ދިވެހިންނަށް މެލޭޝިއާ ވިސާ ލުއިކޮށްދޭން ޝާހިދު އެދިވަޑައިގެންފި
ދިވެހިންނަށް މެލޭޝިއާ ވިސާ ލުއިކޮށްދޭން ޝާހިދު އެދިވަޑައިގެންފި

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ވިސާ ދިނުމުގައި މިހާރަށް ވުރެ ލުއިގޮތްތައް ހަމަޖައްސައިދިނުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ އެދިވަޑައިގެންފި އެވެ.

ޝާހިދު މިކަމަށް އެދިވަޑައިގަތީ، އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމަށް ޖެނީވާއަށް ކުރައްވާ ދަތުރުގައި މެލޭޝިއާގެ ހާރިޖީ ވަޒީރު ސައިފުއްދީން ބިން އަބްދުﷲ އާ ބައްދަލުކުރައްވަ އެވެ.

މެލޭޝިއާގެ އިތުރުން އެހެން ގައުމުތަކުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި އިޓަލީ، އިންޑޮނީޝިއާ އަދި މޮރޮކޯ ހިމެނެ އެވެ.

މިނިސްޓްރީން ބުނީ މެލޭޝިއާގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި އެ ގައުމު އަލުން ޑިމޮކްރަސީއަށް ރުޖޫއަވުމުން އެކަމަށް ޝާހިދު މަރުހަބާ ދެންނެވި ކަމަށެވެ. ޝާހިދު ވިދާޅުވި ގޮތުގައި އެކަމުން ދިވެހިންނަށް ހިތްވަރު ލިބުނެވެ.

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ މެލޭޝިއާގައި ވިސާ ހޯދުމަކީ މީގެ ކުރިން ވަރަށް ފަސޭހަކަމެކެވެ. ނަމަވެސް އެ ގައުމުގެ އާ ސަރުކާރުން ވިސާގެ ކަންތައްތައް ހަރުދަނާކުރުމަށް އެޅި ފިޔަވަޅުތަކާ އެކު، ވިސާ ހޯދުމުގައި ކުރިއަށްވުރެ އުނދަގޫކަމަށް އެ ގައުމުގައި ދިިރިއުޅޭ ބައެއް ދިވެހިން ބުންޏެވެ.