28 ފެބުރުއަރީ 2019 - 07:27

މިދިޔަ އަހަރު ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ހޮރޯ ކޮމެޑީ "އިސްތިރީ" އަށް ފަހު، ޕްރޮޑިއުސަރު ދިނޭޝް ވިޖަން، އެކްޓަރު ރާޖްކުމާރު ރާއޯއާ އެކު ހަދާ ދެވަނަ ހޮރޯ ކޮމެޑީގެ ނަމަކަށް "ރޫހް-އަފްޒާ" ހަމަޖައްސައި، މެއި މަހު ޝޫޓިން ފަށަން ނިންމައިފި އެވެ.

"އިސްތިރީ" ފަދައިން "ރޫހް-އަފްޒާ" ވެެސް ވެގެން ދާނީ އިންޑިއާގެ ރަށްފުށުގެ މީހުން ގަބޫލުކުރާ ބިރުވެރި ކަންތައްތަކަކަށް ބިނާކޮށް ހަދާ ފިލްމަކަށެވެ. އެގޮތުން މި ފަހަރުގެ ފިލްމުގައި ކިޔައިދޭނީ ކައިވެނީގެ ފުރަތަމަ ރޭ ފިރިން "ޖިންނި އަވަލާތީ" އެކަމުން ރައްކާތެރިވާން އަނބިން ފިރިން ނުނިންދައިވައި ތިބުމުން ދިމާވާ ކަންތައްތަކެވެ.
ކޮމެޑީ ފްރެންޗައިޒް "ފުކްރޭ" ގެ ޑައިރެކްޓަރު މިރްދީޕް ސިންގް ލާމްބާ ޑައިރެކްޓް ކުރާ "ރޫހް-އަފްޒާ" ގެ ކާސްޓުންގެ ތެރޭގައި "ފުކްރޭ" ގެ އެކްޓަރު ވަރުން ޝަރުމާ ވެސް ހިމެނެ އެވެ.
ބޮކްސް އޮފީހުގައި 100 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި "އިސްތިރީ" އަށް ފަހު، ރާޖްއާ އެކު، އިތުރު ހޮރޯ ކޮމެޑީއެއް ގެނެސް ދޭން ނިންމިކަން ވިޖަންގެ މެޑޮކްސް ފިލްމްސް އިން އިއުލާން ކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
"ރޫހް-އަފްޒާ" އަންނަ އަހަރުގެ ޖެނުއަރީ މަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ އިރު، ދިނޭޝް ޕްރޮޑިއުސްކޮށްފައިވާ އިތުރު ފިލްމަކުން ރާޖް މި އަހަރު ފެނިގެން ދާނެ އެވެ. އެއީ އޮގަސްޓް 30 ގައި ރިލީޒް ކުރާ "މޭޑް އިން ޗައިނާ" އެވެ.
ރާޖްގެ އެންމެ ފަހުގެ ފިލްމަކީ ފެބްރުއަރީ 1 ގައި ރިލީޒް ކުރި "އޭކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ" އެވެ. އޭނާ ދެން އެންމެ އަވަހަށް ސްކްރީނުން ފެންނާނީ ކަންގަނާ ރަނާވަތާ އެކު ކުޅެފައިވާ "މެންޓަލް ހޭ ކިޔާ" އިން މާޗް މަހުގެ 29 ގަ އެވެ.