"ގޭމް އޮފް ތުރޯންސް" އޯރިއޯ ކުކީ ހަދަނީ
"ގޭމް އޮފް ތުރޯންސް" އޯރިއޯ ކުކީ ހަދަނީ

އެޗްބީއޯގެ މަޝްހޫރު ޓީވީ ސިލްސިލާ "ގޭމް އޮފް ތުރޯންސް" ގެ ފަހު ސީޒަނުގެ އިންތިޒާރުގައި ތިބި ފޭނުންނަށް މިއީ އުފާވެރި ޚަބަރަކަށް ވެދާނެ އެވެ. މަޝްހޫރު އޯރިއޯ ކުންފުނިން ތައްޔާރުވަމުން އަންނަނީ ސިލްސިލާ ޕްރިމިއާކުރަން ފެށުމުގެ ކުރިން "ގޭމް އޮފް ތުރޯންސް" ގެ ތީމަށް ތައްޔާރުކޮށްފައިވާ އޯރިއޯ ކުކީޒް ބާޒާރަށް ނެރޭށެވެ.

މީގެ އިޝްތިހާރެއް އޯރިއޯ އިން ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. އެގޮތުން ކުކީގެ ޕެކް ތައްޔާރުކޮށްފައި ވަނީ "ގޭމް އޮފް ތުރޯންސް" ގެ ޓައިޓްލް އިންނަ ފޮންޓުންނެވެ. އަދި ޕެކްގެ ކަވަރުގައި ކުކީ އެއް ޖަހާފައިވާ އިރު، އެ ވެސް ފަރުމާކޮށްފައި ހުރީ ވަރަށް ކަވި ކެނޑުންތަކާ އެކީގަ އެވެ. މި ފާޑުގެ ކެނޑުންތައް "ގޭމް އޮފް ތުރޯންސް" ގެ ތަހުތުން ފެނިފައި ވާނެ އެވެ.

އޯރިއޯ އިން "ގޭމް އޮފް ތްރޯންސް" ތީމް ކުކީއެއް ނެރޭކަން ހާމަކޮށްލުން ފިޔަވައި، މި އުފެއްދުމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ. އެހެންވެ މީގެ ރަހަ ވެސް އަދި އޮތީ ސިއްރެއްގެ ގޮތުގަ އެވެ.

އަނެއްކޮޅުން ރިޕޯޓްތައް ބުނަނީ އޯރިއޯ އިން "ގޭމް އޮފް ތުރޯންސް" ކުކީ ނެރޭނީ ވަރަށް ލިމިޓެޑްކޮށް ކަމަށެވެ. އެހެންވެ ފޭނުން ވެސް މިހާރު ވެސް ތިބޭނީ މި ކުކީ ނެރޭނެ އިރަކަށް ފާރަލައިގެންނެވެ.

ޔަގީނުން ވެސް ސިލްސިލާ ޕްރިމިއާކުރާ ތާރީހު ކަމަށްވާ އެޕްރީލް 14 ގެ ކުރިން "ގޭމް އޮތް ތުރޯންސް" ކުކީ ކާލަން ލިބޭނެ އެވެ.

މި ސިލްސިލާގެ 8 ވަނަ ސީޒަން މި ފަހަރު ނިންމައިލާނީ މެއި، 19 އާ ހަމައަށް ދައްކާ ހަ އެޕިސޯޑާ އެކީގަ އެވެ.