26 ފެބުރުއަރީ 2019 - 14:06

އިންގެލެންޑަށް 2002 އާއި 2006 ގެ ވޯލްޑް ކަޕުގައި ކޯޗުކޮށްދިން ސްވެން-ގޯރާން އެރިކްސަން، ހުސްވެފައިވާ އިންޑިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ޓައިމްސް އޮފް އިންޑިއާ އިން ރިޕޯޓްކޮށްފި އެވެ.
އެ ނޫހުން ބުނެފައިވާ ގޮތުގައި އެރިކްސަން ވަނީ އޭނާގެ އޭޖެންޓް މެދުވެރިކޮށް އޭނާގެ ޝައުގުވެރިކަން އޯލް-އިންޑިއާ ފުޓްބޯލް ފެޑެރޭޝަނާ ހިއްސާކޮށްފަ އެވެ. ވަރަށް ގިނަ ކޯޗުންގެ ސީވީތައް ފެޑެރޭޝަނަށް ލިބިފައިވީ ނަމަވެސް ކޯޗެއް ނެގުމުގައި އަވަސްއަރުވާލަން ބޭނުންނުވާ ކަމަށާއި ފައިނަލް ނިންމުން ނިންމާނީ އޭޕްރިލް މަހުގެ މެދުތެރޭގައި ކަމަށް ވެސް އެ ނޫހަށް މައުލޫމާތުދީފައިވެ އެވެ. ބެލެވެނީ މަގާމް ދޭނީ އެރިކްސަން އަށް ކަމަށެވެ.
އިންޑިއާގެ ކޯޗުކަން ހުސްވީ ނިމިގެން ދިޔަ އޭޝިއަން ކަޕަށް ފަހު އިންގްލެންޑުގެ ސްޓެފަން ކޮންސްޓެންޓިން މަގާމުން ވަކިވުމުންނެވެ. އެ މުބާރާތުގެ ފުރަތަމަ މެޗުން ތައިލެންޑް އަތުން 4-1 އިން މޮޅުވި ނަމަވެސް އިންޑިއާ ކެޓީ ފަހު މެޗުގައި ބަހުރޭން އަތުން ފަހު ވަގުތު 1-0 އިން ބަލިވެ ގްރޫޕުގެ ފުލަށް ދިއުމުންނެވެ. މެޗު އެއްވަރުވި ނަމަވެސް އިންޑިއާ އަށް ދެ ވަނަ ބުރަށް ދެވޭނެ އެވެ.
އިންޑިއާ އަށް 2002-2005 އަށް ވެސް ކޯޗުކޮށްދިން ކޮންސްޓެންޓިންއާ މެދު ބައެއް މީހުން ހިތްހަމަނުޖެހުނަސް އޭނާ ވަނީ އިންޑިއާގެ ފުޓްބޯޅަ އަށް ބޮޑެތި ކުރިއެރުން ހޯދައިދީފަ އެވެ. އެގޮތުން އެ ޓީމަށް ސަރަހައްދުގެ ޗެމްޕިއަންކަން ހޯދައިދިނުމަށް ފަހު، އެ މުބާރާތް ދެން ފޮނުވަން ނިންމީ ޒުވާން ޓީމުތަކެކެވެ. އޭގެ ސަބަބުން ޒުވާން ކުޅުންތެރިންނަށް ތަޖުރިބާ ލިބި ކުރިއެރުން ވަނީ ހޯދައިފަ އެވެ.
އެރިކްސަން ފަދަ ދުނިޔޭގެ މަޝްހޫރު ކޯޗުންގެ ޝައުގުވެރިކަން އިންޑިއާ ފުޓްބޯޅަ އަށް ލިބިފައިވަނީ އެފަދަ ސަބަބުތަކާ ހެދި އެވެ. އިންޑިއަން ސުޕަ ލީގު އުފައްދައި މަޝްހޫރު ކުޅުންތެރިން ގުޅި އިންޑިއާގެ ޒުވާނުންގެ މެދުގައި ފުޓްބޯޅައިގެ ޝައުގުވެރިކަން އަންނަނީ ބޮޑުވަމުންނެވެ.
އިންގްލެންޑް ގައުމީ ޓީމަށް 2001 އިން 2006 އަށް ކޯޗުކޮށްދިން އެރިކްސަން އެންމެ ފަހުން މަސައްކަތްކުރީ ފިލިޕީންސް ގައުމީ ޓީމުގަ އެވެ. އޭނާ ވަނީ އެ ގައުމު ފުރަތަމަ ފަހަރަށް އޭޝިއަން ކަޕަށް ކޮލިފައިކޮށްދީފަ އެވެ. އެރިކްސަން ވަނީ 1977 ވަނަ އަހަރު ފެށި ކެރިއަރުގައި މެކްސިކޯ އާއި އައިވަރީ ކޯސްޓުގެ އިތުރުން ބެންފީކާ، ރޯމާ، ފިއޮރެންޓީނާ އަދި ސަމްޕްޑޯރިއާ އަށް ކޯޗުކޮށްދީފަ އެވެ. އެންމެ ކާމިޔާބު ދުވަސްތަކެއް ހޭދަކުރީ ލާޒިއޯގަ އެވެ. އެ ޓީމާ އެކު 2000 ވަނަ އަހަރު އިޓާލިއަން ލީގު އަދި 1998 އާއި 2000 ވަނަ އަހަރު އިޓާލިއަން ކަޕް ކާމިޔާބުކޮށް ޔުއެފާ ކަޕްވިނާސްކަޕް ވެސް ކާމިޔާބުކޮށްދިނެވެ. މިހާރުގެ މަޝްހޫރު ކޯޗުން ކަމަށްވާ ޑިއެގޯ ސިމިއޯނީ އާއި ރޮބާޓޯ މަންޗިނީ އާއި ސިނިސާ މިހަލޮވިޗާއި ސިމޮނީ އިންޒާގީގެ އިތުރުން ހުއާން ސެބަސްޓިއަން ވެރޮން އާއި ޕަވެލް ނެޑްވަޑަކީ އޭރު އެ ޓީމުގެ ތަރިންނެވެ.