25 ފެބުރުއަރީ 2019 - 14:23

ދިވެހި ބަހާ ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒު ކުރިން ހިންގި ބިމުގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ވިދާޅުވީ މަޖީދިއްޔާ ސްކޫލު ކުރިމަތީގައި އޮންނަ ހުސްބިމުގައި ހަދަނީ ޕާކިން ޒޯނެއްގެ އިތުރުން މީހުންނަށް އިށީނދެލައިގެން ތިބެވޭނެ ގޮތަށް ވެސް ކަމަށެވެ. ކުރިއަށް އޮތް ދެ ހަފުތާއެއްގެ ތެރޭގައި އެތަނުގެ މަސައްކަތްތައް ނިންމޭތޯ މަސައްކަތްކުރަމުން އަންނަކަމަށް އޭނާ ވިދާޅުވި އެވެ.
"އިށީނދެލައިގެން އިނދެވޭގޮތަށް ޕާކިން ޒޯނަކާއެކީގައި އެތަން ތަރައްގީކުރަނީ. އެގޮތަށް ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން ޕާކިން ޒޯނުތައް ވެސް ހަދާނީ،" ޝިފާ ވިދާޅުވި އެވެ.
އެތަން ތަރައްގީކުރުމުން ގިނަ އުޅަނދު ޕާކުކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ޕާކިން ޒޯން ހަދާ ބިމުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމާފައި އޮތީ މަޖީދިއްޔާގެ ކްލާސް ރޫމްތަކެއް އަޅާށެވެ. ނަމަވެސް އެ މަސައްކަތްތައް އެއްވެސް ވަރަކަށް ކުރިއަކަށް ނުދިޔަ އެވެ.