26 ފެބުރުއަރީ 2019 - 07:36

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިއު ދިއްލީގައި ބޭއްވި އިވެންޓެއްގައި ޕަފޯމް ކުރަން އެއްބަސްވެ، ފައިސާ ވެސް ނެގުމަށް ފަހު، އެ އިވެންޓަށް ބަތަލާ ސޮނާކްޝީ ސިންހާ ހާޒިރު ނުވެ، ހަވާލު ކުރި ފައިސާ ވެސް އަނބުރާ ދީފައި ނުވާ ކަމަށް ބުނެ އޭނާއާ ދެކޮޅަށް މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއް ހުށަހަޅައިފި އެވެ.
ސޮނާކްޝީއާ ދެކޮޅަށް މައްސަލަ ހުށަހެޅީ މޮރާދުބާދުގެ އިވެންޓް ފާމަކުންނެވެ.
އެ ކުންފުނީގެ ވެރިޔާ ޕްރަމޯދު ޝަރުމާ ބުނީ ސެޕްޓެމްބަރު، 28، 2018 ގައި ދިއްލީގެ ސްރީ ފޯޓް އޮޑިޓޯރިއަމް ބާއްވަން އޮތް އިންޑިއަން ފެޝަން އެންޑް ބިއުޓީ އެވޯޑްސް ހަފުލާގައި ޕަފޯމް ކުރަން ސޮނާކްޝީއާ އެކު މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެއްބަސްވުމެއް ހަދައި އޭނާ އަށް 37 ލައްކަ ރުޕީސް ހަވާލުކޮށްފައިވާ ކަމަށެވެ. އެކަމަކު ސޮނާކްޝީ އިވެންޓަށް ހާޒިރު ނުވުމުން މާލީ ގޮތުން ބޮޑު ގެއްލުމެއް ލިބުމުގެ އިތުރަށް، އިވެންޓަށް ދިޔަ ބައެއް މީހުން ރުޅި ގަދަވެގެން ތަނަށް ގެއްލުން ދީގެން ވެސް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނު ކަމަށް ބުންޏެވެ.
ޕްރަމޯދު ބުނި ގޮތުގައި އެއްބަސްވުމާ އެއްގޮތަށް ވާހަކަ ދައްކައިގެން ސޮނާކްޝީ އިވެންޓަށް ގެންދަން ތަކުރާރުކޮށް މަސައްކަތް ކުރި ނަމަވެސް އެކަމަށް އޭނާ އާއި ޓީމުން އިންކާރުކޮށްފައިވާ ކަމަށެވެ. އަދި އަނބުރާ ފައިސާ ހޯދަން ކުރި މަސައްކަތް ވެސް މިހާތަނަށް ކާމިޔާބުވެފައި ނުވާ ކަމަށް ބުންޏެވެ.
އެހެންވެ ސޮނާކްޝީ އާއި އޭނާގެ ޓީމްގެ އިތުރު ތިން މީހެއްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ ކަމަށް ޕްރަމޯދު ބުންޏެވެ.
މިކަމާ ގުޅިގެން ސޮނާކްޝީގެ މެނޭޖްމަންޓް އެޖެންސީން ނެރުނު ބަޔާނެއްގައި ބުނީ ޕްރަމޯދު މީޑިއާތަކުގައި ވާހަކަ ދައްކަނީ އޮޅުވާލައިގެން ކަމަށެވެ. ބަޔާނުގައި ބުނި ގޮތުގައި އިވެންޓްގައި ބައިވެރި ނުވާން ސޮނާކްޝީ ނިންމީ، އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކުރުމުންނެވެ.
އެގޮތުން ޕަފޯމް ކުރަން އެއްބަސްވި ފީ އާއި ދިއްލީގެ ދެކޮޅު ދަތުރުގެ ޓިކެޓާއި ހުރުމުގެ ކަންކަން ވެސް އެއްބަސްވި ގޮތަށް އެންމެ ފަހު ވަގުތާ ހަމައަށް ވެސް ހަމަޖައްސައި ނުދިނުމުން އިވެންޓަށް ނުދާން ސޮނާކްޝީ ނިންމީ ކަމަށް ބުންޏެވެ.
"އެހެންވީމާ ސޮނާކްޝީ އާއި އޭނާގެ ޓީމާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ޕްރަމޯދާއި އޭނާގެ ކުންފުނިން ފަތުރާ ނަމަ ގާނޫނީ ފިޔަވަޅު އަޅަން މަޖުބޫރު ވެދާނެ ވާހަކަ ވެސް ހިއްސާ ކުރަން،" ބަޔާނުގައި ބުންޏެވެ. "އަދި މީޑިއާތަކުން ވެސް ކަމުގެ ހަގީގަތް ސާފުކޮށްފައި ނޫނީ ހަބަރު ނުފެތުރުމަށް އިލްތިމާސް ކުރަން."
މީގެ ކުރިން ވެސް ސޮނާކްޝީގެ މައްޗަށް މިފަދަ އެހެން މައްސަލައެއްގައި ދައުވާ ވެސްކޮށްފައިވެ އެވެ. އެ ފަހަރު މައްސަލައަކަށްވީ އެމެރިކާގައި ބާއްވަން ރޭވި ޝޯއެއްގައި ޕަފޯމް ކުރަން ސޮނާކްޝީގެ އިތުރުން ސަލްމާން ހާނާއި ކެޓްރީ ކެއިފް އަގު ވެސް ނެގުމަށް ފަހު، އެގްރިމަންޓާ އެއްގޮތަށް އަމަލު ނުކުރުމެވެ.
ޝިކާކޯގެ ވައިބްރަންޓް މީޑިއާ ގްރޫޕުން އެ ތިން ތަރިންނަށް މިދިޔަ އަހަރު ދައުވާ ކުރީ "ސެލެބްރޭޓިން 100 އިޔާޒް އޮން އިންޑިއަން ސިނެމާ" ގެ ނަމުގައި ސެޕްޓެމްބަރު، 1، 2013 ގައި ބާއްވަން ނިންމި އިވެންޓަކަށް އެއްބަސްވުމަށް ފަހު، އެ އިވެންޓްގައި އެ މީހުން ޕަފޯމް ނުކުރުމުގެ އިތުރަށް، ފައިސާ ވެސް އަނބުރާ ދީފައި ނުވާތީ އެވެ.