26 ފެބުރުއަރީ 2019 - 12:14

މެޑްރިޑް (ފެބްރުއަރީ 26) - ކްރިސްޓިއާނޯ ރޮނާލްޑޯ ނެތުމުން ރެއާލް މެޑްރިޑުގެ އެޓޭކުގައި ލީޑަރަކީ އޭނާ ކަމަށް ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާ ބުނެފި އެވެ.
މި ސީޒަނުގައި ރޮނާލްޑޯ ވަނީ ރެއާލް ދޫކޮށް އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް ބަދަލުވެފަ އެވެ. ނުވަ އަހަރަށް ފަހު ރޮނާލްޑޯ ރެއާލް ދޫކޮށްލިއިރު، އެ ޓީމުގައި ހުރެ ގިނަ ކާމިޔާބީތަކެއް ހޯދި އެވެ. ރޮނާލްޑޯ ރެއާލް ދޫކޮށްލިއިރު އޭނާ ވަނީ އެ ޓީމަށް 450 ގޯލު ޖަހައިދީ އެ ކްލަބްގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ގާއިމުކޮށްފަ އެވެ.
ބެންޒެމާ ވެސް ރެއާލާ ގުޅުނީ ރޮނާލްޑޯއާ އެއް ދުވަސްވަރެއްގަ އެވެ. ލިޔޯނުގައި ބެންޒެމާ ދެއްކި ކުޅުން ރެއާލުގައި އެންމެ ރަނގަޅަށް ނުދެއްކުނެވެ. އަދި ގިނަ ބަޔެއްގެ ފާޑުކިޔުންތައް ބެންޒެމާ އަށް އަމާޒުވިއިރު، އޭނާ އެ ކްލަބް ދޫކޮށްލަން އުޅޭކަމަށް މީޑިއާގައި އެތައް ފަހަރެއްގެ މަތިން ވަނީ ރިޕޯޓްކޮށްފަ އެވެ.
ރޮނާލްޑޯ ނުލައި ބެންޒެމާ އަންނަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ މިހާތަނަށް 20 ގޯލު ޖަހައިފަ އެވެ.
"މީގެ ކުރިން ހުރި ކުޅުންތެރިއާ (ރޮނާލްޑޯ) ސީޒަނެއްގައި 50 އަށް ވުރެ ގިނަ ގޯލު ޖަހާއިރު އަހަރެން ހުރީ ފުރުސަތު ތަނަވަސްކޮށްދޭ މީހެއްގެ ރޯލު އަދާކުރަން. އަހަރެން ކްރިސްޓިއާނޯއާ އެކު ކުޅުނުއިރު އެންމެ ބޮޑު ކަމެއްގެ ގޮތުގައި ކުރަން ޖެހުނު ކަމަކީ ރޮނާލްޑޯ ލަނޑު ޖަހަން އެހީތެރިވެދިނުން،" ފްރާންސް ފުޓްބޯލް އަށް ދިން އިންޓަވިއުއެއްގައި ބެންޒެމާ ބުންޏެވެ.
ބެންޒެމާ ބުނީ މިހާރު ހާލަތު އެއްކޮށް ބަދަލުވެފައިވާ ކަމަށާއި އެންމެ ހިތްހަމަ ޖެހެނީ އޭނާ ބޭނުންވާ ރޯލުގައި ކުޅުމުގެ ފުރުސަތު ލިބުމުން ކަމަށެވެ.
"މިހާރު އަހަންނަކީ އެޓޭކުގެ ލީޑަރު. ޓީމަށް ތަފާތެއް ގެންނަން އެންމެ ގިނަ މީހުން ބަރޯސާވާނެ މީހަކީ އަހަރެން. އަހަރެން މި ހުރީ އުފަލުން އެއީ އަހަރެންގެ އަސްލު ފުޓްބޯޅަ ކުޅެވޭތީ،" އުމުރުން 31 އަހަރުގެ ބެންޒެމާ ބުންޏެވެ.
އޭނާ ބުނީ އެންމެ އުފާވާނީ ރެއާލަށް ބަދަލުވުމުގެ ކުރިން ލިޔޯނުގައި ދެއްކި ކުޅުން އަލުން ތަކުރާރު ކުރެވިއްޖެނަމަ ކަމަށާއި އުއްމީދުކުރަނީ މި ސީޒަނުގައި އެ ލެވެލާ ގާތަށް ދެވޭނެ ކަމަށް ކަމަށެވެ.