26 ފެބުރުއަރީ 2019 - 14:53

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އެމްޑީޕީން މިއަދު ވަކިވެވަޑައިގެންފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ ފުރަތަމަ ދައުރުގެ މެމްބަރުކަން ވެސް ކުރެއްވި ރުކުމާ އެމްޑީޕީން ވަކިވެވަޑައިގެންނެވިއިރު، އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެ ޕާޓީން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީން އޭނާ ވަނީ ބަލިވެފަ އެވެ. ހެންވޭރު ދެކުނު ދާއިރާގެ ޕްރައިމަރީގައި ރުކުމާ ބަލިކޮށް އެމްޑީޕީގެ ޓިކެޓު ކަށަވަރު ކުރެއްވީ ވިޔަފާރިވެރިޔާ ހުސައިން ޝަމީމް (އަނދުން ހުސައިން) އެވެ.
ރުކުމާ މިއަދު "މިހާރު" އަށް ވިދާޅުވީ، އާންމު އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު ދޭނެ މީހުން ކަނޑައަޅަން ބޭއްވި ޕްރައިމަރީން ބަލިވި މީހުންނަށް ވެސް އެ އިންތިޚާބަށް ނުކުތުމަށް ފަހިވާ ގޮތަށް ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމާ ގުޅިގެން، އިންތިޚާބަށް ނުކުމެވަޑައިގަތުމުގެ ވިސްނުން އެބަހުރި ކަމަށެވެ.
އޭނާ ވިދާޅުވީ، އެމްޑީޕީން ވަކިވެވަޑައިގަތީ އެ ޕާޓީގައި އިޚުލާސްތެރިންނާއި އަދާވާތްތެރިން ވަކިނުވާ ދަރަޖަ އަށް ކަންތައް ދިއުމުން ކަމަށެވެ. ޚާއްސަކޮށް އެމްޑީޕީ އުފައްދަން މަސައްކަތް ކުރި މީހުންގެ އިޚުލާސްތެރިކަން އެ ޕާޓީގެ ބައެއް ވެރިން މިހާރު ބަލައިނުގަންނަ ކަމަށް ވިދާޅުވި އެވެ.
ރުކުމާ ވިދާޅުވި ގޮތުގައި މިދިޔަ މަހު ބޭއްވި ޕްރައިމަރީގެ ކެމްޕެއިންގައި މި ސަރުކާރުގެ ބައެއް ވަޒީރުންނާއި ދައުލަތުގެ ކުންފުނިތަކުގެ ބައެއް ވަޒީރުން ވަނީ ފާޅުގައި އޭނާއާ ދެކޮޅަށް މަސައްކަތް ކުރައްވައިފަ އެވެ.
"އަޅުގަނޑުގެ ފޯން ނަމްބަރުގެ ޑޮމެއިން ނަގައިގެން އެކި މީހުންނަށް މެސެޖު ކޮށްގެގެން ޕްރައިމަރީން ކާމިޔާބުކުރުން ރަނގަޅެއް ނޫން. އަޅުގަނޑާ ދެކޮޅަށް ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން އެކި މީސްމީހުންނާ ބައްދަލުކޮށް މަސައްކަތް ކުރީމާ އެއީ ރީތި ކަމެއް ނޫން. ޕާޓީގެ އަސާސީ ގަވައިދުގެ ވަކި މާއްދާއަކަށް އަމަލު ކޮށްފައި ދެން އޮންނަ މާއްދާ އަށް އަމަލު ނުކުރުމަކީ ރަނގަޅު ކަމެއް ވެސް ނޫން،" އެމްޑީޕީގެ އެތެރޭގައި ހިންގާ ނޭދެވޭ ބައެއް ކަންކަމާ ގުޅޭ ގޮތުން ރުކުމާ ވިދާޅުވި އެވެ.
އެމްޑީޕީ އުފެއްދީއްސުރެ އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ރުކުމާ ވިދާޅުވި ގޮތުގައި، ޕްރައިމަރީން ފެނިވަޑައިގަތީ އެމްޑީޕީގެ އަސާސީ ގަވައިދާއި ޕާޓީގެ ރޫހާ ޚިލާފު އަމަލުތަކެކެވެ. އެގޮތުން ޕާޓީގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ އެތައް ނުފޫޒެއް ޕްރައިމަރީގެ ތެރެއިން ފެނިވަޑައިގަތް ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ މިހާރުގެ މެމްބަރުންގެ ތެރެއިން އެމްޑީޕީގެ ޕްރައިމަރީން ބަލިވީ، ރުކުމާގެ އިތުރުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ (ބްރިގޭޑިއާ) އަދި ހިތަދޫ ދެކުނު ދާއިރާގެ އަލީ ނިޒާރެވެ.
ޕްރައިމަރީތަކުން ބަލިވާ މީހުން އިންތިޚާބުތަކަށް ވާދަކުރުމުގެ ފުރުސަތު ނުގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމާ އެކު، މީގެ ތެރެއިން ބައެއް ބޭފުޅުން މި ފަހަރުގެ އާންމު އިންތިޚާބަށް ނުކުމެވަޑައިގަންނަވާނެ ކަމަށް މިހާރު ވަނީ ޔަގީން ކުރެވިފަ އެވެ. އޭގެ ތެރޭގައި މިވަގުތު ހިމެނެނީ، ރުކުމާ އާއި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރެވެ.
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެފައި ވަނީ، ސުޕްރީމް ކޯޓުގެ ހުކުމް އައި ނަމަވެސް ޕްރައިމަރީން ބަލިވި މީހުން އިންތިޚާބަށް ނުކުމެވައިނުގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.