ބޭނުންވަނީ އެއް ފެންވަރެއްގައި ކުޅެވޭ ފޯމިއުލާއެއް: ކްލޮޕް
ބޭނުންވަނީ އެއް ފެންވަރެއްގައި ކުޅެވޭ ފޯމިއުލާއެއް: ކްލޮޕް

ލަންޑަން (އޮގަސްޓް 27) - ލިވަޕޫލަށް ބޭނުންވަނީ އެއް ފެންވަރެއްގައި ކުޅެވޭނެ ފޯމިއުލާއެއް ކަމަށް އެ ޓީމުގެ ކޯޗު ޖަރުމަނުގެ ޔާގަން ކްލޮޕް ބުނެފި އެވެ.

ލީގުގެ ފުރަތަމަ މެޗުން އާސެނަލް އަތުން ލިވަޕޫލް މޮޅުވީ 4-3 އިންނެވެ. އެހެން ނަމަވެސް މިފަހަރު ފުރަތަމަ ޑިވިޝަނަށް އައި ބާންލީ އަތުން ދެ ވަނަ މެޗުން ލިވަޕޫލް ވަނީ 2-0 އިން ބަލިވެފަ އެވެ. އޭގެ ފަހުން ލީގު ކަޕްގައި 5-0 އިން ބާޓަން އަލްބިއަން އަތުން ލިވަޕޫލް ވަނީ މޮޅުވެފަ އެވެ.

ލީގުގައި މިއަދު ހަވީރު ރަށުންބޭރުގައި ޓޮޓެންހަމާ ދެކޮޅަށް ކުޅޭ މެޗަށް ނުކުތުމުގެ ކުރިން ކްލޮޕް ބުނީ އެ ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ އެއް ފެންވަރެއްގައި ކުޅުން ނުހިފެހެއްޓުމުގެ މައްސަލަ ކަމަށެވެ.

"ލިވަޕޫލްގެ މައްސަލަ އެންމެނަށް އެނގޭ. ބައެއް މެޗުތަކުގައި ވަރަށް މޮޅަށް ކުޅޭ ފަހަރުވެސް އާދޭ. ދެން ފެންނާނީ ވަރަށް ދަށް ކުޅުމެއް. މިޓީމަށް ބޭނުންވަނީ އެއް ފެންވަރެއްގައި ކުޅެވޭ ފޯމިއުލާއެއް. އެކުގައި މި ޓީމު ކުޅޭ މެޗުތައް ގިނަވުމުން ކުރިއެރުން ފެންނާނެ،" ކްލޮޕް ބުންޏެވެ.

މިއަދުގެ މެޗަށް ނުކުންނައިރު އަނިޔާގެ ސަބަބުން ލިވަޕޫލްގެ އެމްރޭ ޗޭން އާއި ޑިވޮކް އޮރީގީ އަށް ނުކުޅެވޭނެ އެވެ. އަދި ބްރެޒިލްގެ މިޑްފީލްޑަރު ފިލީޕޭ ކޯޓީނިއޯ އަށް ވެސް ކުޅެވޭނެކަން ޔަގީނެއް ނޫން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުން ވެސް ޓޮޓެންހަމަށް ލިވަޕޫލް ބަލިކުރެވިފައި ނުވެ އެވެ. މިދިޔަ ސީޒަނުގައި ޓޮޓެންހަމް ދަނޑުގައި ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، ލިވަޕޫލް ދަނޑުގައި ކުޅުނު މެޗު ނިމުނީ 1-1 އިންނެވެ.

މި ފަހަރު ލީގުގައި ޓޮޓެންހަމް ކުޅުނު ފުރަތަމަ މެޗުން އެވަޓަންއާ ވަނީ އެއްވަރުވެފަ އެވެ. އެހެން ނަމަވެސް ދެ ވަަނަ މެޗުގައި އެ ޓީމުން ވަނީ ކްރިސްޓަލް ޕެލަސް 1-0 އިން ބަލިކޮށްފަ އެވެ.

ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ އޭނާ ބޭނުންވާ ސިސްޓަމަށް ޓޮޓެންހަމް ކުޅުންތެރިން އަންނަނީ ހޭނެމުން ކަމަށާއި ލިވަޕޫލާ ދެކޮޅަށް ވެސް ނުކުންނާނީ އެޓޭކިން ގޭމެއް ކުޅެ މޮޅުވާން ކަމަށެވެ.

ލިވަޕޫލާއި ޓޮޓެންހަމް ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 16:30 ގަ އެވެ.