28 މެއި 2016 - 18:41

ތިޔައީ އަދި ތަމްރީން ހެދިފައި ނެތް ދާއިރާއެކެވެ. އަތުބޮމަކީ ނުރައްކާތެރި އެއްޗެއްކަން ވެސް އެނގެ އެވެ. ބައިސާކަނޑާލަން ވެސް އެކަހަލަ ހާދިސާއެއް ތަޖުރިބާނުކުރެވެ އެވެ. އެކަމަކު ވެސް ބުނަމެވެ. އެއްލާ ކޮންމެ ބޮމެއް ނުގޮވަ އެވެ. ގޮވާފާނެކަން ކަށަވަރުވެއްޖެ ނަމަ ދެން ހަދާނެ ގޮތެއް ނޭނގެ އެވެ. އަހަންނަށް ކުރެވެން އޮތްހައި ކަމަކީ ވެސް، އޭގެ ނުރައްކާ ތަކުރިބާކުރި މީހަކު ކިޔައިދިން ވާހަކައެއް ތަރުޖަމާކުރުމެވެ.

"ބޮސްނިއާ ހަނގުރާމާގައި އަތުބޮމަކީ ވަރަށް އާންމު އެއްޗެކެވެ. ގޭބިސީތަކުގައި ވެސް އެހައި އާންމެވެ. ކަބަޑަށް ލައިގެން ގެންގުޅެވޭ ވަރަށް ވުރެ ނުރައްކާތެރި އެއްޗެއްކަން އެނގޭއިރު ވެސް އެވެ. އޭގެ ސަބަބުން ނަސީބު ދެރަ އެތައް ބަޔަކު ވަނީ އަނދާ ހުލިވެފަ އެވެ. އަހަންނަށް ވެސް އަތުބޮމެއްގެ ސަބަބުން ވަރަށް ބޮޑު ލަނޑެއް ލިބުނެވެ. ބޮސްނިއާގެ ކެފޭއެއްގައި އަހަރެމެން ތިބީމެވެ. ކޮފީއެއްގައި މަޖާ އަނގަ ތެޅުމުގަ އެވެ. މުޅި ކެފޭ އޮތީ ފުރިބާރުވެފަ އެވެ. އެއިރު ހަނގުރާމަ އޮތީ ގާތްގަނޑަކަށް ނިމިފަ އެވެ. ބޮޑެތި މީހުންނާއި ކުޑަކުދިން ބޭރަށް ނިކުމެ ޕާކުތަކުގައި ކުޅެން އުޅެ އެވެ.
އަހަރެމެން ތިބި ކެފޭ ތެރެ އަށް ހަނގުރާމަވެރިއަކު ވަނުމުން ކުއްލި ސިހުމެއް ލިބުނެެވެ. އޭނާ އައީ ކަރު ތެންމާލާށެވެ. އެއިރު ވެސް ހުރީ ކޮންމެވެސް ވަރަކަށް މަސްތުވެފަ އެވެ. މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. އޭނާ ދިޔަ ގޮތަށް ގޮސް ކައުންޓަރު ކައިރީގައި މަޑުކޮށްލި އެވެ.
އޭނާގެ އަތުގައި އެއްވެސް ކަހަލަ ހަތިޔާރެއް ނެތެވެ. މި ބުނީ ބަޑި އާއި ފިސްތޯލައިގެ ވާހަކަ އެވެ. އެކަމަކު ބެލްޓްގައި ހަރުކޮށްލާފައި ދެ ބޮން އޮތެވެ.އޭނާ އެހާ އުފަލުން ހުރީ ކީއްވެކަމެއް ނޭނގެ އެވެ. އޭނާ ބޯން ހުރި ތަށި އުފުލާލައި، ކެފޭގައި ތިބި މީހުންނާ ދިމާ އަށް ދިއްކޮށްލި އެވެ. އޭނާގެ އުފަލުގައި ކޮންމެވެސް މީހަކު ބައިވެރިވޭތޯ އެވެ. ނަސީބު ދެރަކަމުން ކަމަށް ވެދާނެ އެވެ. އޭނާގެ ނަޒަރު ހުއްޓުނީ އަހަރެމެން ތިބި މޭޒަށެވެ.
