28 ފެބުރުއަރީ 2019 - 07:25

ހިންދީ ފިލްމުތަކަށް މިހާރު ބޮޑު ތަރުހީބެއް ލިބެމުން އަންނަ ޗައިނާގައި ކުރީގެ ބަތަލާ ސްރީދޭވީގެ އެންމެ ފަހުގެ ފިލްމު "މޯމް" ދައްކާ ގޮތަށް ހަމަޖައްސައިފި އެވެ.
އެ ފިލްމު ޑިސްޓްރިބިއުޓް ކުރި ޒީ ސްޓޫޑިއޯސް އިން ބުނި ގޮތުގައި ޗައިނާގައި ފިލްމު ދައްކަން ފަށާނީ އަންނަ މަހުގެ 22 ވަނަ ދުވަހުން ފެށިގެންނެވެ. ޗައިނާގައި "މޯމް" ޕްރޮމޯޓް ކުރުމަށް މިހާރު ވަނީ ޗައިނާ ބަހުން ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް ވެސް ދައްކާލައިފަ އެވެ.
ދެހާސް ސަތާރަ ވަނަ އަހަރުގެ ޖުލައި 7 ގައި ރިލީޒް ކުރި ކްރައިމް ތުރިލާ "މޯމް" އަކީ ރަވީ އުދިއަވަރު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމު ކުޅެގެން ސްރީދޭވީ އަށް ވަނީ މިދިޔަ އަހަރުގެ ނެޝަނަލް އެވޯޑްސް އާއި އައިފާ އެވޯޑްސްގެ އެންމެ މޮޅު ބަތަލާގެ މަގާމު ވެސް ލިބިފަ އެވެ. އެކަމަކު އެ އެވޯޑްތައް ލިބުނު އިރު، ސްރީދޭވީ ވަނީ މަރުވެފަ އެވެ.
އޭނާ މަރުވީ ފެބްރުއަރީ، 24، 2018 ގައި ވަރަށް ކުއްލި ގޮތަކަށް ދުބާއީގަ އެވެ. އާއިލާ މީހެއްގެ ކައިވެނީގެ ހަފުލާއަކަށް ދުބާއީ އަށް ގޮސް އުޅެނިކޮށް، 54 އަހަރުގެ ބަތަލާ މަރުވެފައި އޮއްވައި ފެނުނީ އޭނާ ހުރި ކޮޓަރީގެ ފާހާނާގެ ބިލިގާ ތެރެއިންނެވެ. އޮޓޮޕްސީ ރިޕޯޓް ބުނާ ގޮތުން ސްރީދޭވީ މަރުވީ މަސްތުވެގެން ބިލިގާ ތެރޭގައި އޮއްވައި ގެނބިގެންނެވެ.
އޮސްކާ ހާސިލުކޮށްފައިވާ ކުޅަދާނަ މިއުޒިކް ޑައިރެކްޓަރު އޭއާރް ރަހުމާން މިއުޒިކް ތައްޔާރުކޮށް ދިން "މޯމް" ގައި ސްރީދޭވީއާ އެކު މުހިއްމު ރޯލްތައް ކުޅުނީ ނަވާޒުއްދީން ސިއްދީގީ، އަކްޝަޔޭ ކަންނާ، އަދި ޕާކިސްތާނުގެ ދެ ތަރިން ކަމަށްވާ އަދުނާން ސިއްދީގީ އާއި ސަޖަލް އަލީ އެވެ.
ކްރިޓިކުންނާއި ބެލުންތެރިންގެ ލޯބި ވެސް ވަރަށް ބޮޑަށް ހޯދި "މޯމް" ޗައިނާގައި ދައްކަން ނިންމި އިރު، ފިލްމު ރިލީޒް ކުރި އަހަރު ވަނީ ސްރީވޭދީ ވެސް ބައިވެރިވެ ރަޝިއާގައި ފިލްމު ޕްރިމިއާކޮށްފަ އެވެ.
އޭނާ ލީޑް ރޯލް ކުޅުނު ފަހު ފިލްމަކީ "މޯމް" ކަމަށް ވިޔަސް މިދިޔަ ޑިސެމްބަރު މަހު ރިލީޒް ކުރި ޝާހްރުކް ހާންގެ "ޒީރޯ" ގެ ހާއްސަ ފެނިލަކުން ސްރީދޭވީ ފެނިފައިވެ އެވެ.