25 ފެބުރުއަރީ 2019 - 12:52

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކަލަންޑަރާ ބެހޭ ކަންތައްތައް ކްލަބްތަކާ މަޝްވަރާކުރުމަށް ފަހު ވަރަށް އަވަހަށް އާންމުކުރާނެ ކަމަށް އެ އިދާރާއިން ބުނެފި އެވެ.
ކްލަބްތަކާ މަޝްވަރާ ކުރުމަށް ފަހު މި ފަހަރުގެ ފުޓްބޯޅަ ސީޒަން އަންނަ ޖޫން މަހު ފަށާގޮތަށް ނިންމާފައިވާއިރު، ރަސްމީކޮށް އަދި އެފްއޭއެމްގެ ކަލަންޑަރު އާންމު ނުކުރެ އެވެ. އަހަރުގެ ފުރަތަމަ ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔޫތު ޗެމްޕިއަންޝިޕް މި މަހު ނިމިފައިވާއިރު، އެފްއޭއެމުން އަންނަނީ ކަލަންޑަރު ފައިނަލް ކުރުމުގެ މަސައްކަތްތަކެއް ކުރަމުންނެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ ކަލަންޑަރުގެ މަސައްކަތް މި ހަފްތާ ތެރޭގައި ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށާއި ވަރަށް އަވަހަށް އާންމުކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
"ވަރަށް ފަހުން އަޅުގަނޑުމެންނަށް ލިބުނީ އިންޓަނޭޝަނަލް މެޗުތައް ކުޅެން ޖެހޭ ޝެޑިއުލް. އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސް ވެސް އެބައޮތް. މި ދެ މުބާރާތުގެ ތާރީހުތައް ވަރަށް ފަހުން ލިބުނީ. ދެން މި ހުރިހާ ކަމަކަށް ބަލާފައި މި ހަފްތާ ތެރޭގައި އަޅުގަނޑުމެން ކްލަބްތަކާ މަޝްވަރާ ކުރާނަން. އެ އަށް ފަހު ވަރަށް އަވަހަށް ކަލަންޑަރު އާންމުކުރެވޭނެ،" ޖަވާ ވިދާޅުވި އެވެ.
މާލީ ގޮތުން ރާއްޖޭގެ ގިނަ ކްލަބްތައް އަޑިއަޅާލާފައި އޮތްއިރު ކްލަބްތައް ކަންތައްތައް ހަމަޖައްސަން ވަގުތު ބޭނުންވާތީ ކްލަބްތަކުން ޖޫންގައި ސީޒަން ފަށަން ތާއީދުކުރީ އެވެ. ސީޒަން ފެށުން ލަސްކުރަން އެފްއޭއެމަށް ބާރު ލިބޭ އެންމެ ބޮޑު އެއް ސަބަބަކީ މި އަހަރުގެ އޭއެފްސީ ކަޕުން ރާއްޖޭގެ ޓީމުތަކަށް ފުރުސަތު ނެތުމެވެ. އެހެންވެ ފެބްރުއަރީ މަހު ފަށާ އެ މުބާރާތް ނެތުމުން އެފްއޭއެމަށް އޮނިގަނޑު ބަދަލުކޮށްލަން ފަހިވީ އެވެ.
މި އަހަރުގެ ޖޫން މަހު ސީޒަން ފަށައިގެން 2020 ވަނަ އަހަރުގެ އޭއެފްސީ ކަޕް ފަށަންވާއިރަށް ސީޒަން ނުނިމޭނެތީ އެ އަހަރުގެ އޭއެފްސީ ކަޕުން ފުރުސަތު ދޭނެ ޓީމުތަކެއް ރަސްމީކޮށް އެފްއޭއެމުން ހާމަކޮށްފައިނުވި ނަމަވެސް އެނގިފައިވާ ގޮތުގައި އެފްއޭއެމްގެ ވިސްނުން ހުރީ މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާއި ރަނަރަޕް މާޒިޔާ އަށް 2020 ވަނަ އަހަރު ފުރުސަތު ދޭށެވެ.
އޭއެފްސީ ކަޕުން ފުރުސަތު ނުލިބުނީ ކްލަބް ލައިސަންސް ނުލިބުމުންނެވެ. ކްލަބްތަކުން ލިޔެކިޔުން ހުށަނާޅައިގެން އެކަންނުވީ ކަމަށް އެފްއޭއެމުން ބުނި ނަމަވެސް ބައެއް ކްލަބްތަކުން އެފްއޭއެމްގެ ބޮލުގައި ވެސް ޒިންމާ އަޅުވާފައިވެ އެވެ.