އޭނާ އައި ގޮތަށް އައިސް މޭޒު ކައިރި އަށް ހުއްޓުނެވެ. "ހާދަ މަޖާވެފައި ތިބި ކުދިންކޮޅެކޭ" ބުންޏެވެ. އަހަރެމެންނަށް ނޭނގި ނަމަވެސް ތިބެވުނީ އޭނާގެ އުފަލުގައި ބައިވެރިވެވިފަ އެވެ. އަދި ވެސް ބުންޏެވެ. "ތިޔަ ކަމަށްޓަކައި ކަލޭމެންނަށް މި އޮތީ ހަދިޔާ"އެކެވެ. އެހެން ބުނެފައި އެ ތަނުން އެ ބޮން ނަގައި މޭޒު މަތީގައި ބޭއްވި އެވެ.
އަހަރެމެންނަށް 18 އަހަރު ފުރި ހޭވެރިވީ ހަނގުރާމައިގެ ތެރޭގަ އެވެ. އެހެންވެ ފިސްތޯލަ އާއި ބަޑި އަދި އަތުބޮމަކީ ކޮބައިކަން އެނގެ އެވެ.
ހަދިޔާއެއް ނުދިނަސް އެންމެ ރަނގަޅުވާނެ ކަމަށް ބުނީމެވެ. އަދި އޭނާ އަވަހަށް ފޮނުވާލުމުގެ ބޭނުމުގައި އިތުރު ޑްރިންކެއް ވެސް ދެވިދާނެ ކަމަށް ބުނީމެވެ. އޭނާ ވެސް ކަމެއް ކޮށްދޭން ބޭނުން ކަމަށް ބުނެ، އެ ބޮން އަތަށް ނެގި އެވެ.
އެއީ ހަމަ އެއްލާއިރަށް ގޮވާ ޒާތުގެ ބޮމެއް ނޫނެވެ. ގޮއްވާލުމަށްޓަކައި ޖެހޭނީ ފިއުޒު މަތިގައި އަލާފައި އޮންނަ ތަންޑެއް ނައްޓާލާށެވެ. އަދި ތަނެއްގައި ޖެހޭ ގޮތަށް އެއްލާށެވެ. އެ އަށް ފަހު ފަސް ސިކުންތު ތެރޭގައި އެ ގޮވާނެ އެވެ.
އެއީ އަސްލު ބޮމެއްކަން ދެއްކުމަށް ފިއުޒުގެ ތަންޑު އޭނާ ނައްޓާލި އެވެ. މަސްތުވެފައި ހުރުމުން އަރިއަޅާލައި އޭނާގެ އަތުން ބޮން ދޫވި އެވެ. އެ ވެއްޓުނީ އަހަރެމެން ތިބި މޭޒު ކައިރި އަށެވެ. ތަޅުންގަނޑުގައި ޖެހުމާ އެކު "ޓޮއް" އަޑެއް ގޮވި އެވެ. މާނަ އަކީ ސަލާމަތްވުމަށް އޮތް ފަސް ސިކުންތު ހިނގަން ފެށީ އެވެ.
އަހަންނާ އެންމެ ގާތުގައި އިން އެކުވެރިޔާ ފުންމައިގެން ތެދުވެ ބޮމުގައި ފައިން އަޅުވާލި އެވެ. އެ ގޮސް މަޑުޖެހުނީ ކަނަކަށް ވާ ގޮތަށް، ފާރެއް ކައިރިއަށެވެ. ބަލާކަށް ނުތިބެމެވެ. ބަރު ލަކުޑިން ޖަހާފައި ހުރި މޭޒު ވައްޓާލައި، ބޮމާ ދިމާ އަށް އަނބުރާލީމެވެ. ބޭނުމަކީ ބުރައިގެން އަންނަ އެތިގަނޑަކުން ސަލާމަތްވުމެވެ.
ކެފޭ ތެރޭގައި މީހުން ކޮޅުކޮޅަށް ދުވަން ފެށި އެވެ. އެކަކު ވެސް ހަމަ ހޭގައި ނެތެވެ. ހަމަ ގައިމު ވެސް ދުވެ ގޮސް ބޭރަށް ނިކުންނާނެ ވަގުތެއް އެކަކަށް ވެސް ނެތެވެ. އަހަރެން ގަސްދުކުރީ ދެތިން މީޓަރު ދުރަށް ފުންމާލެވޭތޯ އެވެ. ތަޅުންގަޑުގައި ފައި ވިއްދައި ފުންމާލުުމުން ގޮސް ޖެހުނު ޖެހުން ލުއި ނޫންކަން އިހުސާސްކުރެވުނީ ހުރިހާ ކަމެއްވެ ނިމުނު ފަހުންނެވެ. އުނަގަނޑުގައި އެޅި ވޭނުން އެކަން ކަށަވަރުވި އެވެ.
