26 ފެބުރުއަރީ 2019 - 07:37

ސައިފް އަލީ ހާންގެ އަންހެން ދަރިފުޅު ސާރާ އަލީ ހާން މިދިޔަ އަހަރު ބޮލީވުޑަށް ތައާރަފުކުރި ފިލްމު "ކެދަރުނާތު" ގެ ޑައިރެކްޓަރު އަބީޝެކް ކަޕޫރް "ޝަރާބީ" ގެ ނަމުގައި ފިލްމެއް ހަދަން ތައްޔާރުވެއްޖެ އެވެ.
މި ފިލްމު ޕްރޮޑިއުސް ކުރަނީ އޭނާގެ ފިލްމު ކުންފުނި ގާއިޒް އިން ދަ ސްކައި ޕިކްޗާޒާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެންނެވެ. ޓީ ސީރީޒުން ކުރި ޓްވީޓެއްގައި ބުނީ ކޮމެޑީ/ޑްރާމާ "ޝަރާބީ" ގެ ކާސްޓް ވަރަށް އަވަހަށް ހަމަޖެއްސުމަށް ފަހު، ފިލްމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
މި ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި އަބީޝެކްގެ އަންހެނުން ޕްރަގިޔާ ކަޕޫރް ވެސް ހިއްސާވާނެ އެވެ.
ކުރިން އެކްޓަރެއްގެ ގޮތުގައި ފެނިގެން ދިޔަ އަބީޝެކް ޑައިރެކްޝަނަށް ނުކުތީ 2006 ގައި ސޮހައިލް ހާން ލީޑް ރޯލް ކުޅުނު "އާރިޔަން: އަންބްރޭކަބަލް" އިންނެވެ. އެކަމަކު އޭނާ ޑައިރެކްޓަރެއްގެ ގޮތުގައި ބެލުންތެރިންގެ މެދުގައި މަގުބޫލުވެގެން ދިޔައީ 2008 ގެ މިއުޒިކަލް ޑްރާމާ "ރޮކް އޯން" އިންނެވެ.
އޭގެ ފަހުން އަބީޝެކް ޑައިރެކްޓްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި 2013 ގެ "ކައި ޕޯ ޗޭ" އާއި 2016 ގެ "ފިތޫރު" ހިމެނެ އެވެ.
ސާރާ އާއި ސުޝާންތު ސިންގް ރާޖްޕޫތާ އެކު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ގެނެސް ދިން "ކެދަރުނާތު" އަކީ ބޮކްސް އޮފީހުގައި 96.64 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. އެ ފިލްމު ހަދަން ހޭދަ ކުރީ 60 ކްރޯޑެވެ.