26 ފެބުރުއަރީ 2019 - 18:05

ފެނުގައި ދަނޑުވެރިކަން ކުރުމުގެ ނިޒާމް ގާއިމްކޮށް، އެކަން ކުރަން ތަމްރީނުކުރަން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ އިން ނިންމައިފި އެވެ.
ފެނުގައި ދަނޑުވެރިކަން ކުރާ "ހައިޑްރޮޕޯނިކްސް" ނިޒާމުގައި ބޭނުންކުރާނީ ގަހަށް ބޭނުންވާ ކާނާ އެކުލެވޭ ނިއުޓްރިއެންޓް ތަކެކެވެ. މި ގޮތަށް ދަނޑުވެރިކަން ކުރާނީ ކޮންޓްރޯލް ކުރެވިފައިވާ ވެށިތަކެއްގައި ވެލި ބޭނުން ނުކޮށެވެ. މިއީ މޫސުމަށް އަންނަ ބަދަލުތަކާއި އެކު ދަނޑުތަކަށް ލިބެމުން އަންނަ ގެއްލުންތަކަށް ހައްލެއް ލިބޭނެ ނިޒާމެއް ކަމަށް މިިނިސްޓްރީން ބުނެ އެވެ.
މި ޕްރޮގްރާމުގައި ޒުވާނުން ބައިވެރިވާނެ ކަމަށް މިނިސްޓްރީން އުންމީދު ކުރެއެވެ.
މި ނިޒާމު ގާއިމްކުރާނީ މިކަމަށް އެދި ހުށަހަޅާ ރަށްތަކުގެ ތެރެއިން މިނިސްޓްރީން ހޮވާ އެއް ރަށެއްގެ 10 ބިމެއްގަ އެވެ. އެ މިނިސްޓްރީން ބުނީ މި ނިޒާމް ގާއިމްކުރާ ރަށެއް ހޮވާ އިރު ދަނޑުބިން ނިސްބަތުން މަދު ރަށްރަށަށް އިސްކަން ދޭނެ ކަމަށެވެ. އަދި އެތަނުގައި އުފައްދާ ތަކެތި އެކަށީގެންވާ އަގެއްގައި ވިއްކޭނެ ގެސްޓްހައުސް ހުރި ރަށްތަކަށް ވެސް އިސްކަން ދޭނެ ކަމަށް އެތަނުން ބުނެފައި ވެ އެވެ.
މިކަމަށް އެދި ހުށަހެޅުމަށް ރަށު ކައުންސިލްތަކަށް ހުޅުވާލާފައި ވަނީ އަންނަ މާޗު މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ.
އެ މިނިސްޓްރީން ވަނީ މިކަމާ ގުޅޭ މައުލޫމާތާއި ތަމްރީން ޕްރޮގްރާމު ހިންގަން ވެސް ނިންމާފަ އެވެ. މި ޕްރޮގްރާމުތަކުގައި ހައިޑްރޮޕޯނިކްސް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރަން ބޭނުންވާ ސެޓުތައް 10 މީހަކަށް ހަވާލުކޮށް، އެތަކެތި ބަލަހައްޓަން ދަސްކޮށްދޭނެ އެވެ. މި އާލާތައްތައް ބޭނުންކޮށްގެން ކުޑަވަގުތުކޮޅެއްގައި މަސައްކަތްކޮށްގެން ކިއުކަމްބާ، ލެޓިއުސް އަދި މެލަންގެ ތަފާތު ބާވަތްތައް ހެދޭނެ އެވެ.