މި ފަހަރުގެ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ގިނަ ކްލަބްތަކުން ކުޅުންތެރިންގެ ސޮއި ހޯދަމުން އަންނައިރު ރަސްމީކޮށް ޕްރެކްޓިސް ފަށާނެ ތާރީހެއް ނުބުނެ އެވެ. އެ ކްލަބްތަކުން ބުނަނީ ޕްރެކްޓިހާއި ކަންތައްތައް ފަށާނެ ތާރީހެއް ކަނޑައެޅޭނީ ކަލަންޑަރު ލިބިގެން ކަމަށެވެ.
"ސީޒަން ފަށާނެ ސީދާ ތާރީހެއް ލިބިގެން ޕްރެކްޓިސް ފަށާނެ ތާރީހެއް ކަނޑައެޅޭނީ. މި ވަގުތު އަދި މި ތިބީ ބަލަން އެއީ އެސްއޯއީ (ސަރުކާރުގެ ކުންފުނިތަކުން) ތެރެއިން ލިބޭ ފައިސާ އަށް ވެސް ވާގޮތެއް ނޭނގެ. އެ ވެސް ލިބިގެން ހުރިހާ ކަމެއް ހަމަޖެހެން މި އަންނަނީ. ކުޅުންތެރިންގެ ސޮއި ހޯދަނީ މި ވަގުތަށް ވެސް އެއީ ކުރަން ޖެހިފައި އޮތް ކަމަކަށްވާތީ،" ފުރަތަމަ ޑިވިޝަން ކްލަބެއްގެ އޮފިޝަލަކު "މިހާރަ"ށް ބުންޏެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ކްލަބްތަކަށް ފައިސާ ދިނުމުގައި އަމަލުކުރާނެ ގޮތެއް މިހާތަނަށް ކްލަބްތަކަށް ރަސްމީކޮށް އަންގާފައިނުވާއިރު، ކުޅިވަރާ ބެހޭ މިނިސްޓްރީ އާއި އެފްއޭއެމްގެ ދެމެދު ވަނީ ކޯޅުންގަނޑެއް އުފެދިފަ އެވެ. އެފްއޭއެމްގެ ލީޑަޝިޕްގެ އިތުބާރު ނެތް މައްސަަލައިގައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސެއް ބާއްވަން ވިކްޓަރީން ހުށަހަޅާފައިވާއިރު، އެކަން އެ ގޮތަށް ކުރެވެން ނެތް ކަމަށް ފީފާގެ ލަފާގެ މަތިން އެފްއޭއެމުން ވަނީ ނިންމައިފަ އެވެ. އެއީ އަންނަ މަހު 25 އަށް އެފްއޭއެމްގެ ކޮންގްރެސް ތާވަލުކޮށްފައި އޮތުމުންނެވެ.
އެފްއޭއެމުން މި ފަހަރުގެ ފުޓްބޯޅަ ސީޒަނަށް ގެންނާނެ ބަދަލެއްގެ ގޮތުގައި މިދިޔަ އޮކްޓޫބަރު މަހު އިއުލާނުކޮށްފައިވާ އެއް ކަމަކީ މި ފަހަރުގެ ސީޒަން ފަށާނީ ޕްރެޒިޑެންޓްސް ކަޕުން ކަމަށެވެ. އެއީ އޭއެފްސީ ކަޕްގައި ބައިވެރިވާ ޓީމުތަކަށް މެޗުތަކެއް ދިނުމުގެ ވިސްނުމުގަ އެވެ. އެކަމަކު ރާއްޖޭގެ ޓީމެއް އޭއެފްސީ ކަޕްގައި ނުކުޅޭއިރު، އެ ފޯމެޓަށް ބަދަލު އައުމުގެ ފުރުސަތު އެބައޮތެވެ. އަދި މިދިޔަ ދެ އަހަރު ބޭއްވި މާލޭ ލީގު މި ފަހަރު ނޯންނާނެ ކަމަށާއި ސީޒަން ހުޅުވާ މެޗު ކުޅޭނީ ދެ ލެގަށް ބަހާލައިގެން ލީގު ޗެމްޕިއަނުންނާއި މިނިވަން ޗެމްޕިއަންޝިޕްގެ މެދުގައި ކަމަށް އޭރު އިއުލާނުކުރި އެވެ.