25 ފެބުރުއަރީ 2019 - 09:08

ބޮލޯނިއާ (ފެބްރުއަރީ 25) – އިޓާލިއަން ލީގުގައި ރޭ ރަށުން ބޭރުގައި ބޮލޮނިއާ އަތުން 1-0 އިން މޮޅުވެ ޔުވެންޓަސް އިން އެއް ވަނައިގައި ލީޑު ދެމެހެއްޓި އިރު، ފިއޮރެންޓީނާއާ 3-3 އިން އެއްވަރުވެ އިންޓަ މިލާނަށް ހާސްކަމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ޕައޮލޯ ޑީބަލާގެ ލަނޑުން މޮޅުވެ ޔުވެންޓަސް އެއް ވަނައިގައި އޮތީ 69 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 56 ޕޮއިންޓާ އެކު އޮތް ނަޕޯލީ ވަނީ ރޭ ރަށުން ބޭރުގައި ޕާމާ އަތުން 4-0 އިން މޮޅުވެފަ އެވެ.
ތިން ވަނައިގައި އޮތް އިންޓަ އަށް މައްސަލަތަކާ ކުރިމަތިވީ ފަހު ވަގުތު ފިއޮރެންޓީނާ އިން ޕެނަލްޓީއަކުން ވައްދާލި ގޯލާ އެކު 3-3 އިން އެއްވަރުކުރުމުންނެވެ. މި މެޗުން މޮޅުނުވުމުން އިންޓަ އަށް ވަނީ ތިން ވަނައިގައި ލީޑު އަލުން ފުޅާކުރަން ލިބުނު ފުރުސަތު ގެއްލިފަ އެވެ. ތިން ވަނައިގައި 47 ޕޮއިންޓާ އެކު އޮތް އިންޓައާ ހަތަރު ވަނައިގައި 45 ޕޮއިންޓާ އެކު ވާދަވެރި އޭސީ މިލާނާ ދެމެދު އޮތީ އެންމެ ދެ ޕޮއިންޓުގެ ފަރަގެކެވެ. އަދި ފަސް ވަނައިގައި 44 ޕޮއިންޓާ އެކު އޮތް ރޯމާއާ އޮތީ ތިން ޕޮއިންޓުގެ ފަރަގެކެވެ. އެހެންވެ ކުރިއަށް އޮތް ހަފުތާގެ މެޗުތަކާ އެކު އިންޓަ ފަސް ވަނަ އަށް ވެއްޓުމުގެ ފުރުސަތު ވެސް އެބައޮތެވެ.
ފްލޮރެންސްގައި ކުޅުނު މެޗުގެ 16 ވަނަ ސިކުންތުގައި އިންޓަގެ ޑިފެންޑަރު ސްޓެފަން ޑި ވްރައި އަތުން ބައިކޮޅަށް ވަން ލަނޑުން ފިއޮރެންޓީނާ އަށް ލީޑު ލިބުނެވެ. އޭގެ ފަހުން އިންޓަ އިން ފަހަތުން އަރައި ކުރި ހޯދީ މަތިއަސް ވެޗީނޯ އާއި މަޓެއޯ ޕޮލިޓާނޯ ޖެހި ގޯލްތަކާއި އިވާން ޕެރިސިޗް ކާމިޔާބުކުރި ޕެނަލްޓީންނެވެ. ފިއޮރެންޓީނާގެ އެޑިމިލްސަން ފެނާންޑެޒްގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ބަލައި ރެފްރީ ދިން ޕެނަލްޓީއާ މެދު ސުވާލު އުފެދެ އެވެ. އޭގެ ފަހުން ފިއޮރެންޓީނާގެ ލުއިސް މުރިއެރްގެ ގޯލް ޖަހައި ތަފާތު ކުޑަކޮށްފައިވަނިކޮށް އެއްވަރުކުރީ ފަހު ފަހު ވަގުތު ލިބުނު، ސުވާލު އުފެދޭ ފަދަ ޕެނަލްޓީއަކުންނެވެ.