ވަންޕްލަސް 7 ގައި ވަޔަލެސް ޗާޖިން ނުހިމަނާނެ
ވަންޕްލަސް 7 ގައި ވަޔަލެސް ޗާޖިން ނުހިމަނާނެ

ވަޔަލެސް ޗާޖިން ނެތް ފޯނެއް، ސްމާޓްފޯނަކަށް މިހާރު ނުވެ އެވެ. އެކަމަކު ވެސް ވަންޕްލަސް ބުނަނީ ވަރިހަމަ ކަމަށެވެ. ވަންޕްލަސް 7 ގައި ވަޔަލެސް ޗާޖިން ނުހިމަނާނެ ކަމަށެވެ. ސަބަބެއް ކަމަށް ބުނެ ދެ އުޒުރެއް ދައްކަ އެވެ.

ވަންޕްލަސް 7 ގައި ވަޔަލެސް ޗާޖިން ނުހިމަނާ ސަބަބެއް ކަމަށް އެ ކުންފުނިން ބުނަނީ، ކޭބަލުން ޗާޖުކުރެވޭހާ އަވަހަށް، ވަޔަލެސްކޮށް ޗާޖު ނުކުރެވުމެވެ. މިއީ އެންމެން ވެސް ދަންނަ ކަމަށެވެ. ސްމާޓްފޯނުތަކުގައި ވަޔަލެސް ޗާޖިން ހިމަނަނީ، ކޮންމެހެން، ކޭބަލުން ކުރެވޭ ވަރަށް ވުރެ އަވަހަށް ޗާޖްކުރެވޭތީއެއް ނޫނެވެ. ވަޔަލެސް ޗާޖިން އަކީ ބަރަށް ބޮޑު ފަސޭހައަކަށް ވެފައި، އެއީ މި ސިނާއަތަށް އާ ޓެކްނޮލޮޖީއަކަށް ވާތީ އެވެ.

ވަންޕްލަސް ފޯނުތައް އަގު ބޮޑުކުރަން ޖެހުމަކީ ވެސް ވަންޕްލަސް ބުނާ ގޮތުގައި ފިކުރުކުރަން ޖެހޭ ކަމެކެވެ. އެ މީހުން ދެކޭ ގޮތުގައި، ވަންޕްލަސް ފޯނުތައް ބޭނުންކުރާ މީހުން ކުރަންޖެހޭ ހޭދަ، ވާދަވެރިންނަށް ވުރެ، ކުޑަވާން ޖެހެ އެވެ. ވަންޕްލަސް ފޯނެއްގައި ވަޔަލެސް ޗާޖިން ޓެކްނޮލޮޖީ ގާއިމުކުރުމަށް ބޮޑު ޚަރަދެއް ކުރަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ވަންޕްލަސް 7 ގައި ވަޔަލެސް ޗާޖިން ނުހިމެނުމަކީ، ކުރި އަށް ހުރި ވަންޕްލަސް ފޯނުތަކުގައި އެ ޓެކްނޮލޮޖީ ނުހިމަނަން ދައްކާ އުޒުރެއް ނޫން ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. ވަންޕްލަސް ފޯނުތަކުގައި ގާއިމުކުރުމަށް، ހިތްހަމަޖެހޭ ފެންވަރަށް ވަޔަލެސް ޗާޖިން ޓެކްނޮޖީ ތަރައްގީކުރެވުމުން، ފޯނުތަކުގައި ހިމަނާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ވަންޕްލަސް ފޯނުތަކަށް ލޯބިކުރާ މީހުން މިހާރު ދަނީ ވަންޕްލަސް 7 ނެރޭ ދުވަހަކަށް ތައްޔާރުވަމުންނެވެ. އާދައިގެ ހާލަތުގައި ހަރަކާތްތައް ކުރި އަށް ދާ ނަމަ، އަންނަ ޖޫންގައި ވަންޕްލަސް 7 ނެރޭނެ އެވެ. ވަންޕްލަސްގެ ބާރުގަދަ ފޯނުތަކަށް ކޮންމެ އަހަރަކު ވެސް ޚާއްސަކުރާ ދުވަސްވަރަކީ އެއީ އެވެ.