28 ފެބުރުއަރީ 2019 - 07:22

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން މިދިޔަ އަހަރު ވަނީ ވީޑިއޯ ގޭމް ކުޅެން ދެވި ހިފުމަކީ ނަފުސާނީ ބައްޔެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ. އެހެންވެ މިފަދަ ގޭމުތަކުގެ ދުނިޔެ އަށް ގެއްލިފައި ތިބޭ ކުދިންގެ މައިންބަފައިން ވެސް މިކަމަށް ހާއްސަ ސަމާލުކަމެއް މި ވަނީ ދޭން ޖެހިފަ އެވެ.
އެހެން ނޫނީ ފިލިޕީންސްގެ މި ދެމަފިރިންނަށް ޖެހިފައިވާ ފަދަ ހާލަތަކާ ކުރިމަތިލާން ޖެހިދާނެ އެވެ. ތޭރަ އަހަރުގެ ފިރިހެން ދަރިފުޅު ކާލިޓޯއަކީ މިހާރު ވީޑިއޯ ގޭމްތަކަށް މުޅިން ގެއްލި، ދިރިއުޅުމުގެ މިސްރާބު އޮޅުންބޮޅުންވެފައިވާ ކުއްޖެކެވެ. އޭނާ ކުރާ ހަމަ އެކަނި ކަމަކީ "ރޫލްސް އޮފް ސަވައިވަލް" ކުޅުމެވެ.
ސްކޫލް ކަޓޫވާލާފައި އޭނާ އިންޓަނެޓް ކެފޭތަކުގައި ރެ އާއި ދުވާލުގެ އެތައް ވަގުތެއް ހޭދަކުރާ މައްސަލަ ބޮޑުވެގެން، ކާލިޓޯ މިހާރު ވަނީ ސްކޫލުން ވެސް ވަކިކޮށްފަ އެވެ. ވީޑިއޯ ގޭމްތަކަށް އޭނާ ދެވިހިފާފައިވާ ވަރަކީ ގޭމެއް ކުޅެން ޖައްސައިލާ ގޮތަށް ކާން ވެސް ގޮނޑިން ފޫ ހިއްލައިނުލުމެވެ.
އެންމެ ފަހުން ކާލިޓޯގެ މަންމަ އަށް ޖެހިފައި ވަނީ އެ މީހުން ދިރިއުޅޭ ގެއާ މާ ދުރު ނޫން ހިސާބެއްގައި ހުންނަ އިންޓަނެޓް ކެފޭ އަށް ގޮސް، އަތުން ލަވައިގެން ފުރާވަރަށް އަރާފައިި ހުރި ފިރިހެން ދަރިފުޅަށް ކާންދޭށެވެ.
މި މަންޒަރު ފެންނަ ވީޑިއޯއެއް އިންޓަނެޓްގައި ދައުރުވާން ފެށުމުން ކާލިޓޯގެ މަންމަ އަށް އެތައް ބަޔަކު ވަނީ ފާޑު ވެސް ކިޔައިފަ އެވެ. ދިފާއުގައި، 37 އަހަރުގެ ލިލިބެތު މާވެލް ބުނި ގޮތުގައި މީގެ ދެ އަހަރު ކުރިން ފެށިގެން ދަރިފުޅު ވީޑިއޯ ގޭމަށް ދެވި ހިފިކަން އެނގިގެން އެކަން ހުއްޓުވަން ލައްކަ މަސައްކަތް ވެސް ކުރި އެވެ.
އެގޮތުން އޭނާ އަށް ގޭމްތައް ހޯދައި ދިނުން ހުއްޓާލައި، އިންޓަނެޓް ކެފޭތަކަށް ދާން ވެސް ހުރަސް އެޅި އެވެ.
އެކަމަކު ކުރި އެއްވެސް ކަމެއް ކާމިޔާބު ނުވެ، ކާލިޓޯގެ ހާލަތު ދިޔައި އެއް ދުވަހުން އަނެއް ދުވަހަށް ގޯސްވަމުންނެވެ. މިހާރު އޭނާ ހުރީ ޑަބްލިއުއެޗްއޯ އިން އިރުޝާދު ދީފައިވާ ގޮތަށް ނަފުސާނީ ބައްޔަށް ފަރުވާ ހޯދަން ޖެހޭ ފައްތަރުގަ އެވެ.
"މިކަމަކާ ހެދި އަހަރެން މުޅިން ބޯ ހަލާކު ވެދާނެ،" ލިލީބެތު ބުންޏެވެ.