26 ފެބުރުއަރީ 2019 - 10:13

ލަންޑަން (ފެބްރުއަރީ 26) - އިނގިރޭސި ލީގު ކަޕް ފައިނަލުގައި މެންޗެސްޓާ ސިޓީ އަތުން ޕެނަލްޓީ ޖަހައިގެން 4-3 އިން ޗެލްސީ ބަލިވި މެޗުގައި އެ ޓީމުގެ ސްޕެއިން ކީޕަރު ކެޕާ އަރިއްޒަބަލާގާ ދަނޑުން ފައިބަން ދެކޮޅު ހެދި މައްސަލައިގައި އޭނާ މައާފަށް އެދުނު ނަމަވެސް ޗެލްސީން އޭނާ އަށް އަދަބު ދީފި އެވެ.

ޗެލްސީން ދިން އަދަބަކީ އެއް ހަފުތާގެ މުސާރަ އުނިކުރުމެވެ. އެތުލެޓިކް ބިލްބާއޯ ދޫކޮށް 80 މިލިއަން ޔޫރޯ އަށް ޗެލްސީ އާ މިދިޔަ އަހަރު ގުޅުނު ކެޕާ އަށް ހަފްތާ އަކު 190،000 ޕައުންޑް (3.8 މިލިއަން ރުފިޔާ) ލިބެ އެވެ.
ޗެލްސީ އާއި ސިޓީ ކުޅުނު މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގައި ވެސް ލަނޑެއް ނުޖެހި އެއްވަރުވެ، ޕެނަލްޓީއާ ހަމަޔަށް ދާން އުޅެނިކޮށް ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރިއްޒަބަލަގާ ބާލަން އުޅުމުން އޭނާ އެކަމަށް ދެކޮޅު ހަދައި އެކަން ވިޔަނުދިނީ އެވެ. ތަކުރާރުކޮށް ޗެލްސީގެ ބެންޗުން ކެޕާގެ ބަދަލުގައި އާޖެންޓީނާގެ ކީޕަރު ވިލީ ކަބަލޭރޯ އަރުވަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.
ލީގު ކަޕް ފައިނަލުގެ އިތުރު ވަގުތުގެ ފަހުކޮޅު ކެޕާ އަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއްވެ ފަރުވާ ހޯދުމާ އެކު ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ މަސައްކަތްކުރީ އޭނާ ބާލައި، ކުރިން ސިޓީ އަށް ކުޅެ 2016 ގެ ލީގު ކަޕް ފައިނަލުގައި ލިވަޕޫލުގެ ތިން ޕެނަލްޓީ މަތަކުރި ވިލީ ކަބަލޭރޯ އަރުވާށެވެ. އެކަމަކު ކަބަލޭރޯ ތައްޔާރުވެ އަދި އޭނާ އަރުވަން ހަތަރު ވަނަ އޮފިޝަލް ބޯޑް ވެސް ތައްޔާރުކޮށްގެން ހުއްޓާ ކެޕާ ވަނީ ފާޅުގައި އަތުގެ އިޝާރާތުން ނުފައިބާނެ ކަމަށް އަންގައިފަ އެވެ. އެންމެ ފަހުން ސާރީ އަށް ޖެހުނީ ދޫދޭށެވެ. އެއާ އެކު އޭނާގެ ރުޅިގަނޑު ފަޅައިގެން ގޮސް ބެންޗު ދޫކޮށް ޓަނެލް ތެރެއަށް ވެސް ވަދެގެން ދިޔަ އެވެ. އެކަމަކު އެނބުރި އައީ މެޗު ކޮމިޝަނަރުގެ އިޝާރާތަކާ އެކު އެވެ.
މެޗަށް ފަހު ސާރީ ވަނީ ކެޕާގެ ދިފާއުގައި ވާހަކަދައްކައިފަ އެވެ. ސާރީ ބުނީ ކެޕާ ބަދަލުކުރަން ވިސްނީ އޭނާ އަނިޔާގައި ހުރި ކަމަށް ހީކޮށް ކަމަށާއި މެޗަށް ފަހު އެކަން އެނގުނު ކަމަށެވެ. ކެޕާ ވަނީ އޭނާ ގޯލުގައި މަޑުކުރީ ސާރީގެ ނިންމުމަށް އިހުތިރާމް އަދާނުކުރުމުގެ ގޮތުން ނޫން ކަމަށާއި ޓީމު މޮޅުކޮށްދޭން ބޭނުންވެފައި ހުރުމުން ކަމަށެވެ.
