27 ފެބުރުއަރީ 2019 - 11:15

ސަރުކާރުގެ ހަރަދުގައި ހިިލޭ ޑިގްރީ އަށް ކިޔަވައިދޭ ޕްރޮގްރާމުގައި، މަތީ ތައުލީމް ފޯރުކޮށްދޭ ގިނަ ތަންތަނުން ބައިވެރިވެއްޖެ އެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ އިތުރުން އަމިއްލަ ބައެއް ކޮލެޖުތަކުން ވަނީ މިިދިޔަ ހަފުތާ އާއި މި ހަފުތާގެ ތެރޭގައި ހަޔަ އެޑިއުކޭޝަން މިނިސްޓްރީއާ އެކު ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ވިލާ ކޮލެޖާއި ސައިރިކްސް ކޮލެޖާއި ކްލިކް ކޮލެޖް އަދި އެވިޑް ކޮލެޖު ހިމެނެ އެވެ.
މި މަހުގެ 14 ވަނަ ދުވަހު ފެށި ޕްރޮގްރާމުގެ ދަށުން ހިލޭ ކިޔެވޭނީ ސަރުކާރުގެ ދެ ޔުނިވާސިޓީ ކަމަށްވާ އެމްއެންޔޫ އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގަ އެވެ. އަމިއްލަ ކޮލެޖުތަކަށް ދައްކައިދޭނީ އެ ތަންތަނުގައި ހިންގާ ޑިގްރީ ޕްރޮގްރާމްތަކުގެ ކޯސް ފީ އިން 40-99 ޕަސެންޓެވެ.
ހިލޭ ކިޔެވުމަށް ފަހު 1-5 އަހަރާ ދެމެދުގެ މުއްދަތެއް ވަންދެން ރާއްޖޭގައި މަސައްކަތް ކުރަން ޖެހެ އެވެ. އެއަށް މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް ހުށަހެޅޭނެ އެވެ.
ސަރުކާރުން ބުނެފައިވަނީ ހިލޭ ޑިގްރީ އަށް ކިޔަވައިދޭން ފެށުމާއެކު މިއަހަރު އަލަށް 9000-10،000 ދަރިވަރުން ކިޔަވަން ފަށާނެ ކަމަށެވެ.