01 މާޗް 2019 - 08:36

ދާދި ފަހުން ބޮލީވުޑްގައި ޖިންސީ ފުރައްސާރަތަކާ ދެކޮޅަށް އަޑު އުފުލަން ފެށުމުގެ އޮއިވަރެއް ފެށުމުގެ އަސްލަކަށްވި ކުރީގެ ބަތަލާ ތަނުޝްރީ ދައްތާ ޖިންސީ ފުރައްސާރަތަކާ ބެހޭ ކުރު ފިލްމެއް ބެލުންތެރިންނަށް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.
"އިންސްޕިރޭޝަން" ގެ ނަން ދީފައިވާ މި ފިލްމުގެ ބަތަލާގެ ރޯލް ކުޅުމުގެ އިތުރަށް މީގެ، ޑައިލޮގްތައް ވެސް ލިޔެފައި ވަނީ "އާޝިގް ބަނާޔާ އާޕްނޭ" އާއި "ޗޮކްލެޓް" ފަދަ ފިލްމުތައް ކުޅެފައިވާ ބަތަލާ އެވެ. ފިލްމުގެ ޑައިރެކްޓަރަކީ އަތުލް ބައްލާ އެވެ.
ތަނުޝްރީ ބުނި ގޮތުގައި ޖިންސީ ފުރައްސާތަކަށް ހޭލުންތެރިކަން އުފެއްދުމުގެ ގޮތުން ހަދާފައިވާ ފިލްމު ރިލީޒްކުރާނީ މި އަހަރުގެ އަންހެނުންގެ ދުވަސްވާ ކަމަށްވާ މާޗް މަހުގެ 8 ވަނަ ދުވަހު އެވެ.
"އިންސްޕިރޭޝަންގެ މަސައްކަތް މިހާރު އޮތީ އެއްކޮށް ނިމިފައި. އަންހެނުންގެ ދުވަހު ފިލްމު ރިލީޒް ކުރާނަން. މީގައި އަހަރެން ކުޅެފައި އިންނާނީ ޖިންސީ ފުރައްސާރައިގެ ޝިކާރަކަށްވާ ޒުވާން އަންހެނުންނަށް ހިތްވަރުދީ މަގު ދައްކައި ދޭން މަސައްކަތް ކުރާ ގާޑިއަން އެންޖެލްއެއްގެ ރޯލް،" އޭނާ ބުންޏެވެ. "އަހަރެން އުންމީދު ކުރަން މި ފިލްމުގެ ސަބަބުން ވެސް ނަތީޖާތަކެއް ނުކުންނާނެ ކަމަށް."
އެކްޓަރު ނާނާ ޕަޓޭކަރްގެ ފަރާތުން ޖިންސީ ފުރައްސާރައާ ކުރިމަތިލާން ޖެހުނު ކަމަށް ބުނެ މިދިޔަ އަހަރުގެ ފަހުކޮޅު ތަނުޝްރީ މީޑިއާތަކުގައި ދެއްކި ވާހަކަތަކާ ގުޅިގެން، ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވި ބޮލީވުޑްގެ އެތައް ފަންނާނުންނެއް ނުކުމެ، ފާޅުގައި ވާހަކަ ދައްކައި އެތައް ފަންނާނުނެއް ބޭޒާރުކޮށްލާފައިވެ އެވެ.
އޭގެ ތެރޭގައި އެކްޓަރުންނާއި ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންނާއި މިއުޒިޝަނުންނާއި ލަވަކިޔުންތެރިން ވެސް ހިމެނެ އެވެ. ބޭޒާރުވި ގިނަ ފަންނާނުން މިހާރު ތިބީ ބޮލީވުޑުން ފެއަށް ޖައްސައިފަ އެވެ.