26 ފެބުރުއަރީ 2019 - 19:29

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުރީގެ މެމްބަރު މުހަންމަދު ޝަކީލް މިރޭ ހަމަޖައްސައިފި އެވެ.
ޕީޕީއެމުން ބުނީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް ޝަކީލް އައްޔަން ކުރީ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ކަމަށެވެ. ޝަކީލު ވަނީ ކުރީގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ފުރުއްވައިފަ އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވަނީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޝަކީލް އައްޔަން ކުރެއްވި ކަން ހާމަކުރައްވައި އޭނާ އަށް މަރުހަބާ ވެސް ދަންނަވައިފަ އެވެ.
ޝަކީލް، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަން ކުރި އިރު، އެ މަގާމުން މީގެ ކުރިން އަދާކުރެއްވީ އެންވަޔަރުމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އަބްދުލް މަތީނެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވިތާ މަހެއްހާ ދުވަހުގެ ތެރޭގައި ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ޝަކީލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ސަރުކާރު ދިފާއު ކުރެއްވުމުގައި ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ހާއްސަކޮށް، އިދިކޮޅު ފަރާތްތަކުން ފަހަކަށް އައިސް ބާއްވަމުން އަންނަ މުޒާހަރާތައް ލީޑް ކުރައްވާ އެއް ބޭފުޅަކީ ވެސް ޝަކީލެވެ.