް އުރީދޫ އިން ބުނެ އެވެ. މި ދެ އުފެއްދުން ލޯންޗްކޮށްފައިވާ އިރު މި ދެ އުފެއްދުން މިހާރު ދަނީ ޓެސްޓް ކުރަމުންނެވެ.