ބިޒްނަސް ކޮންވެންޝަން ފަށައިފި
ބިޒްނަސް ކޮންވެންޝަން ފަށައިފި

އިކޮނޮމިކް މިނިސްޓްރީން ބާއްވާ ބިޒްނަސް ކޮންވެންޝަން މިއަދު ފަށައިފި އެވެ.

ބިޒްނަސް ކޮންވެންޝަން ފަށައިފި
ބިޒްނަސް ކޮންވެންޝަން ފަށައިފި

ވިޔަފާރިވެރިންނަށް ދިމާވާ ގޮންޖެހުންތަކާއި ރާއްޖޭގައި ފުޅާކުރެވޭނެ ވިޔަފާރިތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ މި ކޮންވެންޝަން ފައްޓަވައިދެއްވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ، މި މާހައުލުގައި ތިބެ، ވިޔަފާރިވެރިންނަށް ހިޔާލު ފާޅުކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ.

"ތިބޭފުޅުންނަށް ހުރި ގޮންޖެހުމެއް، ދަތިކަމެއްގެ ވާހަކަ ދައްކައިގެން އިތުރު އުނދަގުލެއް ކުރިމަތި ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން. މި ކާމިޔާބު ކަމަކަށް ހެދޭނީ ހުރިހާ ބޭފުޅުންގެ އަސްލު ހަގީގީ ހިޔާލުތަކާއި ކަންބޮޑުވުންތައް ސަރުކާރާ ހިސާބަށް ގެނެވިގެން،" އޭނާ ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ، ހީކުރިވަރަށްވުރެ މަދުން ވިޔަފާރިވެރިން ބައިވެރިވި ނަމަވެސް އުންމީދުކުރަނީ މި ކޮންވެޝަނުން ނިންމާ ނިންމުންތަކުން ވިޔަފާރިތަކަށް ރަނގަޅު ބަދަލުތަކެއް ފެނުން ކަމަށެވެ.

ދަރުބާރުގޭގައި ކުރިއަށްދާ މި ކޮންވެންޝަންގައި އަތޮޅު ތެރެއިން ވެސް ބައެއް ވިޔަފާރިވެރިން ބައިވެރިވި އެވެ. އަދި ކައުންސިލްތަކުން ވާޗުއަލް ކެމްޕަސް ޓެކްނޮލޮޖީ މެދުވެރިކޮށް ބައިވެރިވެފައިވެ އެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ މި ކޮންވެންޝަނުގައި ވިޔަފާރިވެރިންނަށް ނެޓްވޯކިން ސެޝަންތަކާއި ޕްރެޒެންޓޭޝަންތަކާއި ގްރޫޕް ޑިސްކަޝަންތައް ކުރިއަށްދާނެ އެވެ. މީގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ފިޔަފާރިތަކާ ގުޅޭ މައުލޫމާތު ދިނުމާއި ވިޔަފާރި އާއި ޓެކްނޮލޮޖީ އާއި އައިސީޓީ ދާއިރާއިން ރާއްޖޭގައި ހުރި ފުރުސަތުތަކާއި ކާނާގެ ބާވަތްތައް އެތެރެކުރާ ފަރާތްތަކަށް ހުރި މައްސަލަތަކާ ގުޅޭ ގޮތުން ހާއްސަ ޕްރެޒެންޓޭޝަންތައް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ޓެކްސްގެ ނިޒާމުގައި ހުރި މައްސަލަތަކާއި މަސައްކަތްތެރިންނާއި އިގްތިސާދާ ގުޅޭ ހާއްސަ ޕްރެޒެންޓޭޝަންތައް ވެސް ދޭނެ އެވެ.