27 ފެބުރުއަރީ 2019 - 13:04

މިލާން (ފެބްރުއަރީ 27) – އިންޓަގެ ކެޕްޓަން މައުރޯ އިކާޑީ ހޯދުމަށް ނަޕޯލީން އޭނާ އަށް ބޮޑު މުސާރައެއް ހުށަހަޅާފައިވީ ނަމަވެސް، އިންޓަގެ ވިސްނުން ހުރީ އޭނާ ޔުވެންޓަސް އަށް ވިއްކާލަން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިކާޑީގެ ކޮންޓްރެކްޓް އާކުރުވަން އިންޓަ އިން ކުރި މަސައްކަތް ފެނަށް ދިއުމުން މިހާރު ބެލެވެނީ ސީޒަން ނިމުމުން އޭނާ ވިއްކާލަން މަޖުބޫރުވާނެ ކަމަށެވެ. އަދި ކަކުލުގެ އޮޕަރޭޝަނެއް ކުރަން ޖެހޭތީ މި ސީޒަނުގައި އޭނާ ދެން އިންޓަ އިން ނުފެނުމުގެ ފުރުސަތު ވެސް އެބައޮތެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ މިވަގުތު އޮޕަރޭޝަންކުރަން ނިންމީ ވެސް، ކެޕްޓަން ބޭންޑް އަތުލި މައްސަލައިގައި ޓީމަށް ކުޅެން ބޭނުންނުވާތީ އެވެ. ބޭންޑް ނެގީ، އޭނާއާ އެކު ކުރަމުން އައި މަޝްވަރާތަކަށް އަލި މަގެއް ނުފެނި އެކަމުގެ ނޭދެވޭ އަސަރު ޓީމަށް ކުރާތީ އެވެ.
އިކާޑީ އަށް ސްޕެނިޝް ލީގާއި އިނގިރޭސި ލީގުން ވެސް އޮފާތަކެއް ވަނީ ލިބިފަ އެވެ. އެކަމަކު އޭނާގެ އަންހެނުން ވަންޑާ އިކާޑީ އާއި ކުރީގެ ފިރިމީހާ މެކްސީ ލޮޕޭޒް، ކުދިންގެ ބެލެނެވެރިކަމުގެ ހައްގު ހޯދަން ދައުވާކުރަމުން އަންނާތީ ކުދިންނަށް އިޓަލީ ދޫކޮށް ދިގު މުއްދަތަކަށް ދެވެން ނެތެވެ. އެހެންވެ އޭނާ ބަދަލުވާން ޖެހޭނީ އިޓަލީގެ ކްލަބަކަށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ނަޕޯލީން ވަނީ އޭނާ އަށް އަހަރަކު ނުވަ މިލިއަން ޔޫރޯ އާއި އިތުރު ދެ މިލިއަން ޔޫރޯ ބޯނަސްގެ ގޮތުގައި ދޭން ހުށަހަޅައިފަ އެވެ. އެކަމަކު އޭނާ ވިއްކާލުމުގެ ފަހު ބާރު އޮތް އިންޓަ އިން ބޭނުންވަނީ ޔުވެންޓަސް ވިއްކާލާށެވެ. އޭނާ ގަތުމަށް ހޭދަކުރަން ޖެހޭ 110 މިލިއަން ޔޫރޯ ދެއްކުމުގެ މާލީ ގާބިލްކަން އެންމެ ބޮޑީ ވެސް ޔުވެންޓަސްގަ އެވެ. އިންޓަގެ ސްޕޯޓިން ޑިރެކްޓަރު ބެއްޕޭ މަރޮއްޓާ އަކީ ޔުވެންޓަސް ފަހަކާ ޖެހެންދެއް މަސައްކަތްކުރި ޑިރެކްޓަރެކެވެ.ބާސެލޯނާގެ ޔޫތު އެކަޑަމީން ތަމްރީންވި އިކާޑީ އިންޓައާ 2013 ވަނަ އަހަރު ގުޅުނީ ސަމްޕްޑޯރިއާ އަށް ކުޅުމަށް ފަހު އެވެ. އޭނާ ވަނީ އެ ޓީމަށް 208 މެޗުން 122 ގޯލް ޖަހައިފަ އެވެ.
ޔުވެންޓަސް އިން ފޯވާޑަކަށް ބަލަމުން އަންނައިރު އެ ކްލަބުގެ ލޯނެއްގެ ދަށުން ޗެލްސީ އަށް ކުޅެމުން އަންނަ ގޮންޒާލޯ ހިގައިން ވެސް އަންނަ ސީޒަނުގައި ގެންނަން ޖެހިދާނެ އެވެ. އެއީ ޗެލްސީ އަށް ކުޅުންތެރިން ނުގެނެވޭ ގޮތަށް ފީފާ އިން އަދަބުދީފައިވާތީ، އަންނަ ސީޒަނުގައި އޭނާ ދާއިމީ ކުރުމުގެ ފުރުސަތު އެ ޓީމަށް ނޯންނާނެތީ އެވެ.