25 ފެބުރުއަރީ 2019 - 11:41

ގަވައިދާ ޚިލާފަށް ޕާކްކުރާ ވެހިކަލްތަކުގައި ވަޔަލޭޝަން ސްޓިކާ ޖަހަން މިއަދު އަލުން ފަށައިފި އެވެ.
ޕާކްކުރާނެ ތަނެއް ހޯދައި ނުދީ، ގަވައިދާ ޚިލާފަށް ޕާކްކުރާ ވެހިކަލްތަކުގައި ސްޓިކާ ނުޖަހާ ގޮތަށް މި ސަރުކާރުން ކުރިން ނިންމާފައިވީ ނަމަވެސް ފުލުހުން މިއަދު ބުނީ މާލޭގެ ބައެއް ސަރަހައްދުތަކުގައި ގަވައިދާ ޚިލާފަށް ޕާކްކުރާ ވެހިކަލްތަކުގައި މިއަދުން ފެށިގެން ސްޓިކާ ޖަހަން ފަށާފައިވާ ކަމަށެވެ.
އެއީ:
- މިސްކިތްތައް ކައިރި
- ކަފިހި ހުރަސްތަކާއި ދުވާރުތައް ކައިރި
- ގޯޅިތަކުގެ ކަންމަތި
- ސްކޫލްތައް ކައިރި
- ހޮސްޕިޓަލްތައް ކައިރި
- ބޭންކްތައް ކައިރި
- ބޮޑުތަކުރުފާނު މަގުގެ ތާރު އަޅާފައިވާ ސަރަހައްދު
- ފުލުހުންގެ ކޯން/ބެރިކޭޑް ބަހައްޓާފައި ހުންނަ ސަރަހައްދު
- ޑަބަލް ލައިން ދަމާފައި ހުންނަ ސަރަހައްދު
މިިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި، އޭރުގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޕާކިން މައްސަލައަށް ހައްލު ނުހޯދައި ސްޓިކާ ނުޖަހާނެ ކަމަށް ވިދާޅުވެފަ އެވެ.
އަދި އެ ވިދާޅުވުމަށް އަމަލުކުރުމަށްޓަކައި، ގަވައިދާ ޚިލާފަށް ޕާކްކުރާ ވެހިކަލްތަކުގައި ވަޔަލޭޝަން ސްޓިކާ ޖެހުން މި ސަރުކާރުން ހުއްޓާލުމާ ގުޅިގެން، މާލޭގެ އެކި ސަރަހައްދުތަކުގައި ހަމައެއްލަމައެއް ނެތި ޕާކްކުރުން އާންމުވެ، އެތައް ބަޔަކަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިވެފަ އެވެ. ސްޓިކާ ޖެހުމުގެ ބަދަލުގައި މި ސަރުކާރުން ފެށި ކަމަކީ، މީހުންނަށް ދަތިވާ ގޮތަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތައް ޓޯ ކުރުމެވެ. އެކަމަކު، އެކަމުން މާ ބޮޑު ހައްލެއް އައި ތަނެއް ނުފެނުނެވެ.