ކޮމިޝަންތަކަށް ބާރުދޭން ހުރަސްއަޅާތީ ހިތްހަމަނުޖެހުން ފާޅުކޮށްފި
ކޮމިޝަންތަކަށް ބާރުދޭން ހުރަސްއަޅާތީ ހިތްހަމަނުޖެހުން ފާޅުކޮށްފި

ރިޔާސީ ކޮމިޝަންތަކުގެ ބިލް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެސް ފާސްނުކުރުމުން އެކަމާ ދެކޮޅަށް މަޖިލީހުގެ އިދާރާ ކައިރީގައި ހިތްހަމަނުޖެހުންފާޅުކޮށްފި އެވެ.

ކޮމިޝަންތަކަށް ބާރުދޭން ހުރަސްއަޅާތީ ހިތްހަމަނުޖެހުން ފާޅުކޮށްފި
ކޮމިޝަންތަކަށް ބާރުދޭން ހުރަސްއަޅާތީ ހިތްހަމަނުޖެހުން ފާޅުކޮށްފި

ރިޔާސީ ކޮމިޝަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވީ ކުރީގެ ދެ ރައީސުން ކަމަށްވާ ޑރ. މުހައްމަދު ވަހީދާއި އަބްދުﷲ ޔާމީންގެ ސަރުކާރުތަކުން ހިންގާފައިވާ ހިޔާނާތްތައް ބެލުމަށާއި އަނިޔާވެރިކޮށް މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ އާއިލާތަކަށް އިންސާފު ކަށަވަރުކޮށް ދިނުމަށެވެ. އެ ދެ ކޮމިޝަނަށް ބާރު ދިނުމާ ބެހޭ ބިލް ހަތަރު ވަނަ ފަހަރަށް އެޖެންޑާކުރުމަށް ފަހު މިއަދު ވެސް ވޯޓަށް ނާހައި ޖަލްސާ ނިންމާލީ އެވެ.

ކޮމިޝަންތަކަށް ބާރުދޭން ހުރަސްއަޅާތީ ހިތްހަމަނުޖެހުން ފާޅުކޮށްފި
ކޮމިޝަންތަކަށް ބާރުދޭން ހުރަސްއަޅާތީ ހިތްހަމަނުޖެހުން ފާޅުކޮށްފި

މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް، މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވިދާޅުވީ، އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން ހުށަހެޅުއްވި ރިޔާސީ ކޮމިޝަންތަކުގެ ބިލް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމި ގޮތް ނޫން އެހެން ގޮތަކަށް މަޖިލިހުގެ ތަޅުމަށް ފޮނުވާފައިވާ ކަމަށް ވިދާޅުވެ އެ ކޮމިޓީގެ ހަ މެމްބަރަކު ސޮއިކުރައްވާފައިވާ ސިޓީއެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.

އެހެންވެ، އެކަން ތަހުގީގުކޮށް ބެލުމަށް ފަހު ނޫނީ އެ ބިލަށް ވޯޓަށް ނޭހޭނެތީ މިއަދުގެ ޖަލްސާގެ އެޖެންޑާ އިން އެ ބިލް ނަގާފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

މިކަމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރިއަށް އާއްމުންގެ ބަޔަކު އެއްވެ މިއަދު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި، ގެއްލުވައިލި ނޫސްވެރިޔާ އަހްމަދު ރިލްވާންގެ އާއިލާ އާއި ރަހުމަތްތެރިން އަދި ކުރީގެ ސަރުކާރުގައި ހިންގި ހިޔާނާތާ ދެކޮޅަށް އަޑު އުފުލާ މީހުން ހިމެނެ އެވެ.

އެ މީހުން އަޑުއުފުލީ ކޮމިޝަންތަކަށް ބާރު ދިނުމަށެވެ.

