ފައިނަލުގައި ޔޫއެން ފްރެންޑްސް އާއި ސައިކްލޯން
ފައިނަލުގައި ޔޫއެން ފްރެންޑްސް އާއި ސައިކްލޯން

އެމްބީއޭ ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގެ ފައިނަލުން ޔުއެން ފްރެންޑްސް އާއި އެންމެ ފަހުގެ ޗެމްޕިއަންސް ސައިކްލޯން ބާސްކެޓްބޯލް ފުރުސަތު ހޯދައިފި އެވެ.

މިދިޔަ އަހަރުގެ ހުރިހާ މުބާރާތެއްގެ ޗެމްޕިއަންކަން ހޯދި ސައިކްލޯން މި ފަހަރުގެ ލީގު ބުރުގައި ކުޅުނު މެޗުން ވަނީ ޔޫއެން ފްރެންޑްސް އަތުން ބަލިވެފަ އެވެ. ޔޫއެން ފްރެންޑްސް ފައިނަލުން ފުރުސަތު ހޯދީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެގެންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި އިއްޔެ ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުން ޓީރެކްސް ސްޕޯޓްސް އެކެޑަމީއާ ވާދަކޮށް ޔޫއެން ފްރެންޑްސް މޮޅުވީ 55-35 އިންނެވެ. މި މެޗު ފަށައިގެން ޔޫއެން ފްރެންޑްސް ލީޑުގައި އޮތްއިރު އެ ޓީމުން ވަނީ މުޅި މެޗުގައި އެއްކޮށް އެ ލީޑު ދަމަހައްޓައިފަ އެވެ. ޔޫއެން އަށް މި މެޗުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ އެ ޓީމުގެ ކެޕްޓަން ޝިޒްނާ ރަޝީދު އާއި ފައިރޫޒާ އާދަމް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޝިޒްނާ އެވެ.

މުބާރާތުގައި ރޭ ކުޅުނީ ލީގު ބުރުގެ ދެ ވަނަ އަށް ދިޔަ ސައިކްލޯން އާއި ތިން ވަނަ ހޯދި ބެންޗް ސްޕޯޓްސް ކްލަބް އެވެ. ސައިކްލޯން މި މެޗު ކާމިޔާބުކުރީ 53-32 އިންނެވެ. ރޭގެ މެޗު ފަށައިގެން ފުރަތަމަ ކުއާޓަރުގައި ސައިކްލޯން އިން ވަނީ ބޮޑު ލީޑެއް ނަގައިފަ އެވެ. ފެށުނު ގޮތަށް އެހާ ބޮޑު ލީޑެއްގައި ސައިކްލޯން އޮތުމުން ބެންޗަށް ފަހަތުން އަރައި ހަމަކުރަން އުނދަގޫތަކެއް ކުރިމަތިވި އެވެ.

ރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސައިކްލޯންގެ ނަޝްފާ އާމިރާ އެވެ. ބެންޗަށް އެންމެ މޮޅު ކުޅުމެއް ދެއްކީ ހުސްނާ މުހައްމަދު އެވެ.

އަންހެން ޑިވިޝަނުގެ ފައިނަލުގައި ޔޫއެން ފްރެންޑްސް އާއި ސައިކްލޯން ކުޅޭ މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެރޭގަ އެވެ.

މުބާރާތުގައި މިއަދު ކުޅޭނީ ފިރިހެން ޑިވިޝަނުގެ ސެމީ ފައިނަލް މެޗުތަކެވެ. މިއަދު ހަވީރު ކުޅޭ ފުރަތަމަ ސެމީ ފައިނަލުގައި ބައްދަލުކުރާނީ މިދިޔަ އަހަރުގެ ފައިނަލުގައި ކުޅުނު ދެ ޓީމު ކަމަށްވާ ކިންގްސް ބާސްކެޓްބޯލް ކްލަބާއި ޓީރެކްސް ބާސްކެޓްބޯލް ކްލަބް އެވެ. މިރޭ ކުޅޭ ދެ ވަނަ ސެމީ ފައިނަލުގައި ސްޓިންގާސް ބާސްކެޓްބޯލް ކްލަބް ބައްދަލުކުރާނީ ރެޕްޓާސް ބާސްކެޓްބޯލް ކްލަބާ އެވެ.