ބޮން އޮތް ކޮޅަށް ފައިތިލަ ވާ ގޮތަށް، ތަޅުންގަނޑުގައި ބަނޑުވަތަށް އޮތީމެވެ. ބޯ ނިވައިކުރެވޭތޯ ދެ އަތުން މަސައްކަތްކުރީމެވެ. ބާރުގަދަ އަޑުގެ ސަބަބުން ކަންފަތް ފަޅައިގެން ހިނގައިދާނެ ކަމަށް، އަނގަ ތަން މިނަށް ހުޅުވީމެވެ. އިތުރު ކަމެއް ކުރާނެ ވަގުތެއް ދެން ނުލިބުނެވެ. ބޮން ގޮވައިފި އެވެ.
ގަދަ އޮއިވަރެއް ގޮތުގައި ކުރެވުނު އިހުސާސާ އެކު ހީވީ އޮތް ތަނުން އުފުލުނު ހެންނެވެ. އަޑު މަޑުވެ މައިރިވުމަށް ފަހު ވެސް، އިރުކޮޅެއް ވަންދެން އޮތީމެވެ. ގައިގެ އެއްވެސް ތަނެއްގައި އާދަޔާ ޚިލާފު ދަތެއް އިހުސާސްކުރެވޭތޯ އެވެ. ބޮލުގެ ކަނާތް ފަރާތުގައި ތަދެއް ވާތީ އަތް ޖައްސާލީމެވެ. ވިއްސައިގެން އައި އެތިކޮޅެއް އިސްތަށިގަނޑުގައި ތާށިވެފައި އޮތެވެ. އެ ދިމާއިން ބޮލުގެ ހަމުގައި ކޮންމެ ވެސް ވަރަކަށް ދިލަ ހުއްޓެވެ. ބޮޑު ލޯވަޅެއް ނެތެވެ. ވީ އުފަލުން ފުންމައިގެން ތެދުވީމެވެ.
މުޅި ތަނުގައި ބޯ ދުމާއި ހިރަފުހެވެ. އެއްކަލަ މޭޒު އޮތީ ދެތިން މީޓަރަށް ކެހިފަ އެވެ. އެކުވެރިން ކޮބައިތޯ ބެލީމެވެ. ބޮމުގެ އެތިކޮޅެއް ޖެހި އެކެއްގެ ފައިތިލަ އަށް އަނިޔާވި އެވެ. އަނެކެއްގެ އަތުން ތެޔޮހަން ގޮސް މެށުނެވެ. އެކަކަށް ވެސް ބޮޑު އަނިޔާއެއް ނުލިބެ އެވެ.
ކެފޭގައި ތިބި މީހުންގެ ތެރެއިން އެކި މީހުންނަށް އެކި ވަރުގެ އަނިޔާ ލިބުނެވެ. ބައެއް މީހުންގެ ގައިގައި ލޭ ވެސް ހުއްޓެވެ. އެކަކު ވެސް މަރެއް ނުވެ އެވެ.
އެއީ ތަންކޮޅެއް ބާރު ދެރަ ވައްތަރެއްގެ ބޮމެއްކަން އަހަރެމެންނަށް ފަހުން އެނގުނެވެ. އެކަމަކު ވެސް އަހަރެމެންނަށް އެ ގޮތަށް ހަރަކާތްތެރި ނުވެވުނު ނަމަ ލިބުނު ގެއްލުން ބޮޑުވީސް ކަމަށް މީހުން ސަލާމަތްކުރުމުގައި އުޅުނު ތަޖުރިބާކާރުން ބުންޏެވެ.
މިއީ އަތުބޮމަކުން ބަޔަކު ސަލާމަތްވި ގޮތެވެ. އަތުބޮމަކުން ސަލާމަތްވުމަށް އޮތް ގައިޑްލައިނެއް ނޫނެވެ.