ޕްރޭނާގެ ދަރިފުޅު ޕަލަކް ވެސް ސިލްސިލާއަކަށް
ޕްރޭނާގެ ދަރިފުޅު ޕަލަކް ވެސް ސިލްސިލާއަކަށް

ކުރީގެ މަޝްހޫރު ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ގައި ޕްރޭނާގެ ރޯލް ކުޅުނު ޝްވޭތާ ތިވާރީގެ ދަރިފުޅު ޕަލަކް ތިވާރީ ބަތަލާއެއްގެ ގޮތުގައި ނުކުންނަން އުޅޭ ވާހަކަ ދެކެވޭތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ. ކުރިން އަޑު އަރާފައިވާ ގޮތުން މަންމަ ގޮތަށް ޓީވީ ބަތަލާއަކަށް ވުރެ ބޮޑަށް ޕަލަކް ޝައުގުވެރިކަން ހުރީ ބޮލީވުޑްގެ ބަތަލާއަކަށްވާށެވެ.

އެގޮތުން "ތާރޭ ޒަމީން ޕަރު" ކުޅުނު އެކްޓަރު ދަރްޝީލް ސަފަރީއާ އެކު ޕަލަކް ފިލްމަކަށް ސޮއި ކުރި ވާހަކަތަކެއް ވެސް މީގެ ކުރިން ފެތުރެނެވެ. އެކަމަކު އެ ފިލްމަށްވީ ގޮތެއް ނޭނގެ އެވެ.

އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުން ޕަލަކް ބަތަލާއެއްގެ ގޮތުގައި ފެންނާނީ ސިލްސިލާއަކުންނެވެ. އެއީ ސްޓާ ޕްލަސް އިން ގެނެސްދޭ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިން ކުރިފަޅުވައިގެން ހަދާ ސިލްސިލާ "ޔޭ ރިޝްތޭ ހޭ ޕިޔާރް ކޭ" އެވެ.

އެ ސިލްސިލާގެ ޕްރޮމޯ ވެސް އެ ޗެނެލުން މިހާރު ދައްކަމުން އަންނަ އިރު، ޕިންކްވިލާ އިން ބުނި ގޮތުގައި ޕަލަކް، 19، އޭގެ މުހިއްމު ރޯލަކުން ފެނިގެން ދާނެ އެވެ. "ޔޭ ރިޝްތޭ ހޭ ޕިޔާރް ކޭ" ގެ ބަތަލަކީ ޓީވީގެ ކާމިޔާބު ބަތަލުންގެ ތެރޭގައި ހިމެނޭ ޝަހީރު ޝެއިހެވެ.

މި ސިލްސިލާގެ ޝޫޓިން މިހާރު އަންނަނީ ގުޖުރާތުގެ ބޫޖްގައި ނަގަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން ސިލްސިލާ އަންނަ މަހުގެ ތެރޭގައި ސްޓާ ޕްލަސް އިން ދައްކަން ފަށާނެ އެވެ. މީގެ މައިގަނޑު ވާހަކައަކީ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިން ކުރިން ކުޑަކުއްޖެއްގެ ގޮތުގައި ފެނިގެން ދިޔަ މިޝްޓީގެ ކެރެކްޓާ އެވެ.

"ޔޭ ރިޝްތޭ ހޭ ޕިޔާރް ކޭ" ޕްރޮމޯ ވެސް ދައްކަނީ މިޝްޓީއާ އެކީގަ އެވެ. އެކަމަކު މި ފަހަރު މިސްޓީއަކީ ޒުވާނެކެވެ. އޭނާގެ ރޯލް ކުޅެނީ ކުރިން "ތޫ ސޫރަޖް، މޭ ސާންޖް ޕިޔާޖީ" އާއި "ކަހާނީ ހަމާރީ: ދިލް ދޯސްތީ ދީވާނާޕަންކީ ކީ" ގެ ބަތަލާ ރިއާ ޝަރުމާ އެވެ.

މި ސިލްސިލާ އަށް ބެލުންތެރިން ޔަގީނުން ވެސް ދެން އިންތިޒާރު ކުރާނެ އެއް ސަބަބަކީ ޕަލަކް ފެންނާނެ ކަމުގެ އުންމީދު އޮތުމެވެ. އަދި ޝްވޭތާ ފަދައިން ޕަލަކް ކިބައިގައި އެކްޓް ކުރުމުގެ ހުނަރު ހުރީ ކިހާ ވަރަކަށްތޯ ބެލުންތެރިން ވަޒަން ކުރާނެ އެވެ.