އެތަނުގައި ހުންނެވި ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ކުރީގެ ރައީސް ޝަހިންދާ އިސްމާއިލް ވިދާޅުވީ މަޖިލީހުގައި އެޖެންޑާކޮށްފައި އޮތް ބިލް އަނބުރާ ކޮމިޓީ އަށް ފޮނުވައިލުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އޭގެ މާނަ އަކީ ކޮމިޝަންތަކަށް ބާރުދޭން މަޖިލީހުގެ މެމްބަރުންތަކެއް ހުރަސްއެޅުއްވުން ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"ކޮމިޝަންތަކަށް ބާރު ދިނީމާ މައްސަލަތައް ބެލުމުގައި މަސައްކަތް ކުރިއަށްދާ ވަރު އަޅުގަނޑުމެންނަށް އެބަ އެނގޭ. އެކަން ހުއްޓުވަން ނޫނިއްޔާ މަޖިލީހުން އެގޮތަށް ކަންތައް ނުކުރާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ޝަހިންދާ ވިދާޅުވި އެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ނައިބު ރައީސް އަހްމަދު ތޮލާލް ވެސް ވިދާޅުވި ގޮތުގައި ބިލް ފާސްނުކުރަން އުޅޭ ސަބަބަކީ ކޮމިޝަންތައް ބާރުވެރި ނުކުރުމެވެ. އެ ދެ ކޮމިޝަނަށް ބާރު ދިނުމަކީ އެތައް އާއިލާ އަކަށް އިންސާފު ކަށަވަރު ވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ މިއީ [ބިލް ފޭލްކޮށްލަނީ] ރާވައިގެން ކަމަށް،" ތޮލާލް ވިދާޅުވި އެވެ.

މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ އެ ބިލް އެޖެންޑާ ކުރުމަށް ފަހު، އަނބުރާ ކޮމިޓީ އަށް ފޮނުވާލި މައްސަލައިގައި ނުރުހުންފާޅު ކުރައްވައިފަ އެވެ. މަޖިލީހުގައި އެ ބިލާ މެދު އަމަލުކުރީ ރަނގަޅަށް ނޫން ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

"މިތާ [މަޖިލީހުގައި] ތިބެފައި ވެސް ނުވަންނަނީ ކޯރަމް ހަމަވެދާނެތީ. އަޅުގަނޑު ދަންނަވާނީ މަޖިލީހުގެ ރައީސް [ގާސިމް އިބްރާހީމް] ވެސް ބައިވެރިވެވަޑައިގެން ހިންގާ ކަމެއް މިކަން ކޮށްފައި މިއޮތީ. އެހެން ނޫން ނަމަ އެމަނިކުފާނު ކީއްކުރަންތޯ އެތާ އިންނަވައިގެން، މަޖިލީހުގެ ގަވާއިދާ ޚިލާފަށް މަޖިލީހުގެ ކޮމިޓީ އަނބުރާ ބިލް ފޮނުވާލަންވީ،" ރޮޒައިނާ ސުވާލު އުފެއްދެވި އެވެ.

ރިޔާސީ ކޮމިޝަންތަކުގެ ބިލަކީ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ބިލަކަށް ވާތީ، މަޖިލިހުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން ވޯޓު ނަގާ ޖަލްސާއެއްގައި ހާޒިރުވެ ތިއްބަވަން ޖެހެ އެވެ. އެއީ މިހާރު މަޖިލިހުގައި ތިއްބަވާ 85 މެމްބަރުންގެ ތެރެއިން 43 މެމްބަރުންނެވެ.

އެ ބިލަށް ވޯޓަށް އެހުމަށް މީގެ ކުރިން ތިން ފަހަރެއްގެ މަތިން މަސައްކަތް ކުރި ނަމަވެސް، ގާނޫނުއަސާސީގައި ބުނާ އަދަދު ހަމަނުވެގެން ބިލަށް ވޯޓަށް އަހާފައެއް ނުވެ އެވެ.

އެ ބިލް އަނބުރާ ކޮމެޓީ އަށް މިއަދު ފޮނުވާލީ ކޯރަމް ހަމަވެ، ފާސްކުރަން ބޭނުންވާ އަދަދަށް މެމްބަރުން ހާޒިރުވެ ތިއްބަވަނިކޮށެވެ. މިއަދުގެ ޖަލްސާގައި 69 މެމްބަރުން ތިއްބެވި އެވެ.