ކެޕާގެ ފަރާތުން ފެނުނީ ކުޅިވަރުގެ ރޫހާ ހިލާފު ސިފައެއް ކަމަށާއި އެ ކަން އެންމެ ރަނގަޅު އުސޫލެއްގެ ތެރެއިން ނިންމޭނީ ޗެލްސީން ރަސްމީ ސިފައެއްގައި އޭނާއާ މެދު ކޮންމެވެސް ފިޔަވަޅެއް އަޅައިގެން ކަމަށް އެ މެޗަށް ފަހު ޗެލްސީގެ ކުރީގެ މިޑްފީލްޑަރު މައިކަލް ބަލަކް ވަނީ ބުނެފަ އެވެ.
"އެ ވަރުގެ އަމަލެއް އަހަރެން ނުދެކެން. ބޯޑުން އެ ކުޅުންތެރިއަކު ބަދަލުކުރަން ނަމްބަރު އަރުވާ ހިސާބުން އެ ކަން އެ ނިންމުނީ ކޯޗުގެ ނިންމުމަށް އިހުތިރާމްކޮށް ދަނޑުން ފައިބަންވީ. ކެޕާ އަމަލުކުރި ގޮތުން ފެނިގެންދިޔައީ ގޯސް މަންޒަރެއް. ފުޓްބޯޅަ ސަޕޯޓަރުންނަށް ދެވުނީ ނުރަނގަޅު މެސެޖެއް. ކޯޗުގެ ބާރު ނުހިނގާކަން ފެނުނީ." ކުރިން ބަޔާން މިއުނިކާއި ޗެލްސީގައި ގިނަ ކާމިޔާބުތަކެއް ހޯދި ބަލަކް ބުންޏެވެ.
އޭނާ ބުނީ މި ކަމުގައި އެންމެ ރަނގަޅު ގޮތަކީ ސާރީގެ ބާރު ހިނގާކަން ސާބިތުކޮށްދިނުން ކަމަށާއި ކޮންމެވެސް ވަރެއްގެ ފިޔަވަޅެއް ކެޕާއާ މެދު އަޅަން ޖެހޭ ކަމަށެވެ.
"ކްލަބްގެ ހަރުދަނާކަން ދައްކަން އެބަޖެހޭ. ކޯޗުގެ ފަހަތުގައި ހުރިކަން އެބަ އެނގެން ޖެހޭ. އެންމެ މުހިއްމު ކަމަކީ ކެޕާ ކުރީ ގޯސްކަމެއްކަން އަންގައި ފިޔަވަޅެއް އެޅުން. ޖޫރިމަނާ ކުރެވިދާނެ. އެއް މެޗުގައި ބެންޗުގައި ބެހެއްޓިދާނެ،" ދުނިޔޭގެ އެންމެ އަގުބޮޑު ކީިޕަރު ކެޕާއާ ބެހޭގޮތުން ބަލަކް ބުންޏެވެ.
ޗެލްސީ ދެން ކުޅޭ މެޗުގައި އަންނަ ބުދަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ކުޅޭނީ ޓޮޓެންހަމާ ދެކޮޅަށެވެ. މިއީ ގަދަ ހަތަރެއްގެ ތެރެއަށް ވަންނަން ޗެލްސީ އަށް މޮޅެއް ހޯދުން މަޖުބޫރު މެޗެކެވެ.
ކެޕާ އަށް ބަލަކް ފާޑުކީއިރު، އޭނާ ޗެލްސީ އަށް ބަދަލުވިއިރު ވެސް އެތައް ބަޔެއްގެ ފާޑުކިޔުން އަމާޒުވި ކަމެއް ހިނގި އެވެ. ބަލަކް ބަޔާން ދޫކޮށް 2006 ވަނަ އަހަރު ޗެލްސީ އަށް ބަދަލުވުމުން އޭނާ އަށް 13 ނަމްބަރު ޖާޒީ ދިނީ އޭރު އެ ނަމްބަރަށް ކުޅެމުން އައި ފްރާންސްގެ ޑިފެންޑަރު ވިލިއަމް ގަލަސް އަތުން ނެގުމަށް ފަހު އެވެ. އެކަމާ ހިތްހަމަނުޖެހިގެން ގަލަސް ވަނީ މީޑިއާގައި ވާހަކަ ދައްކައިފަ އެވެ. ގަލަސް ބުނީ ކްލަބުން އޭނާއާ މެދު ކަންތައް ކުރީ އުސޫލުން ބޭރުން ކަމަށެވެ. މީޑިއާގައި ގަލަސް ދެއްކި ވާހަކަތަކުގެ ސަބަބުން ޗެލްސީން ވަނީ ގަލަސް ޖޫރިމަނާކުރި އެވެ. އެންމެ ފަހުން ގަލަސް ވަނީ ޗެލްސީ ދޫކޮށް އާސެނަލަށް ބަދަލުވެފަ އެވެ. އާސެނަލަށް ގޮސް ގަަލަސް ކުޅުނީ 10 ނަމްބަރަށެވެ.