އެތުލެޓިކޯ މަގާމު ދެމެހެއްޓިއިރު، ރެއާލަށް މޮޅެއް
އެތުލެޓިކޯ މަގާމު ދެމެހެއްޓިއިރު، ރެއާލަށް މޮޅެއް

މެޑްރިޑް (ފެބްރުއަރީ 25) - ސްޕެނިޝް ލީގުގައި ރޭ ވިޔަރެއާލް އަތުން 2-0 އިން މޮޅުވެ އެތުލެޓިކޯ މެޑްރިޑުން ދެ ވަނަ މަގާމު ދެމެހެއްޓިއިރު، ރަށުންބޭރުގައި ލެވަންޓޭއާ ދެކޮޅަށް ކުޅުނު މެޗުން 2-1 އިން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ.

ލީގުގެ އެއް ވަނައިގައި ބާސެލޯނާ އޮތީ 25 މެޗުން 57 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ އަށް 25 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި ރެއާލް އޮތީ 25 މެޗުން 48 ޕޮއިންޓާ އެކު އެވެ.

ރޭގެ މެޗުގައި ވިޔަރެއާލް ކޮޅަށް އެތުލެޓިކޯގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 31 ވަނަ މިނިޓްގައި އަލްވާރޯ މޮރާޓާ އެވެ. ފިލިއްޕޭ ލުއިޒް ނަގައިދިން ބޯޅަ މޮރާޓާ ވަނީ ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ. ޗެލްސީން ލޯން އެއްބަސްވުމުގެ ދަށުން މިދިޔަ މަހު އެތުލެޓިކޯ އަށް ބަދަލުވި މޮރާޓާ އަންނަނީ ފަހަކަށް އައިސް މޮޅު ކުޅުމެއް ދައްކަމުންނެވެ.

މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް އެތުލެޓިކޯގެ ދެ ވަނަ ލަނޑު ޖެހީ ސައުލް ނިގޭޒް އެވެ. އޭނާ މި ލަނޑު ޖެހީ ޑިއޭގޯ ކޮސްޓާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

ލެވަންޓޭ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ރެއާލަށް ލިބުނު ޕެނަލްޓީ އަކުން ލީޑުނަގައިދިނީ ކަރިމް ބެންޒެމާ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން މެޗުގެ 60 ވަނަ މިނިޓްގައި ރޮޖާ މާޓީ ވަނީ ލެވަންޓޭ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

ރެއާލް މޮޅުކޮށްދިން ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ގަރެތު ބޭލް އެވެ. ކަސެމީރޯ އަށް ކުރި ފައުލަަކަށް ލިބުނު ޕެނަލްޓީ އަކުން ބޭލް މި ގޯލު ކާމިޔާބުކުރިއިރު، އޭނާ އުފާފާޅެއް ނުކުރެ އެވެ. އެންމެ ފަހުން ރެއާލް ކުޅުނު މެޗުތަކުގައި ފުރަތަމަ 11 އިން ފުރުސަތު ނުދޭތީ ބޭލްގެ ހިތްހަމަނުޖެހުންތަކެއް ހުރި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

"ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރުމާއި ނުކުރުން އޮންނަނީ ކުޅުންތެރިއާ އަތްމަތީގައި. ޗޭންޖިން ރޫމުގައި ބޭލް ހުރީ އުފަލުން. ޓީމު މޮޅުކޮށްދިން ގޯލު ޖެހީ އޭނާ. މީޑިއާގައި ދައްކާ ވާހަކަތަކަށް އަހަރެން ސަމާލުކަމެއް ނުދެން،" ބޭލްގެ ހިތްހަމަނުޖެހުންތަކާ ބެހޭގޮތުން ރެއާލުގެ ކޯޗު ސަންޓިއާގޯ ސޮލާރީ ބުންޏެވެ.

ރޭގެ މެޗުގައި ލެވަންޓޭ އާއި ރެއާލް ވެސް ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. މެޗުގެ 86 ވަނަ މިނިޓްގައި ރެއާލުގެ ނަޗޯ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކިއިރު، އޭގެ ދެ މިނިޓް ފަހުން ލެވަންޓޭގެ ރުބެން ރޮޗީނާ އަށް ވެސް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ.