26 ފެބުރުއަރީ 2019 - 16:33

ރާޖަސްތާން (ފެބްރުއަރީ 26) - އިންޑިއާ އަށް އަބަދުވެސް ރައްކާތެރިކަން ހޯދައިދޭނެކަމުގެ ޔަގީންކަން ދޭ ކަމަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
ކަޝްމީރުގައި ހަމަލާ ދިން ޖައިޝީ މުހައްމަދު ޖަމާއަތުގެ މައި ކޭމްޕަށް ދިން ހަމަލާ އަށް ފަހު ރާޖާސްތާނުގައި ވާހަކަ ދައްކަވަމުން މޯދީ ވިދާޅުވީ މި "ގައުމު މަރުވާން" ދޫކޮށް ނުލާނެ ކަމަށެވެ.
"ގައުމު ހުއްޓުމަކަށް ނުގެނެވޭނެ. މި ގައުމަށް އެއްވެސް ގެއްލުމެއް ނުދެވޭނެ. މިއީ އިންޑިއާ އަށް އަޅުގަނޑުވާ ވައުދެއް. އިންޑިއާ ސިފައިންނަށް އަޅުގަނޑު ސެލިއުޓް ކުރަން. އަދި އިންޑިއާގެ ހުރިހާ ރައްޔިތުންނަށް ވެސް ސެލިއުޓް ކުރަން،" ރާޖަސްތާނުގައި ބޭއްވި އެއްވުމުގައި މޯދީ ވިދާޅުވި އެވެ.
ޖައިޝީ މުހައްމަދުގެ މައި ކޭމްޕަށް އިންޑިއާގެ ވައިގެ ސިފައިން ދިން ހަމަލާތަކުގައި 300 ހަނގުރާމަވެރިން މަރާލި ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ. ބަލަކޮޓް ކޭމްޕަށް ހަމަލާ ދިނުމުގައި މިރާޖް 2000 މަރުކާގެ 12 ބޯޓު ބައިވެރިވި ކަމަށާ އަދި 1،000 ކިލޯގެ ބޮން އެޅި ކަމަށް ވެސް ބުނެފައިވެ އެވެ.
މޯދީ ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތް ކުރަން ދެމި ހުންނެވުމުގެ ސިއްރަކީ ރައްޔިތުންގެ ފަރާތުން ލިބޭ ތާއީދު ކަމަށެވެ.
"މިއީ ވަކި ފަރުދަކަށް ވުރެ ޖަމާއަތެއްގެ މުހިންމުކަން ބޮޑުކަން ގަބޫލް ކުރާ ސަރުކާރެއް. އަދި މިއީ ވަކި ޖަމާއަތަކަށް ވުރެ ގައުމު ބޮޑު ކަމަށް ގަބޫލް ކުރާ ސަރުކާރެއް،" މޯދީ ވިދާޅުވި އެވެ.
އިންޑިއާގެ ވައިގެ ސިފައިން ދިން ހަމަލާތަކުގެ ތަފްސީލް ކެބިނެޓުގެ ސެކިއުރިޓީ ކޮމިޓީން މޯދީ އަށް ވަނީ ހިއްސާކޮށްފަ އެވެ.
ޖައިޝީ މުހައްމަދު ޖަމާއަތުން މި މަހު 14 ވަނަ ދުވަހު ކަޝްމީރުގައި ދިން ހަމަލާގައި ވަނީ އިންޑިއާގެ ޕެރަމިލިޓަރީ ސިފައިންގެ 42 މީހުން މަރާލައިފަ އެވެ.