އަނިޔާގެ މައްސަލަ ބޮޑުވިޔަސް ގޮތް ހުހެއް ނުވޭ: ސޯލްޝެއާ
އަނިޔާގެ މައްސަލަ ބޮޑުވިޔަސް ގޮތް ހުހެއް ނުވޭ: ސޯލްޝެއާ

ލަންޑަން (ފެބްރުއަރީ 27) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރަށުންބޭރުގައި ކްރިސްޓިލް ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު މެންޗެސްޓާ ޔުނައިޓެޑްގެ 10 ކުޅުންތެރިއަކު އަނިޔާގައި ތިބި ނަމަވެސް ގޮތް ހުސް ނުވާ ކަމަށް ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

ލީގުގައި މިދިޔަ އާދިއްތަ ދުވަހު އަމިއްލަ ދަނޑުގައި ވާދަވެރި ލިވަޕޫލާ ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި ޔުނައިޓެޑްގެ ހަތަރު ކުޅުންތެރިއަކަށް ވަނީ އަނިޔާވެފަ އެވެ. މިރޭގެ މެޗަށް ޔުނައިޓެޑް ނުކުންނާނީ ސޯލްޝެއާ ހަވާލު ފަހުން ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅުނު ގިނަ ކުޅުންތެރިން ނުލަ އެވެ. އޭގެ ތެރޭގައި ޖެސޭ ލިންގާޑާއި އެންޑަ ހެރޭރާ، ނަމަންޏާ މަޓިޗް އަދި ހުއާން މަޓާ ހިމެނެ އެވެ.

"ތެދެއް އަނިޔާގެ ސަބަބުން ޓީމު އޮތީ ވަރަށް ބޮޑަށް ބަލިކަށިވެފައި. އެކަމަކު މިއީ ނިމުމެއް ނޫން. ބަދަލުގައި އަރާ ކުޅުންތެރިންނަށް އެބައޮތް ފުރުސަތު. ޒުވާން ކުޅުންތެރިންނާއި ފުރުސަތު ނުލިބި ތިބި ކުޅުންތެރިން އެބަހުރި މި ކަހަލަ ހާލަތްތަކުގައި ތަފާތު ދައްކާފައި. އަނެއްކާ ވެސް އެ ފަދަ ކަންތައްތަކެއް ތަކުރާރުކުރަންވީ،" ސޯލްޝެއާ ބުންޏެވެ.

މިދިޔަ ޑިސެމްބަރު މަހު ޔުނައިޓެޑްގެ ކޯޗުކަމާ ސޯލްޝެއާ ހަވާލުވި ފަހުން މިހާތަަނަށް އެ ޓީމު ކުޅުނު 14 މެޗުގެ ތެރެއިން ބަލިވީ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ސޯލްޝެއާ ގިނަ މެޗުތަކެއްގައި ކުޅުވާފައިވަނީ އެއް ކުޅުންތެރިންތަކެކެވެ. މިހާރު ޓީމަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކަކީ ގިނަ މެޗުތަކެއް އެއް ކުޅުންތެރިންތަކެއް ލައްވައި ކުޅުވުން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

"ތި އިޝާރާތްކުރި ކަންތައްތަކުގައި ގުޅުމެއް ވެދާނެ. ޕްރީ ސީޒަނުގައި އަސްލު ފިޒިކަލީ ކުޅުންތެރިން އެންމެ ރަނގަޅަށް ވަކި ސިސްޓަމަކަށް ހާނުވަން ޖެހޭނީ. އަހަރެންގެ ކުރިން ހުރި ކޯޗު ކުޅުވާ ސިސްޓަމާ ތަފާތު ގޮތަކަށް ކުއްލިއަކަށް ކުޅުންތެރިން ކުޅެން ޖެހުމުން އަނިޔާގެ ކަންތައްތައް އަންނާނެ. އަހަރެން ކުޅުވާ ސްޓައިލަކީ އެޓޭކިން އަދި ފިޒިކަލީ ޑިމާންޑިން ފުޓްބޯޅައެއް،" ސޯލްޝެއާ ބުންޏެވެ.

އަނިޔާގެ ސަބަބުން ޓީމުގެ މުހިއްމު ކުޅުންތެރިން ކުޅުމާ ދުރުހުރިއިރު، މިއީ ފޯމު ގެއްލިފައި ތިބި ކުޅުންތެރިންނަށް ލިބިފައިވާ ރަނުގެ ފުރުސަތެއްގެ ގޮތުގައި ސޯލްޝެއާ ވަނީ ސިފަކޮށްފަ އެވެ. ފޯމު ގެއްލިފައި ތިބި ކުޅުންތެރިން ކަމަށް ސޯލްޝެއާ އިޝާރާތްކުރީ އަލެކްސިސް ސަންޗޭޒާއި ރޮމެލޫ ލުކާކޫ އެވެ. މީގެ ތެރެއިން ލުކާކޫ އަށް އެންމެ ފަހުން ކުޅުނު 10 މެޗުގައި ވެސް ލަނޑެއް ކާމިޔާބު ނުކުރެވެ އެވެ.

"ލުކާކޫ އަށް މި ސީޒަނުގައި ކުރިން ކުޅުނު ލެވެލްގައި ނުކުޅެވެނީ މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ފަހު އޭނާގެ ރިކަވަރީ ދިޔައީ އެންމެ ރަނގަޅަށް ކަމަށް ނުވާތީ. ތަފާތު ފުޓްބޯޅައެއް ކުޅެފައި މެންޓަލީ އެންމެ ފުރިހަމަ އަށް ތައްޔާރުވެގެން ކްލަބް ލެވެލަށް އަލުން އަންނަން ޖެހޭނީ. ބޭނުންވާނެ ރަނގަޅު ރިކަވަރީއެއް." ކުރިން ޔުނައިޓެޑަށް ގިނަ ގޯލުތަކެއް ޖަހައިދިން ސޯލްޝެއާ ބުންޏެވެ.

ޔުނައިޓެޑާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.