ޝާހްރުކް ހާން ނެޓްފްލިކްސްއާ ގުޅިގެން ފިލްމެއް ހަދަނީ
ޝާހްރުކް ހާން ނެޓްފްލިކްސްއާ ގުޅިގެން ފިލްމެއް ހަދަނީ

މަޝްހޫރު ސްޓްރީމިން ކުންފުނި ނެޓްފްލިކްސްއާ ގުޅިގެން މިހާރު ވެސް "ދަ ބާޑް އޮފް ބްލަޑް" ގެ ނަމުގައި ވެބް ސީރީޒެއް ޕްރޮޑިއުސް ކުރަމުން އަންނަ ޝާހްރުކް ހާން، ނެޓްފްލިކްސްއާ އެކު ފިލްމެއް ހަދަން ވެސް ނިންމައިފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ ޝާހްރުކްގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓައިންމަންޓާއި ނެޓްފްލިކްސް ގުޅިގެން ހަދަން ނިންމާފައިވާ ފިލްމަކީ އިންޑިއާގެ މުމްބާއީ އަންޑަވޯލްޑް ގޭންގްތަކުގެ ވަކިތަކުގެ ދަށުގައި އެންމެ ބޮޑަށް އޮތް އެއް ދުވަސްވަރު ކަމަށްވާ 1938 ވަނަ އަހަރުގެ ތެރޭގައި ގޭންގަތަކާ ދެކޮޅަށް ފުލުހުން ކުރާ މަސައްކަތް ދައްކުވައިދޭ ހާދިސާތަކަށް ބިނާކޮށް ހަދާ ފިލްމެކެވެ.

މީގެ ޑައިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ އަތުލް ސަބަރްވާލް އެވެ. ނަމަވެސް މި ފިލްމުގެ ނަމާއި ކާސްޓާއި ފިލްމުގެ ޝޫޓިން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

ނެޓްފްލިކްސްއާ ގުޅިގެން ޝާހްރުކް ޕްރޮޑިއުސްކުރާ ވެބް ސީރީޒް "ބާޑް އޮފް ބްލަޑް" ގެ ފަހު ޝޫޓިން ޝެޑިއުލް ރާޖަސްތާނުގައި ކުރިއަށްދާ އިރު، މީގެ ބަތަލަކީ އިމްރާން ހާޝިމީ އެވެ.

ޝާހްރުކްގެ އެންމެ ފަހުގެ ފިލްމަކީ ޑިސެމްބަރު މަހު ރިލީޒްކޮށް، ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު "ޒީރޯ" އެވެ.

އެ ފިލްމަށް ފަހު އޭނާ ދެން ކުޅޭނެ ފިލްމެއް އަދި އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ. އެކަމަކު އަންނަ މަހުގެ 8 ގައި ރިލީޒް ކުރާ އަމީތާބް ބައްޗަންގެ "ބަދުލާ" އާއި އަންނަ މަހުގެ 29 ގައި ރިލީޒް ކުރާ ކަންގަނާ ރަނާވަތާއި ރާޖްކުމާރު ރާއޯގެ "މެންޓަލް ހޭ ކިޔާ" ގެ ހާއްސަ ފެނިލުމަކުން ޝާހްރުކް ފެންނާނެ ކަމަށް ބެލެވެ އެވެ.