ނޭމާ ވިއްކާލުމުގެ ވިސްނުމެއް ނެތް: ޕީއެސްޖީގެ ރައީސް
ނޭމާ ވިއްކާލުމުގެ ވިސްނުމެއް ނެތް: ޕީއެސްޖީގެ ރައީސް

ޕެރިސް (ފެބްރުއަރީ 25) - ޕީއެސްޖީން އެ ޓީމުގެ ތަރި ނޭމާ ވިއްކާލުމުގެ ވިސްނުމެއް އަދި ނެތް ކަމަށް އެ ކްލަބްގެ ރައީސް ނާސިރު އެލް-ހެއްލާފީ ވިދާޅުވެއްޖެ އެވެ.

މީގެ ދެ އަހަރު ކުރިން ދުނިޔޭގެ ރެކޯޑް އަގަކަށް ޕީއެސްޖީ އަށް ބަދަލުވި ނޭމާގެ މުސްތަގުބަލާ ގުޅުވައިގެން ފާއިތުވި ދުވަސްތަކުގައި މީޑިއާގައި ވަނީ ތަފާތު ވާހަކަތަކެއް ދެކެވިފަ އެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް އަޑުފެތުރުނީ ނޭމާ އޭނާގެ ކުރީގެ ކްލަބް ބާސެލޯނާ އަށް އަލުން ގުޅެން ބޭނުންވާކަމުގެ ރިޕޯޓްތަކާއި ރެއާލް މެޑްރިޑުން ނޭމާ އަށް ބޮޑު ބިޑެއް ކުރަން ތައްޔާރުވަމުން އަންނަ ވާހަކަތަކެވެ.

"ރެއާލް މެޑްރިޑް ވިޔަސް ނޫނީ ދުނިޔޭގެ އެހެން ކްލަބަކުން ވިޔަސް ނޭމާ ގަންނަން އަހަރެމެންނަށް ގުޅުމަކީ ބޭކާރުކަމެއް. ނޭމާ ވިއްކާލުމުގެ ވިސްނުމެއް ނެތް،" ސްޕެއިނުގެ ނޫހަކަށް ހެއްލާފީ ދިން އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

ރެކޯޑް ޓްރާންސްފާ ފީއެއް ކަމަށްވާ 264 މިލިއަން ޑޮލަރަށް ނޭމާ ޕީއެސްޖީ އަށް ބަދަލުވީ އެ ޓީމާ އެކު ގިނަ ކާމިޔާބީތަކެއް ހޯދުމަށެވެ. އޭގެ ތެރެއިން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ނޭމާގެ އޭޖެންޓް ސިފަކުރީ ޕީއެސްޖީ އަށް ޗެމްޕިއަންސް ލީގު ހޯދައިދިނުމެވެ. ދާދި ފަހުން ނޭމާ ވެސް ވަނީ ޕީއެސްޖީން ޗެމްޕިއަންސް ލީގު ހޯދާނެ ކަމަށް ބުނެފަ އެވެ.

ޕީއެސްޖީން ޗެމްޕިއަންސް ލީގު ހޯދަން ކުރާ މަސައްކަތް ކާމިޔާބުވެއްޖެނަމަ އެ ޓީމުން ނޭމާ ވިއްކާލަފާނެތޯ ސުވާލުކުރުމުން ހެއްލާފީ ވިދާޅުވީ ނޭމާ އަކީ ވަކި ވަގުތަކަށް ޕީއެސްޖީން ގެނައި ކުޅުންތެރިއެއް ނޫން ކަމަށެވެ.

"ގިނަ ކްލަބްތަކަށް އެނގޭނެ ނޭމާއާ ބެހޭގޮތުން ޕީއެސްޖީން ދެކެނީ ކިހިނެއްކަން. މީޑިއާގައި ދެކެވޭ ހުރިހާ ވާހަކައެއް އަހަރެމެންނަށް ފެނުނަސް އޭގެ އަށް ޖަވާބު ދިނުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ނުދެކެން. ޔަގީނުން ވެސް އެނގޭ ކަމަކީ ނޭމާ އާއި މި ކްލަބާ ދެމެދު އޮތީ ވަރުގަދަ ގުޅުމެއް. ވަރަށް ގިނަ އަހަރުތަކެއް ވަންދެން ނޭމާ މި ޓީމަށް ކުޅޭނެ،" ހެއްލާފީ ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާގޮތުން ނޭމާ ޕީއެސްޖީއާ އެކު ހަދާފައިވާ އެއްބަސްވުމުގެ ފުރަތަމަ ތިން އަހަރު ނިމުމުން ވަކި ކަންތައްތަކެއް ހާސިލްނުވާނަމަ އޭނާ ބޭނުންވާ ކްލަބަކުން 120 މިލިއަން ޔޫރޯގެ ބިޑެއްކޮށްފިނަމަ އޭނާ ދޫކޮށްލަންޖެހޭ ގޮތަށް ވަނީ އެއްބަސްވުމުގައި ހިމަނައިފަ އެވެ. ނޭމާ ޕީއެސްޖީގައި ތިން އަހަރު ވާނީ 2020 ވަނަ އަހަރުގެ ޖުލައި މަހުގަ އެވެ.

"އެއްބަސްވުމުގައި ހުންނާނީ ދެ ފަރާތުން ރުހޭނަމަ ނިންމާނެ ކަންތައްތައް. ވަކި ފަރާތަކަށް ބުރަވާ ކަންތައްތަކެއް ނުހުންނާނެ،" ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރު އެންޓެރޯ ހެންރީކޭ ބުނެފައިވެ އެވެ.

މި ވަގުތު އަނިޔާއެެއްގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ނޭމާ ވަރަށް އަވަހަށް ކުޅުމަށް އެނބުރި އަންނާނެ ކަމަށް އެ ކްލަބުން ބުނެ އެވެ.