25 ފެބުރުއަރީ 2019 - 10:41

އާސަންދަ އާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ޑިސްޕެޗް ކައުންޓަރެއް އައިޖީއެމްއެޗުގައި މިއަދު ބަހައްޓައިފި އެވެ.

އެ ދެ ތަނުގެ ހިދުމަތް ފައްޓަވައިދެއްވުމަށް ފަހު، ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވީ އާސަންދަ އާއި އެންސްޕާގެ ހިދުމަތްތައް ވީހާ ވެސް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖައްސަން ޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ ގިނަ ފަހަރަށް އާސަންދައިގެ އެހީ ބޭނުންވަނީ ކުއްލި ފަރުވާއަށް ކަމަށާއި އެހެންކަމުން އެ ހިދުމަތްތައް ހޯދުމަށް ތަކުލީފުތައް އުފުލަންޖެހޭ ކަމަށެވެ. އައިޖީއެމްއެޗްގެ ރިސެޕްޝަނުގައި ދެ ކައުންޓަރު ހުޅުވީ އެކަމަށް ލުއެއް ހޯދައިދިނުމަށް ކަން ފާހަގަކުރެއްވި އެވެ.
ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 9:00 ވަންދެން ދެ ކައުންޓަރުން ހިދުމަތް ދޭނެ އެވެ. އެކަމުން ގިނަ ބަޔަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އާސަންދަ އާއި އެންސްޕާގެ ފޯމުތައް ބަލައިގަތުމާއި އެ ފޯމުތައް މައި އޮފީހަށް ފޮނުވައިދިނުމާއި އެ ދެ ތަނުން ދޭ ހިދުމަތްތަކާ ގުޅޭ މައުލޫމާތު ދިނުމާއި އާސަންދަ އާއި އެންސްޕާއާ ގުޅޭނެ އިންތިޒާމް ހަމަޖެއްސުމަކީ ކައުންޓަރުން ކޮށްދޭނެ ކަންތައްތަކެވެ. އަދި އެދިފައިވާ އެހީގެ އެންމެ ފަހުގެ މައުލޫމާތު ލިބޭނެ ކަމަށް ވިދާޅުވި އެވެ.
ހެލްތު މިނިސްޓްރީގެ ދަށުން މީގެ ކުރިން ހިންގި އާސަންދަ އާއި އެންސްޕާގެ ހިދުމަތްތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.