ބޮލީވުޑުގެ ފިލްމުތައް ޕާކިސްތާނުގައި މަނާކޮށްފި
ބޮލީވުޑުގެ ފިލްމުތައް ޕާކިސްތާނުގައި މަނާކޮށްފި

އިސްލާމްއާބާދު (ފެބްރުއަރީ 27) - ޕާކިސްތާނުގެ އެއްވެސް ސިނަމާއެއްގައި ބޮލީވުޑުގެ އެއްވެސް ފިލްމެއް ދެއްކުން މަނާކޮށްފި އެވެ.

ޕާކިސްތާނުން މި ފިޔަވަޅު އަޅާފައި މި ވަނީ ކަޝްމީރުގެ މަޝްރަހު ހޫނުވެ އެއްގައުމު އަނެއް ގައުމަށް ވައިގެ ހަމަލާތައް ދޭން ފަށާފައި ވަނިކޮށެވެ. ޕާކިސްތާނުން ހަމަލާދީ އިންޑިއާގެ ހަނގުރާމަ މަތީ ދެ ބޯޓު މިއަދު ވަނީ ވައްޓާލައިފަ އެވެ. އިންޑިއާއިން އަންގާރަ ދުވަހު ވަނީ ޕާކިސްތާނުގައި ހަރަކާތްތެރިވާ ޖައިޝީ މުހައްމަދުގެ މައި ކޭމްޕަށް ބޮން އަޅައިފަ އެވެ.

ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު ފަވާދު ޗައުދަރީ ވިދާޅުވީ އިންޑިއާގެ ފިލްމުތައް ބޮއިކޮޓް ކުރަން ޕާކިސްތާނުގެ ފިލްމް އެކްޒިބިޓާސް އެސޯސިއޭޝަނުން ނިންމާފައިވާ ކަމަށެވެ.

"އިންޑިއާގެ އެއްވެސް ފިލްމެއް ޕާކިސްތާނުގައި ރިލީޒެއް ނުކުރާނެ،" އޭނާ ޓްވީޓް ކުރެއްވި އެވެ.

ޗައުދަނީ ވިދާޅުވީ ޕާކިސްތާނުގެ ޓީވީ ޗެނަލްތަކުގައި އިންޑިއާގެ އެއްވެސް އިޝްތިހާރެއް ނުދެއްކުމަށް ޕާކިސްތާން އިލެކްޓްރޯނިކް މީޑިއާ ރިގިއުލޭޓަރީ އޮތޯރިޓީ އަށް އަންގާފައިވާ ކަމަށެވެ.

ޕާކިސްތާނުގައި މީގެ ކުރިން ވެސް ވަނީ އިންޑިއާގެ ފިލްމުތައް ދެއްކުން މަނާކޮށްފަ އެވެ. ޕާކިސްތާނުގެ ޗެނަލްތަކުގައި އިންޑިއާގެ ޕްރޮގްރާމްތައް ދެއްކުން މަނާކޮށްފައި އޮތް އޮތުން އެންމެ ފަހުން އުވާލީ މިދިޔަ އަހަރު ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެންނެވެ.