27 ފެބުރުއަރީ 2019 - 12:14

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ކެމްޕެއިންއަށް ރަށެއްގައި ހަދާފައި ހުރި ޖަގަހައަކުން އަޑުގަދަކޮށް ލަވަ ޖެހުމުގެ ސަބަބުން ދިވެއްސެއްގެ ކަންފަތަށް ގެއްލުންވެ ފަރުވާ ހޯދައިފި އެވެ.
ކަރުންމަތީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު މައުރޫފް ހުސައިން ވަނީ މިދިޔަ ހޯމަދުވަހު އޭނާގެ ކައިރިން ފަރުވާ ހޯދި އުމުރުން ދުވަސްވީ އަންހެނަކަށް ދިމާވި މައްސަލަ ޓްވިޓާ މެދުވެރިކޮށް މިއަދު ހިއްސާކުރައްވައިފަ އެވެ.
ބަލިމީހާ އަކީ ކާކުކަން ނޭނގޭ ގޮތަށް ހިއްސާކުރެއްވި ބޭސް ސިޓީގައި ބުނެފައިވާ ގޮތުން ރަށެއްގައި ކެމްޕެއިން ޖަގަހައަކުން ބާރަށް ލަވަޖެހުމުގެ ސަބަބުން 71 އަހަރުގެ އަންހެނެއް މީހާގެ އިވުމަށް އަސަރުކޮށްފައިވެ އެވެ.
މައްސަލަ ކުރިމަތިވި މީހާގެ ހާލަތު ބަޔާންކުރައްވައި ސިޓީގައި މައުރޫފް ލިއުއްވާފައި ވަނީ "ކެމްޕެއިން އޮފީހުން އިވޭ ގަދަފަދަ އަޑަށް ހުށައެޅި، އިވުމުގެ ބާރު ވަނީ ދަށްވެފައި" ކަމަށެވެ.
"މީސްތަކުންގެ ކަންފަތް ބީރުވާ ވަރަށް އަޑުގަދަކޮށް ލަވަނުޖަހައި ކެމްޕޭން ނުކުރެވޭނެ ބާވަ އެވެ؟" ބޭސް ސިޓީއާ އެކު ކުރެއްވި ޓްވީޓްގައި މައުރޫފް ވިދާޅުވި އެވެ.
ގަދަ އަޑުތަކުގެ ސަބަބުން ކަންފަތުގެ ތޫރި ހަލާކުވެ، ކަންފަތުގެ މަޑުކަށިތައް ހަލާކުވުމުގެ ފުރުސަތު ބޮޑެވެ. އެފަދަ މައްސަލަތަކުގެ އުނދަގޫ ދާއިމީ ގޮތެއްގައި ބައެއް މީހުންނަށް ތަހައްމަލްކުރަން ވެސް ޖެހެ އެވެ. އެ ހަލާތު ދިމާވާ ބައެއް މީހުންނަށް، ރަނގަބީލު ޖެހޭ ފަދަ އަޑުތަކެއް އިހުސާސް ވެ އެވެ.
ސިޔާސީ ހަރަކާތްތައް އަޑުގަދަކޮށް ލަވަޖެހުމަކީ ރާއްޖޭގައި އާއްމު ކަމެކެވެ. އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިޚާބުގެ ކެމްޕެއިންގައި އެތައް ޖަގަހައެއް ހުޅުވައި، އަޑުގަދަކޮށް ލަވަ ޖެހުން މިހާރު ދަނީ ކުރިއަށެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ އުނދަގޫވާ ގޮތަށް ސިޔާސީ ހަރަކާތް ހިންގާތީ މިފަހުން ޝަކުވާ ހުށަހަޅާފައި ނުވާ ކަމަށެވެ. އެފަދަ ކަމެއް ހުށަހަޅައިފި ނަމަ އެކަން ހައްލު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަންގާނަން އާއްމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު ނުވާނެ ގޮތަށް ސިޔާސީ ކަންކަން ކުރިއަށް ގެންދަން،" އަކްރަމް ވިދާޅުވި އެވެ.
އާއްމު އިޖްތިމާއީ މިންގަނޑުތަކާ ބެހޭ ގާނޫނު ބުނާ ގޮތުން އަވަށްޓެރިންނަށް އުނދަގޫވާ ގޮތަށް ބާރަށް ލަވަޖަހައި ނުވަތަ ޓީވީގެ އަޑު ބާރުކޮށްގެން ޓީވީ ބަލައި ނުވަތަ އެ ނޫން ވެސް ގޮތަކަށް އަޑުގަދަކޮށް ހަދައިފި ނަމަ އެކަން ކުރި މީހަކާ މެދު ފިޔަވަޅު އެޅޭނެ އެވެ.