27 ފެބުރުއަރީ 2019 - 07:32

"މޮހޮރާ" އާއި "ގުޕްތް" އަދި "ވިޝްވާތުމާ" ފަދަ ކާމިޔާބު ފިލްމުތައް ބެލުންތެރިންނަށް ގެނެސް ދިން ޑައިރެކްޓަރު ރަޖީވް ރާއީ 15 އަހަރު ފަހުން އަލުން ފިލްމެއް ޑައިރެކްޓްކުރަން ތައްޔާރުވެއްޖެ އެވެ.
ބޮލީވުޑް ހަންގާމާ އިން ދިން އިންޓަވިއުއެއްގައި 63 އަހަރުގެ ރަޖީވް ބުނީ އޭނާގެ އާ ފިލްމަކީ މާޑާ މިސްޓްރީއެއް ކަމަށެވެ. އަދި އޭގެ ސްކްރިޕްޓް ވެސް އެއްކޮށް ނިމިފައިވާ ކަމަށް ބުންޏެވެ.
"މިީ ވަރަށް ދުވަހުން ތައްޔާރުކުރި ސްކްރިޕްޓެއް. އަހަރެން ބުނާނީ މިއީ މިހާތަނަށް އަހަރެން ލިޔުނު އެންމެ މޮޅު އަދި އެންމެ ފުރިހަމަ ސްކްރިޕްޓޭ،" އޭނާ ބުންޏެވެ. "ފަހަރުގައި ވެދާނެ އަހަރެންގެ މި ސްކްރިޕްޓަކީ ބޮލީވުޑުން މި ފަހުން ފެންނާނެ އެންމެ ސަސްޕެންސް ބޮޑު މާޑާ މިސްޓްރީއަށް ވެސް."
ރަޖީވް ބުނި ގޮތުގައި އާ ފިލްމު ރަސްމީކޮށް އަންނަ މަހުގެ ތެރޭގައި ލޯންޗް ކުރާނެ އެވެ. އަދި ފިލްމުގެ ކާސްޓް ވެސް ހަމަޖެއްސުމަށް ފަހު މާ ލަސްތަކެއް ނުވެ ފިލްމުގެ ޝޫޓިން ފަށާނެ ކަމަށް ބުންޏެވެ. އޭނާ ބުނީ ލިމިޓެޑް ބަޖެޓަކުން ހަދާ ފިލްމު އެއްކޮށްހެން ޝޫޓް ކުރަނީ ނިއު ދިއްލީގައި ކަމަށެވެ.
ރަޖީވް އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިނީ 2004 ގައި ޕްރިޔަންކާ ޗޯޕްޅާ އާއި އަރުޖުން ރާމްޕާލް ލީޑް ރޯލް ކުޅުނު "އަސަމްބަވް" އެވެ.
ގިނަ އަހަރުތަކެއްގެ މެދުކެނޑުމަށް ފަހު އަލުން ޑައިރެކްޝަނަށް އަންނަ އިރު، ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ 1997 ގެ "ގުޕްތު" ކަހަލަ އިތުރު ފިލްމެއް ވެސް ހެދުމުގެ ވިސްނުން އެބަހުރި ކަމަށް ރަޖީވް ބުންޏެވެ.
"ސީކްއެލްއެއް ނޫން. އެކަމަކު ގުޕްތުގެ ނަން ހިނަމައިގެން މުޅިން ތަފާތު ސްޓޯރީ ލަކައިނަކާއި ތަފާތު ކާސްޓަކާ އެކު ބޭނުން ފިލްމެއް ހަދަން،" ކާޖޮލް އާއި ބޮބީ ޑިއޯލް އަދި މަނީޝާ ކޮއިރަލާ ލީޑް ރޯލް ކުޅުނު ފިލްމާ ބެހޭ ގޮތުން އޭނާ ބުންޏެވެ.